ހެލިކޮޕްޓަރު ވެއްޓި މަރުވި ކޯބީ އާއި ޖިއާނާގެ ނަން އެމެރިކާގެ މަގުބޫލު ނަން ލިސްޓަށް

މި އަހަރުގެ ޖެނުއަރީ މަހު ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާއެއްގައި މަރުވި އެމެރިކާގެ މަޝްހޫރު ބާސްކެޓް ލެޖެންޑް ކޯބީ ބްރަޔަންޓާއިި އޭނާގެ އަންހެން ދަރިފުޅު ޖިއާނާގެ ނަން އެމެރިކާގައި މި އަހަރު އެންމެ މަގުބޫލުވި ނަންތަކުގެ ތެރޭގައި ހިމެނިއްޖެ އެވެ.


ދަރިމައިވުމާ ބެހޭ ގޮތުން މައުލޫމާތު އެއްކުރާ އޮންލައިން މީޑިއާ ކުންފުނި ބޭބީ ސެންޓަރުން ބުނި ގޮތުގައި ކޯބީ އާއި ޖިއާނާގެ ނަމަކީ މި އަހަރު އެމެރިކާގައި ވިހޭ މީހުން އެ މީހުންގެ ދަރިންނަށް އެންމެ ގިނައިން ދިން ނަންތަކުގެ ތެރޭގައި ހިމެނޭ ނަންތަކެވެ. މި އަހަރު އެންމެ މަގުބޫލުވި 100 ނަން ހިމަނައިގެން ބޭބީ ސެންޓަރުން ނެރުނު ލިސްޓް ދައްކާ ގޮތުން ކޯބީ، 41، އާއި ޖިއާނާ، 13، ގެ ނަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އާންމުންގެ މެދުގައި ވަރަށް މަގުބޫލު ބާސްކެޓް ތަރިއެއްގެ ގޮތުގައި ފާހަގަވެގެން ދިޔަ ކޯބީގެ ނަމުގެ މަގުބޫލުކަން 175 ޕަސެންޓަށް އުފުލިފައިވާ އިރު، ޖިއާނާގެ ނަން 216 ޕަސެންޓަށް އުފުލިފައިވެ އެވެ.

ލިސްޓް ދައްކާ ގޮތުން ޖިއާނާގެ ނަން އޮތީ އެންމެ މަގުބޫލު 100 ނަމުގެ ލިސްޓްގެ 24 ވަނައިގަ އެވެ. ބޭބީ ސެންޓަރުން ފާހަގަކޮށްފައިވާ ގޮތުގައި މި އަހަރު ވިހޭ ގިނަ ފިރިހެން ކުދިންނަށް ކޯބީ ކިޔާފައިވާ އިރު، ގިނަ އަންހެން ކުދިންނަށް ޖިއާނާގެ ނަން ދޭން ގިނަ މީހުން ބޭނުންވީ އެ މީހުންގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ.

ބޭބީ ސެންޓަރުގެ ގްލޯބަލް އެޑިޓަ-އިން ޗީފް ލިންޑާ މުރޭ ވިދާޅުވި ގޮތުގައި 2020 އަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ނުތަނަވަސް އަހަރެކެވެ. އެގޮތުން އެމެރިކާގެ ގިނަ ބަޔަކު ލޯބިވާ ބާސްކެޓް ތަރިއަކާއި އޭނާގެ އަންހެން ދަރިފުޅާއި އިތުރު ހަތް މީހަކު ހެލިކޮޕްޓަރު ވެއްޓުނު ނުރައްކާތެރި ހާދިސާއެއްގައި މަރުވުމުގެ އިތުރަށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދަރިން ހޯދުމުގެ ޕްލޭންތަކަށް ވެސް ބޮޑެތި އަސަރުތަކެއްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ޖުމްލަކޮށް ބުނަންޏާ މި އަހަރަކީ އާއިލާތަކަށް ވަރަށް އުނދަގޫ ނުތަނަވަސްކަން ބޮޑު އަހަރެއް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ވެސް ބައެއްގެ އަގުވަޒަންކޮށް ހަނދާން އާކުރަން މީހުން އެ މީހުންގެ ދަރިންނަށް ނަން ދިނުމުގައި ހާއްސަ އުސޫލުތަކެއް ގެންގުމަކީ އުފާކުރަން ޖެހޭ ކަމެއް."

ލިންޑާ ވިދާޅުވި ގޮތުގައި މި ޓްރެންޑް އަންނަ އަހަރަށް ދެމިގެންދާނެ ކަމަށް ވެސް ބެލެވެ އެވެ.

މި އަހަރު އެމެރިކާގައި އެންމެ މަގުބޫލުވި އަންހެން ނަންތަކުގެ ތެރޭގައި މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންގެ ރަނިންމޭޓް ކަމާލާ ހަރިސްގެ ނަން ވެސް ހިމެނެ އެވެ. އެ ނަމުގެ މަގުބޫލުކަން މިދިޔަ އަހަރުން ފެށިގެން ވަނީ 104 ޕަސަންޓަށް އުފުލިފަ އެވެ.

މަގުބޫލުކަން އެންމެ ކުޑަވި ނަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ނަމަކީ ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕްގެ ނަމެވެ. އެ ނަމުގެ މަގުބޫލުކަން ވަނީ މިދިޔަ އަހަރުން ފެށިގެން ދަށްވާން ފަށައިފަ އެވެ. އެގޮތުން މިދިޔަ އަހަރު އެންމެ މަގުބޫލު ފިރިހެން ނަންތަކުގެ 160 ގައި ޓްރަމްޕް އޮއްވައި މިހާރު އޮތީ 981 ވަނައިގަ އެވެ.

އެމެރިކާގައި 2010 އިން ފެށިގެން މިހާތަނަށް އައި އިރު ވެސް އެންމެ މަގުބޫލު އަންހެން ނަމަކީ ސޯފިއާ އެވެ. އަދި ގަދަ ފަހެއްގައި މި އަހަރު ހިމެނޭ އިތުރު ނަންތަކަކީ އޮލީވިއާ، ރައިލީ، އެމާ އަދި އާވާ އެވެ. މި އަހަރާއި މިދިޔަ އަހަރު ވެސް އެންމެ މަގުބޫލު ފިރިހެން ނަމަކީ ލިއަމް އެވެ. އަދި ގަދަ ފަހެއްގައި ހިމެނޭ ނަންތަކަކީ ނޯއާ، ޖެކްސަން، އައިޑެން އަދި އެލީޖާ އެވެ.

މި އަހަރުގެ އެންމެ މަގުބޫލު 100 ނަން ފާހަގަކޮށްފައި ވަނީ މި އަހަރުގެ މިހާތަނަށް ވިހޭ 500،000 ކުދިންގެ މައުލޫމާތު އެއްކޮށްގެންނެވެ.