ވަޓްސްއެޕް ޗެޓް ދާއިމީކޮށް މިއުޓްކުރެވޭ ގޮތް ހަދައިފި

ވަޓްސްއެޕްގެ މެސެޖު ނޮޓިފިކޭޝަން ދާއިމަށް މިއުޓްކުރެވޭ ގޮތަށް ހަދައިފި އެވެ.


ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގައި ކުރިން ޗެޓްތައް މިއުޓްކުރެވެނީ ވަން-ޓު-ވަން މުއާމަލާތަކާއި ގްރޫޕް ޗެޓްތައް އެއް އަހަރަށް ކަމަށް ވިޔަސް، އެ ޕްލެޓްފޯމަށް އަަލަށް ގެނައި އަޕްޑޭޓާ އެކު މިހާރު އެ މީހަކު ބޭނުންވާ މުއްދަތަކަށް ޗެޓް މިއުޓްކުރެވޭނެ އެވެ.

މިކަމަށް ވަޓްސްއެޕުން މަގުފަހިކޮށް ދެނީ އަލަށް އިތުރުކުރި ފީޗާ "އޯލްވޭޒް" އެވެ. މިއުޓްކުރަން ހަދަން ޖެހޭ ގޮތަކީ މިއުޓްކުރަން ބޭނުންވާ ގްރޫޕެއް ނުވަތަ ނަމެއް ހިޔާރުކޮށްފައި "މިއުޓް" ބަޓަނަށް ފިތާލައި، "އޯލްވޭޒް" އަށް ވެސް ފިތާލާނީ އެވެ. އޭރުން ދެން މިއުޓްކޮށްލި މީހަކާ އެ މީހަކު ބޭނުން މުއްދަތަކަށް މުއާލަމާތް ކެނޑޭނެ އެވެ.

ވަޓްސްއެޕުން ބުނީ މި ފީޗާ އެންޑްރޮއިޑާއި އޯއެސް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް ވެސް ލިބޭނެ ކަމަށެވެ.

މާކް ޒަކަބާގްގެ ފޭސްބުކުން 2014 ގައި ވަޓްސްއެޕްގެ މިލްކުވެރިަން ހޯދި ފަހުން އެއަށް އަންނަނީ އެކި ކަހަލަ ހެޔޮ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ދެން އެންމެ އަވަހަށް ގެންނާނެ އާ ފީޗާތަކުހގެ ތެރޭގައި ޑެސްކްޓޮޕް ވާޝަނަށް ވޮއިސް އާއި ވީޑިއޯ ކޯލް ގެނައުން ހިމެނެ އެވެ. ވަޓްސްއެޕް މޮބައިލް އެޕްގައި ވީޑިއޯ ކޯލް މިހާރު އަށް މީހުންނާ އެކު ހަދާލެވެ އެވެ.

ވަޓްސްއެޕް ވުޖޫދަށް އައީ މީގެ 11 އަހަރު ކުރިން 2009 ގަ އެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު ދެ ބިލިއަނަށް ވުރެ ގިނަ އެވެ.