އަޝްފާގާއި އިމްރާން ނެތްތަން ފޫބައްދަން އުނދަގޫވާނެ: ކޯޗު

އަނިޔާގައި ހުރި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި 17 އަހަރަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރި ގޯލްކީޕަރު އިމްރާން މުހައްމަދު ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ތައްޔާރަށް ހުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.


އަނިޔާގެ ސަބަބުން އަޝްފާގު އެންމެ ފަހުން އޭޝިއަން ކަޕް ޕްލޭއޮފް މެޗުގެ ދެ ވަނަ ލެގުގައި ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެ އެވެ. އަދި އަނިޔާއިން އެއްކޮށް ރަނގަޅު ނުވާތީ އާ ސީޒަނަށް އަޝްފާގް އެއްވެސް ޓީމަކަށް ސޮޔެއް ނުކުރެ އެވެ.

ގައުމީ ކޯޗު ސްޓެވާޓް ބުނީ އަނިޔާއާ ގުޅޭގޮތުން އަޝްފާގާއި ވާހަކަ ދައްކާފައިވާ ކަމަށެވެ.

"އަޝްފާގު މި ވަގުތު ހުރީ އަނިޔާގައި. އޭނަގެ ރިކަވަރީ ރަނގަޅަށް ދާނެ ކަމަށް އުއްމީދުކުރަން. އަހަރެން އަޝްފާގާއި ވާހަކަ ދައްކައިފިން. ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ކުޅުމަށް އެނބުރި އަންނާނެ ކަމަށް އުއްމީދުކުރަން." ސްޓެވާޓް ބުންޏެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި މި މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުގައި އަޝްފާގު ނެތްތަނަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުން ސްޓެވާޓް ގެންގުޅެ އެވެ.

"އަޝްފާގު ކަހަލަ ހުނަރުވެރި މޮޅު ކުޅުންތެރިއަކު ނެތްތަން ފޫބައްދަން އުނދަގޫވާނެ. އެކަމަކު ކޮންމެވެސް ގޮތަކަށް އޭނާ ނެތްތަން މަސައްކަތް ކުރަން ޖެހޭ. އެކަން ކުރުމަކީ އަހަރެންގެ ވަޒީފާ. އަޝްފާގުގެ މަގާމަށް ކުޅުވޭނެ ޒުވާން ކުޅުންތެރިންތަކެއް އަހަރެންގެ ވިސްނުމުގައި އެބަހުރި. އެ މަސައްކަތްތައް ފަލަސްތިން މެޗުން ފަށާނަން،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ދެ ވަނަ ލެގުގައި ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އިމްރާން ވަނީ ގައުމީ ޓީމުން ރިޓަޔަކޮށްފަ އެވެ. އޭނާ ނެތް ދުވަހަކަށް ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން ކީޕަރުން ތަމްރީން ކުރެވުނުތޯ އެއީ ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކެއް ކުރިމަތިކުރަމުން އަންނަ ސުވާލެކެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ބަލާއިރު ދެ ކްލަބެއް ފިޔަވާ ދެން އޮތް ހަ ކްލަބްގެ ގޯލު ބަލަހައްޓަމުން އަންނަނީ ބިދޭސީ ކީޕަރުންނެވެ.

ސްޓެވާޓް ބުނީ އިތުރު ކީޕަރުންނަށް ފުރުސަތު ދީގެން އިމްރާން ނެތްތަން ފޫބައްދަން މަސައްކަތްކުރާނެ ކަމަށެވެ.

"އިމްރާްން ނެތުން ވެސް އެއީ އުނިކަމެއް. އަހަރެންގެ އުއްމީދެއް އެބައޮތް އިމްރާން ނިންމުން ބަދަލުކުރުމުގެ. އެކަމަކު ވިސްނަން ޖެހޭ ކަމަކީ އިމްރާންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެކަން. މި ވަގުތު ނެތް މާ ގިނަ ލޯކަލް ކީޕަރުންނެއް. އެކަމަކު ރަނގަޅު ކީޕަރުން އެބަތިބި ކޮންމެވެސް ވަރަކަށް. އުނދަގޫ ނަމަވެސް އޮތް ގޮތަކީ ހުރި ކީޕަރުންނަށް ފުރުސަތު ދީގެން ކުރިއަށް ދިއުން." ސްޓެވާޓް ބުންޏެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގޯލް ކީޕަރުން އުފެއްދުމުގެ ވެސް ވިސްނުމުގައި ގައުމީ ޓީމަށް ބޭރުގެ ގޯލްކީޕަރު ޓްރެއިނަރެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

"ގައުމީ ޓީމަށް ބޭރުގެ ގޯލްކީޕަރު ޓްރެއިނަރެއް ގެންނަން ވަނީ ނިންމާފައި. އެ މަސައްކަތް އެބަކުރޭ. ގޯލްކީޕަރު ޓްރެއިނަރެއް ބޭރުން ގެންނަނީ އެެކެޑަމީ ސްޓައިލަށް ގޯލްކީޕަރުން ތަމްރީންކުރުމަށާ ވެސް އެއްކޮށް. އަދި ހާއްސަކޮށް ގޯލްކީޕަރުން އުފެއްދުމަށް. މިއީ ހާއްސަ ސަމާލުކަމެއް ދީގެން އެފްއޭއެމުން ކުރާނެ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ ގޯލްކީޕަރު ޓްރެއިނަރުންނަށް ހާއްސަ ކޮށްގެން ކޯސްތަކެއް މި އަހަރު ތެރޭގައި ބާއްވާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.