ޓީސީ ފައިނަލަށް، މާޒިޔާ އަށް އޭއެފްސީގެ ޖާގަ ގެއްލިއްޖެ

ދެ ވަނަ ހާފްގެ ގޯލުތަކާ އެކު 2-0 އިން މާޒިޔާ ބަލިކޮށް، އެފްއޭ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ. މި މޮޅާއެކު، އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައަކާ ގާތަށް ޓީސީ އަށް ދެވުނީ އެވެ. އަނެއްކޮޅުން މާޒިޔާ އަށް ވަނީ ފަސް އަހަރު ތެރޭ އޭއެފްސީގެ ޖާގައެއް ފުރަތަމަ ފަހަރަށް ގެއްލިފަ އެވެ.


މާދަމާ ރޭ ކުޅޭ އެފްއޭ ކަޕްގެ ދެ ވަނަ ސެމީ ފައިނަލް މެޗުން ގްރީން ސްޓްރީޓްސް އަތުން ނިއު ރޭޑިއަންޓް މޮޅުވެއްޖެ ނަމަ، ޓީސީ އަށް އޭއެފްސީ ކަޕްގެ ޖާގައެއް ޔަގީން ވާނެ އެވެ. އެއީ ނިއު އަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން އޭއެފްސީ ކަޕްގެ ޖާގައެއް ލިބިފައިވާއިރު، ލީގުގެ ދެ ވަނަ ހޯދީ ޓީސީ ކަމަށް ވުމުންނެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުން ޓީސީ ބަލިވީ ވެލެންސިއާއާ ވާދަކޮށެވެ. ވެލެންސިއާ އަށް މި އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ނުލިބުނީ ޕްލޭއޮފް ބުރުގައި އިންޑިއާގެ މޯހަން ބަގާން އަތުން ބަލިވުމުންނެވެ.

ޓީސީގެ ފުރަތަމަ 11 ގައި ނާއިޒު ހަސަން (ދާދު) މި މެޗުގައި ހިމަނާފައިވާއިރު، އަނިޔާގެ ސަބަބުން އެންމެ ފަހުގެ މެޗުތަކުގައި ނުކުޅެވުނު މާޒިޔާގެ މުހައްމަދު އުމެއިރު ފެށީ ބެންޗުންނެވެ. އަދި މި ސީޒަނުގައި ޓީސީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވެސް އިނީ މެޗު ފެށިއިރު ބެންޗުގަ އެވެ.

މެޗު ފަށައިގެން ޓީސީން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން މަސައްކަތް ކުރި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ކުރަން ކުރި ގިނަ މަސައްކަތް މާޒިޔާގެ ޑިފެންސުން ވަނީ ހުއްޓުވައިފަ އެވެ.

ޓީސީ އަށް ކުޅޭ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މެޗުގެ 24 ވަނަ މިނިޓްގައި އެ ޓީމަށް ލީޑު ނަގައިދިނުމާ ގާތަށް ޖެހިލި އެވެ. އޭރިއާގެ ތެރެއިން މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ މަތިންނެވެ.

މެޗުގެ 33 ވަނަ މިނިޓްގައި، އޭރިއާގެ ތެރޭގައި ހުސްކޮށް ހުރެ ދާދު ފޮނުވާލި ބޯޅަ މާޒިޔާގެ ސީރިއާގެ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ލަނޑު ޖަހަން މާޒިޔާ އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާގެ ތެރެއިން ޓީސީގެ ޑިފެންޑަރު އަލާ ނާސިރު ކައިރިން ނައްޓާފައި އަސްހަދު އަލީ (އަޑޭ) ފޮނުވާލި ބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ޝެމްޔޮން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފަށް ޓީސީން ނުކުތީ މުހައްމަދު ސާމިރުގެ ބަދަލުގައި މުހައްމަދު މާޒިން ކުޅެން އަރުވައިގެންނެވެ.

ދެ ވަަނަ ހާފް ރަނގަޅަށް ފެށީ މާޒިޔާ އިންނެވެ. މި ގޮތުން ޓީސީ ހާފް ތެރޭގައި އެ ޓީމުން ވަނީ ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރަން މަސައްކަތް ކޮށްފަ އެވެ. މި ގޮތުން މެޗުގެ 54 ވަނަ މިނިޓްގައި މާޒިޔާގެ އިސްމާއިލް އީސަ (މެސީ) ފޮނުވާލި ބޯޅަ ޓީސީ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.

މިރޭގެ މެޗުގައި ލަނޑު ޖެހި ދާދު (ކ) އާއި ފޭދޫ އިއްބެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ އަށް ލީޑު ނަގައިދިނީ މެޗުގެ 68 ވަނަ މިނިޓްގައި ފޭދޫ އިއްބެ އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސްޓެވާޓް ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޭދޫ އިއްބެ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ސީޒަނުގައި އިއްބެ އެ ޓީމަށް ޖަހައިދިން 17 ވަނަ ގޯލެވެ.

އޭގެ ދެ މިނިޓް ފަހުން، އޭރިއާގެ ބޭރުން ދާދު ފޮނުވާލި ބޯޅަ ކީޕަރު މަހުމޫދު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި މާޒިޔާ އަށް މެޗުގެ ނަތީޖާ ހަަަމަހަމަ ކޮށްދެން އެ ޓީމުގެ ކެޕްޓަން ހަސަން ޝިފާޒް (ޑުންގާ) އަށް ލިބުނު ބޯޅަ އޭނާ އަށް އެންމެ ރަނގަޅަށް ފޮނުވާ ނުލެވުނީ ކޮންޓްރޯލް ރަނގަޅު ނުވުމުންނެވެ. އޭގެ މިނިޓެއް ފަހުން ޑުންގާގެ ބަދަލުގައި އުމެއިރު ވަނީ ކުޅެން އަރުވައިފަ އެވެ.

ޓީސީން މެޗުގެ ލީޑުފުޅާކުރީ މެެޗުގެ 78 ވަނަ މިނިޓްގައި ދާދު ޖެހި ގޯލުންނެވެ. އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އަހުމަދު ރިލްވާން ދިން ބޯޅަ ދާދު ވަނީ ކީޕަރު މަހުމޫދަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ކައުންޓަ އެޓޭކުގައި މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޓީސީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ސްޓެވާޓް ފޮނުވާލި ބޯޅަ ކީޕަރު މަހުމޫދު ވަނީ މަތަކޮށްފަ އެވެ.

ޓީސީން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ޓީސީގެ މާޒިން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. މާޒިން އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެ ޓީމުގެ އޭރިއާ ބޭރުން ބޯޅައިގައި އަތް ލުމުންނެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކި ރެފްރީ އަހުމަދު އަމީޒް މާޒިޔާ އަށް ފައުލެއް ދީފައިވަނިކޮށް ބޯޅަ ޖެހުމުންނެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ކުޅުމަށް ބަލާއިރު މިއީ މި ސީޒަނުގައި އެ ޓީމުން އެންމެ ދަށްކޮށް ކުޅުނު އެއް މެޗަކަށް ވާނެ ކަމަށެވެ.

"މެޗުން މޮޅުވީމަ ވަރަށް ހިތްހަމަ ޖެހިއްޖެ. މި ސީޒަނުގައި ވެސް ޓީސީން އެންމެ ދަށްކޮށް ކުޅުނު މެޗު މިއީ. ޓީސީގެ ގޭމް ސްޕީޑާ ގާތަށް ވެސް ޓީސީ އަށް ނުކުޅެވޭ. ފަހަރެއްގައި ވެދާނެ މެޗު ތަންކޮޅެއް ޕްރެޝަރުކޮށް ޓީމަށް ނެގިފައި އޮތީ ކަމަށް. ދެން ފައިނަލް މެޗަށް ޖެހޭނީ އެކަން ރަނގަޅު ކުރަން. ޖުމްލަ ގޮތެއްގައި ނަތީޖާ އެއްޗަކީ،" ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުޅުމަށް ބަލާއިރު ހިތްހަމަ ޖެހުނަސް ނަތީޖާ ނުނެރެވުމުން މުޅިން ހިތްހަމަނުޖެހޭ ކަމަށެވެ.

"ވަރަށް ބައިވަރު އިންޖަރީ އިޝޫސްއާ އެކު މި ކުރިއަށް ދަނީ. ހަގީގަތުގައި އެއީ އުޒުރަކަށް ހަދަން ބޭނުމެއް ނޫން. ވަރަށް ރަނގަޅަށް ކުޅެފި. އެކަމަކު ބަލިވީމަ ނެތް ހިތްހަމަ ޖެހެވޭކަށެއް. މާޒިޔާ ނުކުތީ ތަށްޓައް އެކަމަކު އެކަން ހާސިލް ނުވިޔަސް. ހަމަ ކުރިއަށްދާނަން ހިތްވަރާ އެކު،" އިންމަ ބުންޏެވެ.