ކުޑަހުވަދޫ އަށް މިއީ ތަޖުރިބާގެ މަރުހަލާއެއް: މޯހަން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ދ. ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިންނަށް މިއީ ތަޖުރިބާ ހޯދުމުގެ މެޗުތަކެއް ކަމަށާއި އެ ޓީމު ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަން ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ޗެލެންޖް ނެގޭނެ ކަމަށް ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.


ކުޑަހުވަދޫ އަކީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަނެވެ. އެ މުބާރާތުން ޕްރިމިއާ ލީގަށް އައި ހަތަރު ޓީމުގެ ތެރެއިން ފުރަތަމަ ޑިވިޝަންގައި ކުޅުނު ކުޅުންތެރިން ނުގެނެސް ބަދަލެއް ނެތި ޕްރިމިއާ ލީގަށް ނުކުތް ހަމައެކަނި ޓީމަކީ ކުޑަހުވަދޫ އެވެ.

ޕްރިމިއާ ލީގުގައި ކުޑަހުވަދޫ މިހާތަނަށް ކުޅުނު ދެ މެޗުން އެ ޓީމުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން 4-0 އިން ބަލިވިއިރު، ޓީސީ އަތުން ހޮނިހިރު ދުވަހުގެރޭ ބަލިވީ 6-1 އިންނެވެ.

މޯހަން ބުނީ ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ޑިވިޝަން ޓީމުތަކާ ވާދަނުކުރެވޭނެ ކަން މުބާރާތުގެ ކުރިން ވެސް އެނގޭ ކަމަށެވެ.

"މާލޭގައި އޮތް ހަތަރު ޓީމާ ވާދަނުކުރެވޭނެކަން ކުރިން ވެސް އެނގޭ. ހަގީގަތުގައި މިއީ މި ކުޅުންތެރިންނަށް ލިބޭ ތަޖުރިބާ އަކީ. ދަސް ކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. މި ކުޅުންތެރިންނަށް ދަސްވާ އެއްޗެހިން އެންމެ މަތީ ފަންތީގައި ކުޅެވޭނީ އަޅުގަނޑުމެން އެކަނި ދެއްތޯ ގަދަ ޓީމުތަކާ ކުޅެން މި ޖެހެނީ. އެހެން ޓީމުތައް ވެސް ކުޅެލީމަ އެނގޭނީ،" ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި މަހިބަދޫ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.

ކުޑަހުވަދޫ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައި ނެތް ކުޅުންތެރިންނެވެ. ޕްރިމިއާ ލީގުގެ ފުރަަތަމަ ދެ މެޗުން ބޮޑު ތަފާތަކުން ބަލިވުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރު ކުރާނެ ކަމެކެވެ. އެހެން ނަމަވެސް މި ޗެލެންޖް ނެގޭނެ ފެންވަރު ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"މޯރަލީ މި ކަހަލަ ކަންތައްތައް އަންނާނެ. ކުރިއަރާ ކުޅުންތެރިންގެ އެ ހިތްވަރު ހުންނާނެ. ހިތްވަރު ކޮށްގެން ކުރިއަށްދާނީ. މި ކަހަލަ ޗެލެންޖުތަކާ ކުރިމަތިލައިގެން އެ ކަޑަތުކޮށްފައި ދެވޭ ކުޅުންތެރިން މޮޅުވާނެ. ހަމައެކަނި ހުނަރު ހުއްޓަސް ޓެކްނިކަލީ މޮޅަސް އެއީ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންނަށް ނުވެދާނެކަން އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި. މި ކަންތައްތަކަށް ކުރިމަތިލެވޭ ކުޅުންތެރިން ކުރިއަށްދާނެ،" މޯހަން ބުންޏެވެ.

ކުޑަހުވަދޫ ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ އއ. މާޅޮހާ ދެކޮޅަށެވެ.