ތިނަދޫ ކޯޗުކަމާ ސުޒޭން ހަވާލުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރިން ވިކްޓަރީ އާއި މާޒިޔާ އަށް ކޯޗުކޮށްދިން އަލީ ސުޒޭން ހަމަޖައްސައިފި އެވެ.


ސުޒޭން ވަނީ ތިނަދޫ އަށް މި ސީޒަނުގެ ނިޔަލަށް ކޯޗުކޮށްދިނުމަށް އެ ޓީމާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ތެރޭގައި ހިމެނިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ތިނަދޫ އަށް މުބާރާތުގެ ފުރަތަމަ ބުރުގައި ކޯޗުކޮށްދިނީ ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް އެވެ. އޭނާ މަގާމުން ވަކިކުރީ ޓީމުގެ މެނޭޖްމަންޓާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކި ކަމަށް ބުނެ އެވެ.

މާޓިނޭޒްގެ ކޯޗުކަމުގެ ދަށުން ތިނަދޫ ފުރަތަމަ ބުރު ނިންމާލީ ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ 10 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮވެ އެވެ. މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމުގެ ތެރެއަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ތިނަދޫން އިތުރުކޮށްފައިވާއިރު އެ ޓީމަކީ އެ މުބާރާތުން އައި ޓީމުތަކުގެ ތެރެއިން ލީގުގައި އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

ވިކްޓަރީ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ އަދި ވެލެންސިއާގައި ވެސް ދުވަސްތަކެއް ހޭދަކުރި ސުޒޭން ކޯޗިން ފަށާފައި ވަނީ 2002 ވަނަ އަހަރު ވިކްޓަރީގެ ބެންޗުންނެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަދި ހެޑް ކޯޗެއްގެ ގޮތުން ސުޒޭން ވަނީ ވިކްޓަރީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ވިކްޓަރީން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު ސުޒޭން 2013 ވަނަ އަހަރު މަސައްކަތްކުރީ އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސްގެ މަގާމުގަ އެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު މާޒިޔާއާ ހަވާލުވެ އަލުން ކޯޗިން އަށް ވަނެވެ. އޭނާ ވަނީ މާޒިޔާ އަށް މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް ހަމަކޮށްދީފައިވާއިރު ސުޒޭން ވެފައިވަނީ މާޒިޔާގެ 20 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗަށެވެ.

މި ސީޒަނުގައި މާލޭ ލީގުގައި ވިކްޓަރީ އަށް ކޯޗުކޮށްދިން ސުޒޭން ވަނީ މައްސަލަ ގަޑެއްގެ ތެރޭގައި އޮވެވެސް އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެދީފަ އެވެ. މާލޭ ލީގުގެ ގަދަ ހަތަރަކަށްވަދެ ޕްރިމިއާ ލީގުން ފުރުސަތު ހޯދަން އެ ޓީމު ކުރި މަސައްކަތް ނާކާމިޔާބުވީ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ ދަށްވުމުންނެވެ.

ބްރޭކަށް ފަހު ލީގު އަލުން ފަށާއިރު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހު ހަވީރު ތިނަދޫ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ސުޒޭން އެންމެ ފަހުން ކޯޗުކޮށްދިން މެޗުގައި ވިކްޓަރީ ބަލިވީ ޓީސީ އަތުންނެވެ.