މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް

އިޝާން އިބްރާހިމް (ސައްޓު) ގެ ހެޓްރިކާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫ އަތުން 3-2 އިން ށ. މިލަންދޫ މޮޅުވުމާ، ގަދަ ހަތަރަކަށް އަރަން ތިނަދޫ އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.


ތިނަދޫ 18 ޕޮއިންޓާ އެކު މި ވަގުތު ހަތަރު ވަނައިގައި އޮތްއިރު މިރޭ މޮޅުވި ނަމަ އެ ޓީމަށް ގަދަ ހަތަރެއް ކަށަވަރުވެ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެ ޓީމު ބަލިވުމާ އެކު، 16 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް ކްލަބް ގްރީންސްޓްރީޓްސް އަށް ވަނީ ދޮރެއް ހުޅުވިފަ އެވެ. މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން ގްރީން މޮޅުވެއްޖެ ނަމަ އެ ޓީމަށް ގަދަ ހަތަރެއްގެ ޖާގަ ލިބި ތިނަދޫ އަށް ފުރުސަތު ގެއްލޭނެ އެވެ. އެ ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ފުރުސަތު އޮންނާނީ ތިނަދޫ އަށެވެ.

މިރޭގެ މޮޅާ އެކު ށ. މިލަންދޫން ލީގު ނިންމާލީ 14 ޕޮއިންޓާ އެކު ހަ ވަނައިގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން މިރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި ތިނަދޫގެ ކޮލަމްބިއާ ފޯވާޑް އަވީލާ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ނަތީޖާއަކަށްވީ ތިން ވަނަ މިނެޓުގައި ސައްޓު ގޯލެއް ޖަހައި މިލަންދޫ އަށް ލީޑު ނަގައިދިނުމެވެ.

ތިނަދޫން އެއްވަރުކުރީ ހަތް ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަހުމަދު ރިޒްވާން (ރިޒޭ) ޖެހި ގޯލުންނެވެ. އެކަމަކު 19 ވަނަ މިނެޓުގައި ސައްޓު ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި މިލަންދޫ އަށް އަލުން ކުރި ހޯދައިދީފަ އެވެ. އޭނާ މި ގޯލް ޖެހީ ތިނަދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިނަދޫން އަލުން އެއްވަރުކުރި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް 27 ވަނަ މިނެޓުގައި ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި ތިނަދޫ އަށް އެއްވަރުކޮށްދިނީ ޖޯޖް އިވާން ރޮޑްރިގޭޒެވެ.

އޭގެ ފަހުން ލީޑު ނަގަން ތިނަދޫގެ އަވީލާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ބޭކާރުކޮށްލި އެވެ. އޭރިއާ ތެރެއިން އޭނާ އަށް މުޅިން ހުހަށް ގޯލަށް ޖެހެން އޮތް ނަމަވެސް އޭނާ ބޭނުންވީ ތިނަދޫ ޑިފެންޑަރު ކައިރިން އުނދަގޫ ފަޅިން ނައްޓާލާށެވެ. އެހެން އުޅެނިކޮށް އެ ބޯޅަ ގެއްލުނީ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިނަދޫން ކުރިއަށް ޖެހުނު ދަނޑިވަޅެއްގައި ސައްޓު ވަނީ ގޯލް ޖަހައި މިލަންދޫ އަށް ކުރި ހޯދައިދީފަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި އޭނާ މި ގޯލް ޖެހީ ތިނަދޫގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ބްލޮކްވެގެން ކުޅުމުގެ ތެރެއަށް އަށް އައި ބޯޅައަކުންނެވެ.

މެޗުގެ ފަހުކޮޅު ތިނަދޫން އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެގޮތުން 89 ވަނަ މިނެޓުގައި ރިޒޭ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ މިލަންދޫގެ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރިއިރު އިތުރު ވަގުތުގެ ތެރޭ އޭރިއާ ތެރެއިން އަހުމަދު ނިއާޒަށް ލިބުނު ފުރުސަތުގައި ގޯލަށް ޖެހި ބޯޅަ ކީޕަރު މި ފަހަރު ވެސް މަތަކުރި އެވެ.

ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ ތިނަދޫން އަންނަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން ކަމަށާއި މިއީ ތިނަދޫން ދަށްކޮށް ދިޔަ ފުރަތަމަ މެޗު ކަމަށެވެ. ރަނގަޅު ފޯމެއްގައި އޮންނައިރު ދޭތެރެއަކުން މިފަދަ ނަތީޖާއެއް ނުކުތުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ސުޒޭން ބުންޏެވެ.

"ޑިފެންސުގެ މައްސަލަތަކެއް މިރޭ ފާހަގަކުރެވުނު. އަވީލާ އަށް ލިބުނު ފުރުސަތު ގެއްލުމަކީ އުނދަގޫވި ކަމެއް. އެއީ އެފަދަ ބޯޅަތަކެއް މިފަދަ މެޗެއްގައި ގޮސްފިއްޔާ ވަރަށް އުނދަގޫވާނެ ރިކަވާކުރަން،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ތިނަދޫ އާށް ގަދަ ހަތަރެއްގެ ޖާގަ ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށާއި ފުޓްބޯޅައިގައި ކަންތައްތައްދާ ގޮތަށް ބަލާއިރު އޭނާގެ ޓީމަށް ފުރުސަތު ލިބޭނެ ކަމަށެވެ. ސުޒޭން ވަނީ މިލަންދޫ ޓީމާއި ކޯޗު މުހައްމަދު ނާސިރު އަދި ކީޕަރު އިމްރާނަށް ތައުރީފްކޮށްފަ އެވެ.

ނާސިރު ބުނީ ލީގު ނިންމާލަން ބޭނުންވީ ތިން ޕޮއިންޓާ އެކު ކަމަށާއި އެކަން ހާސިލްވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ލީގުގައި އެންމެ ފުރަތަމަ އެ ޓީމުން ކުޅުނީ ޑިފެންސިވް ގޭމެކެވެ. އެކަމަކު ފަހަކަށް އައިސް އެ ޓީމުގެ އެޓޭކިން ބައި ވެސް ރަނގަޅުވި އެވެ.

"ފަހުން އަޅުގަނޑުމެން ކުޅުނީ އެއްވެސް ޕްރެޝަރެއް ނެތި. އަޅުގަނޑުމެންނަށް ލީގު ނުލިބޭނެކަން އެނގޭ. އެހެންވެ ފަހުން ޕްރެޝަރެއް ނެތި ރަނގަޅު ގޭމެއް ކުޅެން ބޭނުންވީ. އެއީ ތަފާތަކީ،" ނާސިރު ބުންޏެވެ.