އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ޕްރިމިއާ ލީގުން ޖާގަ ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ އެކަކު މަދުކޮށް ކުޅެ ޓީސީ ސްޕޯޓްސް ކްލަބާ 0-0 އިން އެއްވަރުކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.


ބާކީ ތިން މެޗު އޮއްވާ މާޒިޔާ އިން ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންކުރީ ދެން ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެ ޓީމަށް ގަދަ ހަތަރަކުން ފުރުސަތު ނުގެއްލޭނެތީ އެވެ. އެއީ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޓީސީ ހަ ވަނައިގައި އޮތްއިރު، އެ ޓީމު ދެން ކުޅޭ ތިން މެޗުން މޮޅުވިޔަސް މާޒިޔާއާ ހަމަނުކުރެވޭނެއިރު، ދެން އޮތް ގްރީން ސްޓްރީޓްސް، ނިއު ރޭޑިއަންޓް، އީގަލްސް އަދި ވިކްޓަރީ އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭތީ އެވެ.

މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު އަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން ނިއު މޮޅުވެއްޖެނަމަ އެ މާޒިޔާގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ. އީގަލްސް ތިން ވަނައިގައި އޮތީ 11 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 10 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ އެކު މި އަހަރު ޕްރިމިއާ ލީގުން ޖާގަ ލިބޭނީ މާލޭ ލީގުގެ ގަދަ ހަތަރަކާއި މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ އަށްދާ ހަތަރު ޓީމަކަށެވެ.

"ޕްރިމިއާ ލީގުން ޖާގަ ލިބި ފުރަތަމަ ޓާގެޓް ހާސިލްވެއްޖެ. ދެން އަމާޒަކީ މާލޭ ލީގު ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާ ނެރެ މި މުބާރާތް ކާމިޔާބު ކުރުން،" މެޗަށް ފަހު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުންޏެވެ.

މިރޭގެ މެޗަށް ނުކުތްއިރު ކާޑު ހަމަވުމުގެ ސަބަބުން ޓީސީގެ މުހައްމަދު އައްޒާމް ސަސްޕެންޑްވެފައިވާއިރު، ބަލި ހާލަތު ހުރިގޮތުން މާޒިޔާގެ ސާބިއާ ޑިފެންޑަރު މިލޮސް ކޮވަސެވިޗް ވެސް ނުކުޅެ އެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތު މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ދެ ވަނަ ހާފް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެންދިޔައި މެޗުގެ ކޮންޓްރޯލް ހޯދައިގެން މާޒިޔާ އިން ކުޅެން މަސައްކަތްކުރި އެވެ. ޓީސީން ވެސް ކުރިއަށް ކުޅޭ ބޯޅަތަކުގައި މާޒިޔާ އަށް ނުރައްކާ ކުރަން މަސައްކަތް ކުރި އެވެ.

ޓީސީ އޭރިއާ ތެރެއިން މާޒިޔާގެ އަޑޭ ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. މެޗުގެ 16 ވަނަ މިިނިޓްގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިިންނެވެ. މި ހާފްގައި ލަނޑު ޖަހަން އެންމެ ހުސް ދެ ފުރުސަތު ވެސް ލިބުނީ މާޒިޔާގެ އަޑޭ އަށެވެ. މެޗުގެ 21 ވަނަ މިނިޓާއި 33 ވަނަ މިނިޓްގައި ޓީސީ އޭރިއާ ތެރެއިން އަޑޭ އަށް ހުސްކޮށް ފޮނުވާލަން ލިބުނު ދެ ފުރުސަތު ވެސް އޭނާ އަތުން ގެއްލުނީ ފޮނުވާލުން ލަސްކޮށްލުމުންނެވެ. ދެ ފަހަރު ވެސް ޓީސީ ޑިފެންޑަރުން ވަނީ އެ ބޯޅަ ބޭރުކޮށްލައިފަ އެވެ.

މާޒިޔާ އަށް މައްސަލަ ކުރިމަތިވީ މެޗުގެ 40 ވަނަ މިނިޓްގައި އަޑޭ އަށް ރަތް ކާޑު ދެއްކުމުންނެވެ. އަޑޭ އަށް ރަތް ކާޑު ދެއްކީ އަބްދުﷲ ހަނީފް (ބެންޖޯ) އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އޭގެ ފަހުން މާޒިޔާގެ ކޯޗު ސެކުލޮސްކީ ވަނީ މެޗުގެ ރެފްރީ އަހުމަދު އަމީޒްގެ ނިންމުންތަކަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން މާޒިޔާގެ އިން ކުޅުންތެރިއަކު މަދުވުމުން ޑިފެންސަށް އިސްކަންދީގެން ކުޅުނުއިރު، ޓީސީން ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. މި ހާފުގައި ފުރަތަމަ ހަމަލާ ވެސް އުފެއްދީ ޓީސީންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި ޓީސީގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ހަ މިނިޓް ފަހުން މާޒިޔާ އޭރިއާ ތެރެއިން ޓީސީގެ ނާއިޒު ހަސަން (ދާދު) ފޮނުވާލި ބޯޅަ ދިޔައީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރަށެވެ.

މެޗުގެ 65 ވަނަ މިނިޓްގައި އަވަސް ކުޅުންތަކާ އެކު މާޒިޔާ އިން ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. ލިބުނު ހިލޭ ޖެހުމަކުން އަންދްރެއި ކޯޑޯސް ހުސްކޮށްލާފައި އަސަދުﷲ އަބްދުﷲ އަށް ދިން ބޯޅަ އޭނާ ތިރިތިރިން ދިނީ އެ ޓީމުގެ އަލެކްސަންޑަ ރަކިޗަށެވެ. އޭރިއާ ބޭރުން ރަކިޗް ފޮނުވާލި ބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 74 ވަަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭނާ އެ ބޯޅަ ފޮނުވާލި ނަމަވެސް މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވަނީ ބްލޮކްކޮށްފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ލިބޭ ފުރުސަތު ތަކުގައި މާޒިޔާ އިން ދިޔައީ ޓީސީ އަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 82 ވަނަ މިނިޓްގައި ރަކިޗް އަރިމަތިން ނަގައިދިން ހުރަހަކުން އަސަދުﷲ އަށް ލިބުމުގެ ކުރިން ކީޕަރު ކިރަން ވަނީ އަތުން ބޭރުކޮށްލައިފަ އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބުނީ މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އޭގެ ތިން މިނިޓް ފަހުން އަސަދުﷲ ހުސްކޮށް ޓީސީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާގެ ރަކިޗް (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ ބެންޖޯ ޓެކުލް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 88 ވަނަ މިނިޓްގައި ޓީސީން ލަނޑު ޖެހުމާ ގާތަށް ޖެހިލި އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދިން ބޯޅަ އަކުން އޭރިއާ ތެރެއިން ދާދު ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ހޯދައި ދާދު ފޮނުވާލި ބޯޅަ މާޒިޔާގެ ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއަޝް ވަނީ މަތަކޮށްފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުގައި ދިމާވި ހަމައެކަނި މައްސަލަ އަކީ ލިބުނު ފުރުސަތުތަކުން ގޯލެއް ކާމިޔާބު ނުކުރެވުން ކަމަށެވެ.

"އެއް ކުޅުންތެރިއަކު މަދުކޮށް ވެސް އެނގޭ ކައުންޓަ އެޓޭކުގައި މާޒިޔާގެ އެ އޮތް ސްކޮޑާ އެކު އެ ޓީމު ނުރައްކާވާނެ ކަން. ހަގީގަތުގައި ލަނޑު ޖަހަން ފުރުސަތު ވެސް ލިބުނު ހަމައެކަނި މައްސަލަ އަކީ ލިބުނު ފުރުސަތުތަކުން ލަނޑެއް ކާމިޔާބު ނުކުރެވުން. އެހެން ހުރިހާ ކަމެއް ގޯހެއް ނޫން،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކޮށް އަދިވެސް ޓީސީ އަށް ގަދަ ހަތަރެއްގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އެއް ކުޅުންތެރިއަކު މަދުކޮށް އޭނާގެ ކުޅުންތެރިން ކުރި ހިތްވަރަށް ތައުރީފް ހައްގުވާ ކަމަށެވެ.

"އަހަރެމެން މިއަދު ކުޅުނީ 10 ކުޅުންތެރިން އިދިކޮޅަށް ކުޅުނު 14 ކުޅުންތެރިން. ހަގީގަތުގައި އެ 14 ކުޅުންތެރިންނާ ދެކޮޅަށް އަހަރެމެން ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްގު. މިއީ 11 ކުޅުންތެރިންނާ ދެކޮޅަށް ހަމަހަމަކޮށް ކުޅުނު މެޗެއް ނަމަ މިއެއް ނޫން ނަތީޖާއަކީ،" ސެކުލޮސްކީ ބުންޏެވެ.