އެމެރިކާގައި އެންމެ މަގުބޫލު 10 ނަމުގެ ތެރޭގައި "މުހައްމަދު" ހިމެނިއްޖެ އެވެ.
އެމެރިކާގެ ޕޭރެންޓިން ވެބްސައިޓް ބޭބީ ސެންޓަރުން 600،000 ކުދިންގެ މައުލޫމާތު ހޯދައިގެން އެކުލަވާލާފައި ލިސްޓްގައި މުހައްމަދު އޮތީ 10 ވަނައިގަ އެވެ. އެ ނަން އެންމެ ފުރަތަމަ އެމެރިކާގެ އެންމެ މަގުބޫލު 100 ނަމުގެ ލިސްޓުން ޖާގަ ހޯދީ 2013 ގަ އެވެ. ބޭބީ ސެންޓަރުން ބުނިގޮތުގައި ފާއިތުވި އަހަރުތަކުގައި މުހައްމަދުގެ ނަން އައީ އެމެރިކާގައި ވަރަށް މަގުބޫލުވެ، އެ ގައުމުގެ އާއިލާތަކުގެ ފިރިހެން ކުދިންނަށް ކިޔާ އާންމު ނަމުގެ ތެރޭގައި ހިމެނެމުންނެވެ.
ބޭބީ ސެންޓަރުގެ ގްލޯބަލް އެޑިޓަ އިން ޗީފް ލިންޑާ މުރޭ ވިދާޅުވި ގޮތުގައި ފިރިހެން ދަރިންނަށް މައިންބަފައިން މުހައްމަދުގެ ނަން ދެނީ ކީރިތި ރަސޫލާ އަށް ނިސްބަތްކޮށެވެ. އަދި އެއީ ބަރަކާތްތެރި ނަމެއްގެ ގޮތުގައި ވެސް ގިނަ އާއިލާތަކުން މިހާރު ދެކޭ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގައި މުހައްމަދު މަގޫބުލުވަމުން އަންނަ އިރު، ނަން ލިޔުމުގައި ތަފާތު ގޮތްގޮތް ބޭނުންކުރާކަން ވެސް ބޭބީ ސެންޓަރުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެންމެ އާންމުކޮށް ނަން ލިޔެ އުޅެނީ Mohammad އަދި Muhammad މި ގޮތަށެވެ.
އެމެރިކާގައި މި އަހަރު އެންމެ މަގުބޫލު 10 ފިރިހެން ނަމުގެ ލިސްޓްގެ ކުރީގައި އޮތީ ލިއަމް އެވެ. އޭގެ ފަހަތުން ދެން އަންނަނީ ޖެކްސަން، ނޯއާ، އެއިޑެން، ގްރޭޒަން، ކޭޑެން، ލޫކަސް، އެލީޖާ އަދި އޮލިވާ އެވެ.
ފާއިތުވި ހަ އަހަރު އެންމެ މަގުބޫލު ފިރިހެން ނަމުގެ ގޮތުގައި އޮތީ ޖެކްސަން ކަމަށް ބޭބީ ސެންޓަރުން ބުންޏެވެ.
އެމެރިކާގައި މި އަހަރު އެންމެ މަގުބޫލު 10 އަންހެން ނަމުގެ ލިސްޓްގެ ކުރީގައި އޮތީ ސޯފިއާ އެވެ. އޭގެ ފަހަތުން ދެން އަންނަނީ އޮލީވިއާ، އެމާ، އާވާ، އާރިއާ، އީޒަބެލާ، އަމޭލިއާ، މިއާ، ރައިލީ އަދި އާލިއާ އެވެ.