"ރެޑް ސީ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް" އޮންނާނީ ނޮވެމްބަރުގައި.
28 ފެބުރުއަރީ 2021 - 07:39
މި ފަހުން ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަ ސައުދީ އަރަބިއްޔާގައި މި އަހަރުގެ ނޮވެމްބަރު މަހު ބޮޑު ފިލްމު ފެސްޓިވަލެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
"ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" ގެ ނަމުގައި ސައުދީގެ ރެޑް ސީ ލޮޖްއާ ގުޅިގެން ބާއްވާ ފެސްޓިވަލުގެ ފުރަތަމަ އެޑިޝަނަކީ ކުރިން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބާއްވަން އުޅުނު އިވެންޓެކެވެ. އެކަމަކު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި އެކަން ނުވީ އެވެ. އޭރު ފެސްޓިވަލް އިއުލާކޮށްދިނީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސްޕައިކް ލީ އެވެ.
މިހާރު ތާވަލުކޮށްފައި އޮތް ގޮތުން ވަރަށް ކުލަގަދަކޮށް "ރެޑް ސީ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް" ބާއްވާނީ 10 ދުވަހަށް ދެމިގެންދާ ގޮތަށް ޖިއްދާގައި ނޮވެމްބަރު މަހުގެ 11-20 އަށެވެ. ފެސްޓިވަލްގެ ތީމަކީ "މެޓަމޯފޮސިސް" އެވެ. އެ ތީމްގައި ފެސްޓިވަލް ބާއްވަން ނިންމީ 2018 ގައި ސައުދީގެ ސިނަމާތައް ހުޅުވައި، މުނިފޫހި ދާއިރާ ވަރަށް ބޮޑަށް ތަރައްގީކޮށް ފުޅާކުރަން ކުރެވެމުން އަންނަ މަސައްކަތްތަކާ އެކީ ހެޔޮ ބަދަލުތަކެއް އަންނަކަން ދައްކުވައި ދިނުމުގެ ގޮތުންނެވެ.
"ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" ގެ ތެރޭގައި އެންމެ ބޮޑަށް ފޯކަސްކުރާނީ ވަރުގަދަ ކޮންޓެންޓްތައް ހިމެނޭ ފެންވަރު ރަނގަޅު އުފެއްދުންތައް ދައްކާލުމާ އެކު ސިނަމާ އަށް ތަފާތެއް ގެންނަން އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަވާ ގޮތަށެވެ.
"ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" އިންތިޒާމު ކުރުމުގައި އާޓްގެ ދާއިރާގެ ވަރަށް ހުނަރުވެރި ތަޖުރިބާކާރުން ހިއްސާވެ އެވެ. އޭގެ ތެރޭގައި ސައުދީ އާއި އިންޓަނޭޝަނަލް ކިއުރޭޓަރުންނާއި ފިލްމު ސްޕެޝަލިސްޓުންނާއި އިންޑަސްޓްރީގެ ވަރުގަދަ ޝަހުސިއްޔަތުތައް ހިމެނެ އެވެ.
އަދި މީގެ ތެރޭގައި އިސްކޮށް ހުރީ ފެސްޓިވަލްގެ މެނެޖިން ޑިރެކްޓަރު ޝިވާނީ ޕަންޑިއާ އާއި އަރަބް ޕްރޮގްރާމްސް އެންޑް ފިލްމު ކްލަސިކްސްގެ ޑިރެކްޓަރު އެންޓޮއިން ޚަލީފެވެ. އެ ދެ މީހުންނަކީ 2004 އިން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ދުބާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ވަރަށް އިސްކޮށް މަސައްކަތްކޮށްފައިވާ ދެ މީހުންނެވެ.
ޖިއްދާގައި ފެސްޓިވަލް ބާއްވާނީ ޔުނެސްކޯގެ ހެރިޓޭޖް ލިސްޓްގައި ހިމަނާފައިވާ ޖިއްދާ އޯލްޑް ޓައުންގެ ރެޑް ސީ ކޯސްޓްގަ އެވެ.
"ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" ގެ އިންތިޒާމު ކޮމިޓީން ބުނީ މިއީ ސައުދީގައި ބާއްވާ ފިލްމު ފެސްޓިވަލްތަކުގެ ފެށުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ސިނަމާ ކުރިއަރުވަން މިފަދަ އެތައް ހަރަކާތްތަކެއް އެ ގައުމުގައި ބާއްވާނެ ކަމަށެވެ.
"މިއީ ޖުމްލަކޮށް، ފިލްމީ މަސައްކަތްތަކަށް ލޯބިކުރާ އެންމެންނަށްޓަކައި ހުޅުވިގެންދާ ދޮރެއް،" އިންތިޒާމު ކޮމިޓީގެ ބަޔާނުގައި ބުންޏެވެ. "ހަމަމިއާ އެކު މިއީ ސައުދީގެ ސިނަމާ ކުރިއަރުވައި ތަރައްގީކުރުމާ އެކު އަރަބި ފިލްމުތަކާއި އަރަބި ފިލްމުތައް ހަދާ މީހުންނަށް އެ މީހުންގެ ހުނަރު ދައްކާލަން ލިބޭ ވަރަށް މުހިއްމު ފުރުސަތެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy