ރަނގަޅު މަގާމެއް ހޯދަން ޓީސީ-ގްރީން މުހިއްމު މެޗަކަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ އާއި ގްރީންސްޓްރީޓްސް ބައްދަލުކުރާއިރު މިއީ ފުރަތަމަ ބުރު ނިންމާލާއިރު ރަނގަޅު މަގާމެއްގައި އޮތުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ.


މި ވަގުތު 13 ޕޮއިންޓާ އެކު ޓީސީ ތިން ވަނައިގައި އޮތްއިރު ގްރީންސްޓްރީޓްސް އޮތީ 12 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ފުރަތަމަ ބުރުގެ އެއް ވަނަ 18 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ހޯދާފައިވާއިރު މި ވަގުތު ދެ ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

"މިއީ ވަރަށް މުހިއްމު މެޗެއް. މަގާމުގައި އޮންނަން ބަލާއިރު މިއީ ވަރަށް މުހިއްމު މެޗެއް. އަޅުގަނޑުމެން އޮތީ ރަނގަޅު ފޯމެއްގައި އެކަމަކު ގްރީންސްޓްރީޓްސް އަކީ ވެސް މި ސީޒަނުގައި ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ޓީމެއް. އެ ޓީމަށް ރެސްޕެކްޓްކޮށްގެން ނުކުންނާނީ،" ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗުން ބަލިވި ނަމަވެސް އޭގެ ފަހުން ހުރިހާ މެޗެއް ވެސް ދަނީ ރަނގަޅަށް ކަމަށާއި ހާއްސަކޮށް އެންމެ އުނދަގޫ ހާލަތުގައި އޮވެ މާޒިޔާ ބަލިކުރުމަކީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށެވެ. ނިޒާމްބެ ވަނީ އެ މެޗުގައި ބައިކޮޅަށް ގޯލެއް ވައްދާނުލާ ނިންމާލެވުމުން އެކަމާ ހިތްހަމަޖެހޭކަމަށް ބުނެފަ އެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ސްކޮޑުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވޭތީ. މިހާ ޓައިޓްކޮށް ކުޅޭއިރު އެ ފުރުސަތު އާއްމުކޮށް ނުދެވޭ. އެކަމަކު ލިބުނު ފަޅި ފުރުސަތެއްގައި (ކުޅުންތެރިންތަކަކަށް އަނިޔާވުމުން) އަޅުގަނޑަށް އެންމެ ފަހު މެޗުގައި ވެސް ސްކޮޑުގެ ގިނަ ކުޅުންތެރިންނަށް ޗާންސް ދެވުނު. މިއީ ލީގުގައި ކުރިއަށްދާއިރު ޓީމަށް ލިބޭނެ ކުރިއެރުމެއް،" ނިޒާމްބެ ބުންޏެވެ.

ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ މި މެޗުން މޮޅުވެ ފުރަތަމަ ބުރުން ދެ ވަނަ ހޯދުމުގެ ފުރުސަތު ވެސް އޮތުމާ އެކު މިއީ މުބާރާތުގައި ކުޅޭނެ އެންމެ މުހިއްމު މެޗު ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މެޗެއް. އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތާއި ނެރެމުން އަންނަ ނަތީޖާ ހިފެހެއްޓުމަށްޓަކައި މި މެޗުން މޮޅުވުން ވަރަށް މުހިއްމު. ދެ ވަނަ އަށް އެރުމުގެ ފުރުސަތު ވެސް އެބައޮތް. އެހެންވެ ބުނެވިދާނެ މިއީ އެންމެ މުހިއްމު މެޗޭ،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ނިއު އާއި މާޒިޔާ އަދި ޓީސީގެ ސްޓްރައިކް ލައިނާ ބަލާއިރު ގްރީންގެ ސްޓްރައިކް ލައިން އަދިވެސް އެހާ ހަލުވި ނޫން ކަމަށާއި އެކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.