މިއީ ބަލަން ފަސޭހަ ކުޅެން އުނދަގޫ މެޗެއް: ސެކުލޮސްކީ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗަކީ ބަލަން ފަސޭހަވި ނަމަވެސް ކުޅެން ވަރަށް އުނދަގޫވާނެ މެޗެއް ކަަމަށް މާޒިޔާގެ މެސެޑޯނިއާ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.


ލީގުގެ ކޮންމެ ޓީމެއް 10 މެޗު ކުޅެފައިވާއިރު، މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ގަދަ ހަތަރަކަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ޓީސީ މި ވަގުތު އޮތީ 14 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ލީގުގެ މިހާ ހިސާބުގައި ޓީސީއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

"މުބާރާތުގެ މި ހިސާބުގައި އެންމެ އުނދަގޫ އެއް ޓީމާ ދެކޮޅަށް ކުޅެން މި ޖެހެނީ. އެއީ ވަރަށް ރަނގަޅު ކުޅުންތެރިންނާ އެކު އޮތް ވަރުގަދަ ޓީމެއް. އެ ޓީމު މިހާރު މަސައްކަތް ކުރަމުން މިދަނީ ޕްރިމިއާ ލީގުގެ ޖާގައަކަށް މިއީ މި މެޗު އުނދަގޫވާ އަނެއް ސަބަބު. މިއީ ބަލަލާން ހިތް ފަސޭހަ އަދި ކުޅެން ވަރަށް އުނދަގޫ މެޗެއް،" ސެކުލޮސްކީ ބުންޏެވެ.

މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދައިގެން މާޒިޔާ އަށް މާލޭ ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވާނެ އެވެ.

"އަހަރެމެން މި އޮތީ ޓާގެޓާ ވަރަށް ގާތުގައި. އެއީ ޕްރިމިއާ ލީގަށް ކޮލިފައިވުން. އެކަން ހާސިލްވުމުން ދެން ވިސްނުމަކީ ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާ ނެރެ މާލޭ ލީގު ކާމިޔާބުކުރުން ދެން އޮތް މަސައްކަތަކީ،" ލީގުގައި ކުރިއަށް ހުރި މެޗުތަކާ ގުޅޭގޮތުން ސެކުލޮސްކީ ބުންޏެވެ.

ލީގުގެ ފުރަަތަމަ ބުރު މާޒިޔާ އިން ނިންމާލީ މެޗަކުން ބަލިނުވެ އެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި އެ ޓީމަށް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. އެންމެ ފަހުން ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވި މެޗުގެ ކުރިން ކުޅުނު ދެ މެޗުން ވިކްޓަރީ އާއި އީގަލްސް އަތުން މާޒިޔާ ވަނީ ބަލިވެފަ އެވެ.

"ކޮންމެ ޓީމެއް މާޒިޔާއާ ދެކޮޅަށް ކުޅޭއިރު 300 ޕަސެންޓް ދޭން ޖެހޭ. އެއީ މާޒިޔާ އަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ކަމަށް ވެފައި މާޒިޔާ އޭއެފްސީ ކަޕާއި މާލޭ ލީގުގައި ރަނގަޅު ނަތީޖާ ނެރޭތީ މާޒިޔާއާ ވެސް ވާދަކުރެވޭނެކަން ދައްކަން. ހަމަ އެގޮތަށް ޓީސީ ވަނީ ބަންގްލަދޭޝްގައި އޮތް މުބާރާތް ކާމިޔާބު ކޮށްފައި ކަމަށް ވުމުން އެ ޓީމާ ދެކޮޅަށް ކުޅޭއިރު ވެސް ޓީމުތަކުން އިތުރު ހިތްވަރެއް ލާނެ،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑް ވިކްޓަރީގެ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ދެއްކި ކުޅުން ޓީސީއާ އެކު ތަކުރާރުކޮށްފި ނަމަ މާޒިޔާ އަށް މޮޅުވެވޭނެ ކަމަށެވެ.

މާޒިޔާގެ ސީނިއާ ކުޅުންތެރިންނަށް ބަލާއިރު ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އަމްދާން އަލީ (އެންޑީ)، އަސްހަދު އަލީ (އަޑޭ)، މުހައްމަދު އުމެއިރު މި ކުޅުންތެރިންނަކީ މާލޭ ލީގާއި އޭއެފްސީ ކަޕްގައި މާޒިޔާ އަށް ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ކުޅުމުގެ އިތުރުން ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅޭ ކުޅުންތެރިންނެވެ.

ސެކުލޮސްކީ ބުނީ ބްރޭކެއް ނުލިބި ހުރިހާ މެޗެއްގައި މި ކުޅުންތެރިން ލައިގެން ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"އަސައްކޮ، އުމެއިރު، އަޑޭ އަދި އެންޑީ ކޮންމެ ކުޅުންތެރިއަކު މިހާތަނަށް ކުޅެފި 20 ވަރަކަށް މެޗު. އެހެން ދިވެހި ކުޅުންތެރިން މި ކުޅުނީ 10 ވަރަކަށް މެޗު. އެއީ މާޒިޔާ އާއި ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި މި ކުޅުންތެރިން އެބަކުޅޭ ކޮންމެ މެޗެއް ކަހަލަ ގޮތަކަށް 90 މިނިޓް ބްރޭކެއް ނުލިބި އެއްވެސް ކުޅުންތެރިއަކަށް ދުނިޔޭގެ އެއްވެސް ތާކުގައި ކުޅެވޭނެ ހެން އަހަންނަށް ހިއެއްނުވޭ،" ކުރިން ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

ލީގުގެ މެޗެއްގެ ތެރެއިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަދަ ހަތަރެއްގެ ރޭހުގައި މި ވަގުތު އެންމެ ފުލުގައި އޮތީ ޓީސީ އެވެ. އަމިއްލަ ބާރުގައި ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވުން ޓީސީ އަށް ވަރަށް މުހިއްމެވެ. އެ ހަތަރު މެޗުގެ ތެރެއިން މިރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ އެންމެ މުހިއްމު މެޗުގެ ގޮތުގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ސިފަކުރެ އެވެ.

"މިހާރު މިއޮތް ގޮތުން ވެއްޖިއްޔާ މިއީ ހުރިހާ ގޮތަކުން ވެސް މުހިއްމު މެޗެއް. ގަދަ ހަތަރަކަށް ވަންނަން މި މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމުވާނެ. އެކަން ކުޅުންތެރިންނަށް ވެސް ވިސްނައިދީގެން މެޗަށް ނުކުންނާނީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ކުރިން އެއްވެސް ޓީމަކަށް އެޑްވާންޓޭޖެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"މެޗު ފަށާއިރު ދެ ޓީމަށް ވެސް އެއްވަރަކަށް އޮތީ އެޑްވާންޓޭޖް. މިދިޔަ ތިން އަހަރު ވެސް ކުޅެފައި ހުރި މެޗުތަކަށް ބަލާއިރު މިއީ އެންމެ ވާދަވެރިކޮށް ގޮސްފައިހުރި މެޗު. ހަގީގަތުގައި މީގެ ވަރަށް ބޮޑަށް ބުރަވާނެ މެޗު ފަށާ ގޮތަށް. އެއީ ރަނގަޅަށް ފަށާ ޓީމަކަށް މި ދެ ޓީމުގެ މެޗުތަކުން ކުރިލިބިފައިހުރީ،" މެޗާ ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.

މި ފަހަރު ސީޒަނަށް ނުކުތްއިރު އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމަކީ ޓީސީ އެވެ. ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށް އެ ޓީމު އޮތީ ރަނގަޅު ޓްރެކެއްގަ އެވެ. ލީގުގެ ފުރަތަމަ ދެ މެޗުގައި ވެސް އެ ޓީމުން އެ ތަފާތު ދައްކައި ފުރިހަމަ މޮޅެއް ހޯދި އެވެ. އެހެން ނަމަވެސް ފުރަތަމަ ބުރުގައި އެ ޓީމު އީގަލްސް އަތުން މޮޅުވި މެޗަށް ފަހު އައި ބްރޭކަށް ފަހު ޓީސީގެ ފޯމު ދިޔައީ ދަށްވަމުންނެވެ. އެކަމަކު ދެ ވަނަ ބުރުން ފެށިގެން ޓީސީން އަންނަނީ ކުޅުން ރަނގަޅު ކުރަމުންނެވެ.

"ހުރިހާ ޓީމެއް ވެސް މިހާރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުނަގާ. އެއީ ޓީސީ އަކީ ބޮޑު ޓީމެއްގެ ގޮތުގައި ދެކެނީ. ގަބޫލުކުރަނީ އެހެން ޓީމުތަކާ ދެކޮޅަށް ނުލާ ހިތްވަރެއް ލައިގެން މާޒިޔާ ޓީމުން މި މެޗަށް ނުކުންނާނެ ކަމަށް،" ނިޒާމްބެ ބުންޏެވެ.

ޓީސީ އާއި މާޒިޔާ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 3-0 އިންނެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.