ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ގްރީންސްޓްރީޓްސް އަތުން މޮޅުވެ ޓީސީ އަށް ތިން ވަނަ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުން މިރޭ ކްލަބް ގްރީންސްޓްރީޓްސް އަތުން 3-1 އިން މޮޅުވެ ފުރަތަމަ ބުރުގެ ތިން ވަނަ މަގާމް ޓީސީ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ޓީސީ އާއި ދެ ވަނައިގައި އޮތް މާޒިޔާ އަށް 16 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާ އަށް ދެ ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. ގްރީން އޮތީ 12 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި 10 ޕޮއިންޓާ އެކު ތިނަދޫ އޮތްއިރު ހަ ވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ މިލަންދޫ އެވެ. މާޅޮސް ދެ ޕޮއިންޓާ އެކު ހަތް ވަނަ މަގާމުގައި އޮތްއިރު ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ކުޑަހުވަދޫ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަތަރު ގޯލް ވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ޓީސީ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތެއް ލިބިގެން ދިޔަ އެވެ. އެކަމަކު މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ގްރީން އިންނެވެ. އެގޮތުން ޓީސީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ގްރީންގެ ވިލިއަމް މަކޯ ފަސް ވަނަ މިނެޓުގައި ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ މިނެޓެއް ފަހުން ގްރީންގެ މުޚުތާރު ނަސީރު (ޓޫކިލޯ) ހުރަސްކުރި ބޯޅައަކުން އޭރިއާ ތެރެއިން އިބްރާހިމް ރިޒްހާން ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒެއް ނުވި އެވެ.

ޓީސީގެ ފުރަތަމަ ހަމަލާ ނުވަ ވަނަ މިނެޓުގައި ފޮނުވާލީ ނާއިޒް ހަސަން (ދާދު) އެވެ. އޭރިއާ ބޭރުން އޭނާ އަށް ލިބުނު ބޯޅަ ކޮންޓްރޯލްކުރުމުގެ ބަދަލުގައި ވެއްޓިގެންފައި ގޯލަށް ފޮނުވާލުމުން ހުރަހަކަށްވީ ގޯލް ދަނޑި އެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ހިލޭ ޖެހުމެއް ވެސް ދަނޑިއަށް އަމާޒުވި އެވެ. ފުރަތަމަ ހާފު ނިމެނިކޮށް އޭރިއާ ތެރެއިން ދާދު ފޮނުވާލި ބޯޅަ ދިޔައީ ގޯލް ރޮނގުމަތިން ކަހަލަ ގޮތަކަށް ހުރަސްވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި ދާދު ވަނީ ޓީސީ އަށް ލީޑު ހޯދައިދީފަ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ދާދު ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އޭގެ މިނެޓެއް ފަހުން ޓީސީން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ގްރީންގެ ޖަޕާން ގޯލްކީޕަރު ޖުން ކޮޗީ ބޯޅަ ހޯދަން ކުރިއަށް އެރި ވަގުތު އެ ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވާނުލެވުމުން ލިބުނީ ޓީސީގެ ހަލީލަށެވެ. ހާފުގެ މެދުތެރެއަށް ވުރެ ތަންކޮޅެއް ކުރިން، ބޭރު ރޮނގު ކައިރިން ލިބުނު ބޯޅަ ހަލީލް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް އޮއްސާލައިފަ އެވެ.

ދެ ގޯލަށް ފަހު ގްރީން އަށް ހަމަނޭވާއެއް ނުލެވިކޮށް އުޅެނިކޮށް ޓީސީން ވަނީ ތިން ވަނަ ގޯލް ޖަހައިފަ އެވެ. ގްރީން އިން ކުރިއަށް ޖެހުނު ވަގުތުގެ ފައިދާ ނަގައި މި ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ސްޓެވާޓެވެ.

ގްރީންގެ ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ޖެހީ އަހުމަދު ނިޒާމެވެ. އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ ގޯލުގެ ތެރެއަށް ވައްދާލީ ރޮނގުމަތިން ކަހަލަ ގޮތަކަށް ޖަހަ އެވެ. އޭގެ ދެ މިނެޓު ފަހުން ޓީސީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ޖެހުނީ ދަނޑީގަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޕޮއިންޓުގެ ގޮތުން ދެ ވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ޖުމްލަކޮށް ފުރަތަމަ ބުރުގައި ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ މެޗުން ބަލިވި ފަހުން ދެން ހުރި މެޗުތަކުގައި ރަނގަޅަށް ފެނިގެން ދިޔައީ. ހާއްސަކޮށް ގެއްލިދާނެހެން ހީވާ ކަހަލަ މެޗުތަކުން ނަތީޖާ ނެރެފައި އެބަހުރި،" ނިޒާމްބެ ބުންޏެވެ. "މިރޭ މެޗަށް ނުކުތީ ވަރަށް އިތުބާރާ އެކު މޮޅަކަށް އަމާޒުކޮށްގެން. ކުޅުންތެރިން ޕްރެކްޓިހުގައި ދެއްކި ޕާފޯމަންސަށް ބަލާއިރު އުއްމީދު އޮތް. އެއްވެސް މެޗަކަށް ނުކުންނަނީ ގިނަ އަދަދަކަށް ލަނޑު ޖަހަން އުއްމީދުކޮށްގެނެއް ނޫން. އެކަމަކު މިރޭ މޮޅުވާން ޓާގެޓްކޮށްގެން އައީ."

ގްރީންގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ އެހެން ޓީމުތަކާ އެއްހަމައެއްގައި އޮތުމަށް މިރޭ މޮޅުވުން ވަރަށް މުހިއްމު ކަމަށާއި އެކަމަކު އަދިވެސް އުއްމީދު ނުގެއްލޭ ކަމަށެވެ.

"ޓޮޕުގައި އޮތް ޓީމުތަކާ ކައިރި ކުރަން ބަލާއިރު މިއީ މޮޅުވާން ޖެހޭ މެޗެއް. މިރޭ ބަލިވުމުން އަނެއްކާ ވެސް ގެޕް ބޮޑުވެގެން ދިޔައީ. އެކަމަކު އަދިވެސް އަތުނުވާ ހިސާބަކަށް ނުދޭ. މި ބްރޭކުގެ ތެރޭގައި އެބަޖެހޭ ވަރަށް ރަނގަޅުކުރަން،" ސޮބާ ބުންޏެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާމު ބައް

24 September 2017

ކޮބާ 90 މިނިޓް ކުޅުނުތަ؟

The name is already taken The name is available. Register?

މަށަށްނޭނގި

24 September 2017

ކާކު މޭން އޮފް ދަ މެޗަކީ ؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454