އީލޮން މަސްކްގެ "ސްޓާލިންކް" އާ މައިކްރޮސޮފްޓް ގުޅިއްޖެ

ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ހަލުވި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް، މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ ދަށުން ކުރިއަށް ގެންދާ "ސްޓާލިންކް" ޕްރޮޖެކްޓާ މައިކްރޮސޮފްޓް ގުޅިއްޖެ އެވެ.


އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ މައިކްރޮސޮފްޓުން ބުނީ އެތަނުގެ ކްލައުޑް ކޮމްޕިއުޓިން އަށް ހާއްސަ ކުންފުނި އެޝުއާގެ އެޝުއާ ސްޕޭސް އިން "ސްޓާލިންކް" އާ ގުޅުމުން ސެޓެލައިޓް ޑާޓާ އެނަލައިޒްކޮށް، ސްޕޭސް މިޝަންތަކުގެ ސިމިއުލޭޝަނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

ދެ ކުންފުނީ މެދުގައި ހެދި ޕާޓްނާޝިޕްގެ ދަށުން ދުނިޔޭގެ ލޯ އޯބިޓްގެ ތެރޭގައި ސެޓެލައިޓް ވިއުގަ ގާއިމުކުރުމުގައި ބޮޑެތި ކުރިއެރުންތައް ހޯދޭނެ ކަމަށް ބުންޏެވެ. "ސްޓާލިންކް" ގެ ޕްރޮޖެކްޓްގެ ދަށުން ޖައްޗަށް ޖުމްލަ 1،440 ސެޓެލައިޓް ދޫކޮށްލަން ނިންމާފައިވާ އިރު. މިހާތަނަށް ވަނީ 835 ސެޓެލައިޓް ފޮނުވާލައިފަ އެވެ. ބާކީ ހުރި އަދަދު އަންނަ އަހަރާއި 2022 ގެ ތެރޭގައި ހަމަކުރާނެ އެވެ.

އެޝުއާ ސްޕޭސް އިން ބުނި ގޮތުގައި "ސްޓާލިންކް" އާ ގުޅިގެން ކުރާ މަސައްކަތުން ފައިދާކުރާނީ ޖައްވީ ސްޕެސް އިންޑަސްޓްރީއަކަށް ނޫނެވެ. އޭގެ އިތުރުން ހަކަތަ އާއި ދަނޑުވެރިކަމާއި މުއާސަލާތީ އެކިއެކި ޕްރޮޖެކްޓްތަކަށް މަގުފަހިވެގެން ދާނެ އެވެ.

އެޝުއާ ގްލޯބަލްގެ މައިކްރޮސޮފްޓް ވައިސް ޕްރެޒިޑެންޓް ޓޮމް ކީން ވިދާޅުވި ގޮތުގައި "ސްޓާލިންކް" އާ ގުޅުންވެގެން ދާނީ ކްލައުޑް ކޮމްްޕިއުޓިން ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ލިބި، މައިކްރޮފްޓްގެ ހިދުމަތް ހޯދާ އެތައް ހާސް ބައެއްގެ މަސައްކަތްތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.

"މި ދާއިރާގައި މިހާރު އަހަރެމެންނަށް ހުރި ހުރި ގޮންޖެހުންތަކަށް ސްޓާލިންކާ ގުޅުމުން ހައްލު ލިިބިގެން ގޮސް މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެ. ނެޓްވޯކް ވަރުގަދަވި ވަރަކަށް މިހާރު ކުރިއަށް ދެވެން އޮތީ،" އޭނާ ވިދާޅުވި އެވެ.

މައިކްރޮސޮފްޓްގެ ކްލައުޑް ކޮމްޕިއުޓިން ނެޓްވޯކް މިހާރު ފަތުރާފައި އޮތީ ކަނޑުގެ އަޑިން 160،000 މޭލަށް ވުރެ ބޮޑު ރާސްތާއަކަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށް ގެންދިއުމަކީ އެންމެ ފަހި ގޮތެއް ނޫނެވެ. އެހެންވެ "ސްޓާލިންކް" ޕްރޮޖެކްޓާ އެކު މާ ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މައިކްރޮސޮފްޓުން ގަބޫލުކުރެ އެވެ.

އެގޮތުން އެ ކުންފުނިން ސިފަކުރާ ގޮތުގައި "ސްޓާލިންކް" އާ ގުޅިގެން ބިނާކުރާނީ "މަލްޓި-އޯބިޓް"، "މަލްޓި-ބޭންޑް"، "މަލްޓި-ވެންޑާ" އަދި "ކްލައުޑް-އިނޭބަލްޑް" ހިދުމަތެކެވެ.

މައިކްރޮސޮފްޓުން ބުނީ މި މަސައްކަތުގެ ތެރެއިން އެކަށީގެންވާ ގޮތަށް ކްލައުޑް ކޮމްޕިއުޓިން މަސައްކަތްނުކުރާ ސަރަހައްދުތަކުގައި އެތަނުގެ ޕޯޓަބަލް އެޒްއާ މޮޑިއުލާ ޑޭޓާސެންޓާ (އެމްޑީސީ) ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

"ސްޓާލިންކް" އާ ގުޅިގެން ކުރާ މަސައްކަތްތަކާ އެކު މައިކްރޮސޮފްޓަކީ ޖައްވުގައި ކްލައުޑް ކޮމްޕިއުޓިންއާ ގުޅޭ މަސައްކަތްކުރުމުގެ އެންމެ ފުރަތަމަ ލިބޭ އެއް ކުންފުންޏެވެ.