މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ މައްޗަށް 1-0 އިން ކުރިހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް މިއަދު ޖެހިލައިފި އެވެ.


ޓީސީ ދެ ވަނައިގައި އޮތީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ހަ މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ. މާޒިޔާ އަށް ކުރިލިބެނީ އެ ޓީމުގެ ފައިދާ އަށް ގޯލު އޮތުމުންނެވެ. ޓީސީގެ އޮތީ ހަ ފައިދާ ގޯލެވެ. މާޒިޔާ މިއަދު ބަލިވެފައިވާތީ، މާދަމާ ހަވީރު ދ. ކުޑަހުވަދޫގެ މައްޗަށް ކުރިވހޯދައިގެން ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް އެބައޮތެވެ. ނިއު މި ވަގުތު ތިން ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ.

މެޗަށް ނުކުތްއިރު މާޒިޔާގެ އަސަދުﷲ އަބްދުﷲ އަނިޔާގެ ސަބަބުން ނުކުޅެވޭއިރު، އޭނާގެ ބަދަލުގައި އެ ޓީމުގެ އެންމެ ކުރިއަށް ކުޅުނީ ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ އެވެ. އަދި ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމުގެ އަސްހަދު އަލީ (އަޑޭ) ހުރީ ސަސްޕެންޝަނުގަ އެވެ.

ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) މި މެޗުގައި ނުކުޅޭއިރު، އެ ޓީމުގެ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ތިބީ ބެންޗުގަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިިނިޓްގައި މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭރިއާ ތެރެއިން ފޮނުވާލި ބޯޅައިން ޓީސީ އަށް ލީޑުނަގައިދިނީ އިބްރަހީމް ވަހީދު ހަސަން (އިއްބެ) އެވެ.

ޓީސީން ލީޑުނެގުމާ އެކު މާޒިޔާއިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މި ގޮތުން މެޗުގެ 11 ވަނަ މިނިޓްގައި ސަމޫހު އަލީ (ސަމުއްޓެ) އަރިމަތިން ނަގައިދިން ހުރަސް އޭރިއާ ތެރެއިން ކެރިޗަށް ލިބުމުގެ ކުރިން ޓީސީގެ ނޭޕާލް ކީޕަރު ކިރަން ޝެމްޔޮން ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން މި ހާފްގެ ބޮޑުބައިގައި ޓީސީ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކް ގިނަ ކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. ޓީސީ އޭރިއާ ތެރެއިން މުހައްމަދު އުމެއިރު އާއި ކެރިޗަށް ލިބޭ ބޯޅަތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ.

މާޒިޔާގެ ކެރިޗަށް (ކ) ލިބުމުގެ ކުރިން ޓީސީގެ ބެންޖޯ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 42 ވަަނަ މިނިޓްގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ގެ ބަދަލުގައި މޫސާ ޔާމީން (ޔާމްބެ) ވަނީ ކުޅެން އަރުވައިފަ އެވެ.

މިއަދުގެ މެޗުގެ އޮފިޝަލްކަން ކޮށްފައިވަނީ އިންޑިއާގެ ރެފްރީންނެވެ. ފުރަތަމަ ހާފްގައި ގިނަ ގޯސް ނިންމުތަކެއް ރެފްރީގެ ފަރާތުން ފެނިގެންދިޔައިރު، މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ތަކުރާރުކޮށް ދިޔައީ އޭނާގެ ނިންމުންތަކަށް ފާޑުކިޔަމުންނެވެ. އަދި އެ ޓީމުގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ރެފްރީގެ ޝަކުވާ ކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. މެޗުގެ 47 ވަނަ މިނިޓްގައި އުމެއިރު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މި ހާފް ފެށިގެން ނުވަ މިނިޓް ތެރޭގައި ޓީސީން ވަނީ މުރުތަލާ އަދުނާންގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން އަރުވައިފަ އެވެ. މެޗުގެ 59 ވަަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އިއްބެ ފޮނުވާލި ކީޕަރު ސީރިއާގެ މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މާޒިޔާ އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ލީޑުފުޅާކުރަން މެޗުގެ 70 ވަނަ މިނިޓްގައި މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓީސީގެ މިސްރު މިޑްފީލްޑަރު ހަލީލް ގަމާލަށް ލިބުނު ފުރުސަތު އޭނާ އަތުން ވަނީ ބޭކާރުވެފަ އެވެ. ފޭދޫ އިއްބެ އޭރިއާ ތެރެއިން ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށްލާފައި ދިން ބޯޅަ ހަލީލް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ ފަހު ދިހަ މިނިޓަށް ޓީސީން ވަނީ ހަލީލްގެ ބަދަލުގައި ދާދު ކުޅެން އަރުވައިފަ އެވެ. އަދި މާޒިޔާއިން އިސްމާއިލް އީސަގެ ބަދަލުގައި ޔަސްފާދު ހަބީބް (މުލަކޭ) ވަނީ ކުޅެން އަރުވައިފަ އެވެ.

މާޒިޔާ އަށް މެޗުގެ 85 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަރިމަތިން ކެރިޗް ހުސްކޮށްލާފައި ނަގައިދިން ހުރަސް އޭރިއާ ތެރެއިން ހަަސަން ޝިފާޒް (ޑުންގާ) އަށް ލިބުމުގެ ކުރިން ޓީސީގެ ޑިފެންޑަރުން ވަނީ ބޯޅަ ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން އުމެއިރު ފޮނުވާލި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.

މާޒިޔާގެ ސަމުއްޓެ (ކ) ބޯޅަ ފޮނުވާލާއިރު ޓީސީގެ ޒާދު އެ ދިފާއުކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިތުރު ވަގުތުގައި މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ކީޕަރު ކިރަން އަތުގައި ޖެހިފައި ލިބުނީ މާޒިޔާގެ ކެރިޗަށެވެ. އެހެން ނަމަވެސް ހުސްކޮށް އޮތް ގޯލަށް ފޮނުވާލަން ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އޭނާގެ ޓީމުގެ ފަރާތުން މި މެޗުން މޮޅުވެވޭނެ ފެންވަރުގެ ކުޅުމެއް ނުފެންނަ ކަމަށެވެ.

"އަހަރެމެން ކޮޅަށް މެޗުގެ ދެ ވަނަ މިނިޓްގައި އާދައިގެ ގޮތަކަށް ލަނޑެއް ވަނީ. ދެން ފެނިގެން ގޮސްފި ކުޅުންތެރިން ދެއްކި ކުޅުން. ރަނގަޅަށް ތައްޔާރުނުވެވި އަންނަން ޖެހިއްޖެނަމަ މި ކަހަލަ ކަންތައް ކުރިމަތިވެދާނެ. އެކަމަކު މިއަދު އެންމެ އުނދަގޫ ކަމަކަށް ދިމާވީ ހަވީރު ގަޑީގައި ކުޅެން ޖެހުމުން. ވަރަށް ދުވަސްކޮށްފައި ހަވީރު މި ކުޅުނީ. އަނިޔާގެ މައްސަަލަ ދިމާވުމަކީ އަނެއް ގޮންޖެހުން،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ވަނީ މެޗަށް ފަހު ވެސް ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ އޭނާގެ ޓީމުން އެންމެ ހާލުގައި އޮވެ ކުޅުނު އެއް މެޗު ކަމަށާއި މި މެޗުން ލިބުނު މޮޅާ އެކު ޓީމަށް ހިތްވަރު ލިބިއްޖެ ކަމަށެވެ.

"ހަގީގަތުގައި އެންމެ ހާލުގައި އޮވެ ކުޅުނު މެޗު މިއީ. ފުރަތަމަ އެގާރައިގައި ކުޅޭ ފަސް ވަރަކަށް ޕްލޭޔަރު ނުލައި މިވަރުގެ ރިޒަލްޓެއް (ނަތީޖާއެއް) ނެެރެވުމުން ވަރަށް ހިތްހަމަ ޖެހިއްޖެ. މި ތިން ޕޮއިންޓްގެ މުހިއްމުކަން ވަރަށް ބޮޑު އެއީ މި ދަނޑިވަޅުގައި ޓީމު އޮތް ހާލަތުގެ ގޮތުން،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން މެޗުގައި ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން މި މެޗުގައި ވެސް ތަކުރާރު ވެގެންދިއުމަކީ ލިބުނު އަނެއް ހިތްހަމަ ޖެހުން ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ އއ. މާޅޮހާއި ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.