ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު

އެސްޓީއޯ މާލޭ ލީގުގައި ކްލަބް ވެލެންސިއާ ކުޅުނު ފަހު މެޗުން މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން މޮޅުވެ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.


މި މެޗުގެ ކުރިން ވެލެންސިއާ ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވިއިރު، އަނެއް 10 މެޗުން ވަނީ ބަލިވެފަ އެވެ. ވެލެންސިއާ ލީގު ނިންމާލީ 14 މެޗުން ހަ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގައި އޮވެ އެވެ. ޔުނައިޓެޑް ވިކްޓަރީ އެންމެ ފުލަށް ދިޔައިރު އެ ޓީމަށް ކުޅުނު 14 މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެއީ ފުރަތަމަ ބުރުގައި ވެލެންސިއާ އަތުން މޮޅުވި މެޗުގައި ލިބުނު ތިން ޕޮއިންޓެވެ.

މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ ޔުނައިޓެޑް ވިކްޓަރީންނެވެ. ފުރަތަމަ ހާފްގައިި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމުން ހޯދި އެވެ. އެ ގޮތުން ފުރަތަމަ ހަމަލާ ފޮނުވާލީ ވެސް ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވެ އެވެ. އޭގެ ފަހުން ބިދޭސީ ފޯވާޑް ޒިވްކޮވިޗް ޓިހޮމީރް އަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތު ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފް ފަށައިގެން ވެސް ޔުނައިޓެޑް ވިކްޓަރީން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް އެޓޭކް ކުރަން މަސައްކަތް ކުރީ އެ ޓީމުންނެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ނިންމާނުލެވުމެވެ.

މި މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 75 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ވިސާމް (ޖެރާޑް) އެވެ. އޭނާ މި ލަނޑު ޖެހީ ވެލެންސިއާ އަށް ލިބުނު ކޯނަރަކުން ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އާމިރޯފަށް ސަލާމަތް ނުކުރެވި ދިޔަ ވަގުތު ބޮލުންނެވެ.

ޔުނައިޓެޑް ވިކްޓަރީގެ ވާޑު (ވ) ކައިރިން ވެލެންސިއާގެ ޖެރާޑް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެެލެންސިއާގެ ލަނޑަށް ފަހު ވެސް ޔުނައިޓެޑް ވިކްޓަރީން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. މި ގޮތުން ޔުނައިޓެޑް ވިކްޓަރީގެ ހުސެއިން ޝިމާޒް (ކޮކީ) އާއި އިބްރާހިމް ނޫރައްދީން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އެވެ.

މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ކުޅުމާ މެދު ހިތްހަަމަ ޖެހޭ ކަމަށާއި ދިމާވި ހަމައެކަނި މައްސަލަ އަކީ ފުރުސަތުތައް ގޯލަކަށް ހަދާނުލެވުން ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފާވޭ ކުޅުންތެރިން އެ ދެއްކި ކުޅުމާ މެދު. ހަމައެކަނި މައްސަލަ އަކީ ގޯލެއް ނުޖެހުން. އެކަން އިރާދަކުރެއްވިއްޔާ ދެން ގެންނަ ބިދޭސީ ފޯވާޑާ އެކު ރަނގަޅުވާނެ. މި ރޫހާ އެކު ކުޅެފިނަމަ ޔުނައިޓެޑް ވިކްޓަރީ މާލެ ލީގު ކޮލިފިކޭޝަންގައި ނަތީޖާ ނެރޭނެ،" ނަޒީހު ބުންޏެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މޮޅަކާ އެކު ލީގު ނިންމާލެވުމުން އެ ހިތްހަމަޖެހުން އިން ނަމަވެސް ކުޅުން އެންމެ ރަނގަޅު ނޫން ކަމަށެވެ.

"ހަގީގަތުގައި އޮތް މަގާމުގެ ގޮތުން މިއީ އެހާ މުހިއްމު ތިން ޕޮއިންޓަށް ނުވެދާނެ. އެކަމު މޮޅަކާ އެކު ލީގު ނިންމާލެވުމުން އެ ހިތްހަމަޖެހުން އެބައިން. ޓީމުގެ ކުޅުން އެންމެ ރަނގަޅެއް ނޫން. ރަނގަޅު ކުރަން ޖެހޭ ކަންތައް ގިނަ. ދެން ޓްރާންސްފާ ތެރޭގައި ބިދޭސީ ކުޅުންތެރިން ވެސް ގެންނަން މަސައްކަތް މި ކުރަނީ،" ފެސްކޯ ބުންޏެވެ.

މާލޭ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާގެ އިތުރުން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި ރަަނަރަޕް ކުޑަ ހެންވޭރު ޔުނައިޓެޑްގެ އިތުރުން ގްރީން ސްޓްރީޓްސް، ވިކްޓަރީ، އީގަލްސް އަދި ޓީސީގެ ތެރެއިން ދެ ޓީމެކެވެ.