ލައިފްސްޓައިލް / ސަޗިން ޓެންޑުލްކާ

ނެޕޮޓޮޒިމްގެ ތުހުމަތު ބޮލީވުޑުން ކްރިކެޓަށް

ނެޕޮޓިޒަމް ނުވަތަ ވަކި އާއިލާއެއްގެ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ވާހަކަ ބޮލީވުޑާ ހިސާބަކުން ނުހުއްޓެވެ. މިހާރު އެ އެ ވާހަކަ ގުޅުވަނީ އިންޑިއާގެ ކްރިކެޓާ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިންޑިއާގެ ލެޖެންޑް ސަޗިން ޓެންޑުލްކަރްގެ ދަރިފުޅު އަރުޖުން ޓެންޑުލްކަރްގެ ވާހަކަ ގިނަ ބަޔަކު މިހާރު ގުޅުވަނީ "ނެޕޮޓިޒަމް ހާލި"ން އުފަންވި ޒުވާނެއް ކަމަށް ބުނެ އެވެ.

އޭނާގެ ވާހަކަ މި ދުވަސްކޮޅު މީޑިއާތަކާއި ސޯޝަލް މީޑިއާގައި މާ ގަދައަށް ދެކެވެނީ މި އަހަރު ބާއްވާ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) 14 ވަނަ ސީޒަންގެ ޓީމަކަށް ބިޑްކޮށްގެން ނެގުމާ އެކީގަ އެވެ. ވިހި ލައްކަ ރުޕީސް އަށް ބިޑްކޮށްގެން އޭނާ ނެގީ މުމްބާއީ އިންޑިއަންސް އިންނެވެ. އެ ޓީމަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ އާއި އަންހެނުން ނީޓާ އަމްބާނީ ހިއްސާވާ ޓީމެކެވެ.

އެ ޓީމުން ލިބުނު ފުރުސަތާ އެކު، އަރުޖުން ޓީމްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަ ދައްކަނީ ބައްޕަގެ ނުފޫޒުން ފުރުސަތު ލިބެމުން އަންނަ މީހެއް ކަމަށް ބުނެ އެވެ. ސަޗިން އަކީ އަބަދު ވެސް އަމްބާނީގެ އާއިލާއާ ވަރަށް ގާތް މީހެކެވެ.

ކްރިކެޓަށް މިހާރު "ނެޕޮޓިޒަމް" ގެ ވަބާ ފޯރާފައިވާ ކަމަށާއި ދުވަސްކޮޅަކުން އިންޑިއާގެ ކްރިކެޓްގައި ފައި ވިއްދާފައި ތިބޭނީ އަރުޖުން ކަހަލަ ކޮންމެވެސް ގޮތަކުން ކްރިކެޓާ ގުޅުން އޮންނަ މީހުން ކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑިކިޔަމުންނެވެ.

އަރުޖުން، 21، އަކީ ވަރަށް ކުޑައިރުއްސުރެ ކްރިކެޓް ޝައުގުވެރިކަންދީ އެ ކުޅިވަރު ކުޅެމުން އަންނަ ޒުވާނެކެވެ. މިހާރު ޓްވެންޓީ20 ކްރިކެޓަށް ވެސް ނުކުމެފައިވާ ޒުވާނާ އަކީ ފާސްޓް ބޯލަރެއްގެ އިތުރުން ބެޓްސްމަނެކެވެ.

ސުވާލެއް ނޯންނާނެ ފަދައިން އޭނާގެ ހުނަރު ތަރައްގީކޮށް ކުރިއަރުވައި ދޭން އެންމެ ބޮޑަށް މަސައްކަތްކުރާނީ ބައްޕަ ސަޗިން އެވެ. އެހެންވީމާ ދެން އެކަމާ ނެޕޮޓިޒަމާ ގުޅުވަންވީތޯ އެއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ބުނެފައިވާ ފަދައިން ނެޕޮޓިޒަމޭ ކިޔައިގެން ބަޔަކު ދައްކަނީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އޭނާގެ މޭރުމުން ނަމަ ސަޗިންގެ އަމިއްލަ ދަރިފުޅަށް ކްރިކެޓުން ކުރިއަށްދާން ފުރުސަތު ހީދައި ދިނުމަށް ވުރެ އެކަންކުރަން ވަކި އެއަށް ވުރެ އައުލާކަން ބޮޑު މީހަކު ހުންނާނެއް ހެއްޔެވެ؟

އަރުޖުން އާއި ނެޕޮޓިޒަމާ ގުޅުވާތީ ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކްޓަރު/ޑައިރެކްޓަރު ފަރްހާން އަޚްތަރު ކުރި ޓްވީޓެއްގައި ވަނީ އަރުޖުން އަށް ރައްދު ދައްކާ ވާހަތަކުން އޭނާގެ ހިތްމަރާނުލުމަށް އެދިފަ އެވެ. ފަރްހާން ބުނިގޮތުގައި އަރުޖުން އަކީ ކުރިއަށްދާން ވަރަށް ބުރަކޮށް މަސައްކަތްކުރާ ހުނަރުވެރި ޒުވާނެކެވެ. އަދި އެކަން ވަރާށް ގާތުން ފެނިފައިވާ ކަމަށް ބުންޏެވެ.

"އަހަރެމެން ދެ މީހުންނަކީ އާންމުކޮށް އެއް ޖިމަކަށް ވެސް ދާ މީހުން. އެހެންވެ އަހަންނަށް ފެނޭ އޭނާ ފިޓްނަސް އާއި ކްރިކެޓުން ކުރިއަށް ދާން ކުރާ ހިތްވަރާއި ކުރާ ބުރަ މަސައްކަތް،" ފަރުހާން ބުންޏެވެ. "އެހެންވީމަ އޭނައާ ދިމާއަށް ނެޕޮޓިޒިމޭ ކިޔުމަކީ އިންސާފެއް ނޫން. އެހެންވީމަ އަދި ކެރިއަރު ފަށައިނުގަނެވީސް އޭނާގެ ހިތްމަރާ ނުލާ."

މި މޭރުމުން ވަރަށް ގިނަ ބަޔަކު އަރުޖުންގެ ދިފާއުގައި ވާހަކަ ދައްކައި ހިތްވަރުދީ ދީފައިވެ އެވެ. އަމިއްލަ މަސައްކަތުން ކުރިއަރައި ބައްޕަ ކަހަލަ ހުނަވެރިއެއްކަން ސާބޮތުކޮށްދޭން ބައެއް މީހުން އެދިފައިވެ އެވެ.

ބައްޕަގެ ފިޔަވަޅު މަތިން ކްރިކެޓުން ކުރިއަށްދާން އަރުޖުން ނިންމި އިރު އޭނާ އަބަދު ވެސް ބޭނުންވީ ފާސްޓް ބޯލަރަކަށްވާށެވެ. ސަޗިން އަކީ ބެޓްސްމަނެކެވެ.

"ބައްޕަ އަކީ ބްރޭންޑެއް ނުވަތަ ލެޖެންޑަކަަށް ވުމަކީ އަހަންނަށް ޕްރެޝަރެއް ނޫން. އެއީ ހިތްވަރެއް. އަހަރެންގެ އުއްމީދަކީ ކާމިޔާބު ބޯލަރަކަށް ވުން. އަހަރެން ވަރަށް ބޭނުން އެކަން ހާސިލްކުރަން. އެއީ އިންޑިއާގައި ގިނައީ ބެޓްސްމަނުން،" 2018 ގެ އިންޓަވިއުއެއްގައި އަރުޖުން ބުނެފައިވެ އެވެ. "އަހަރެން ބޭނުންވަނީ ތަފާތެއް ދައްކަން."

އޭނާ ބުނީ ކްރިކެޓަށް ހާއްސަވީ ވެސް އާއިލާ އިން މަޖުބޫރުކޮށްގެން ނޫން ކަމަށާއި ކްރިކެޓަކީ އަބަދު ވެސް އެންމެ ބޮޑު ޝައުގު ކަމަށެވެ. އަދި އުންމީދަކީ އިންޑިއާގެ ގައުމީ ޓީމުން ފުރުސަތު ހޯދައި ގިނަ ކާމިޔާބީތަކެއް ހޯދައި ބައްޕަގެ ނަން އަނެއްކާ ވެސް އިންޑިއާގެ ކްރިކެޓްގައި އުފުލުން ކަމަށް އަރުޖުން ބުންޏެވެ.

މި އަހަރުގެ އައިޕީއެލް ވާނީ ޔަގީނުން ވެސް ވަރަށް ގިނަ ނައެއްގެ ލޯ އޭނާ އަށް ހުއްޓޭނެ ކަމަކަށެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޭން ަޯ

23 February 2021

ސަޗިން ވެސް އަނެއްހެން އަދިވެސް ޒުވާން! 48 ވީ! އެކަމް އޭނަގެ ދަރިފުޅު މާ ޒުވާން ވީމް ވ ރީތި ކަމަށް ދައްކާ! އަނެއްހެން މިހާރވެސް ސަޗިން ބަލާފަ ޢޭނަގެ ދަރިފުޅުގެ ބޭބެ އޭ ބުންޏަސް މީހަކު ގަބޫލް ކޮށްފާނެ! ސަޗިން ވެސް ވ ޅަ އިރު ކްރިކެޓް ކުޅެން ފެށީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454