ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވި ތިން ކޯޗުން: ސެގާޓް (ކ)، ހާބަޓް (މ) އަދި ސްޓެވާޓް (ވ).-- ފޮޓޯ: މިހާރު
18 މާޗް 2018 - 09:14
ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމާ ތިން ކޯޗު ހަވާލުވެއްޖެ އެވެ. ނިއު ޒީލެންޑުގެ ރިކީ ހާބަޓާއި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް އަދި ދާދި ފަހުން ޓީމާ ހަވާލުވި ޖަރުމަނުގެ ޕީޓަ ސެގާޓް އެވެ. މި ތިން ކޯޗުން ގައުމީ ޓީމާ ހަވާލުވުމަށް ފަހު ފުރަތަމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ އުއްމީދީ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ދެ ކޯޗުން ވެސް ހަގީގަތުގައި ޓީމާ ވަކިވީ ޓާގެޓާ ހަމައަށް ނުދެވި، ހެދި ޕްލޭން އޮތްތާގައި ބާއްވައިފަ އެވެ.
ތިން ކޯޗުން ވެސް ފުރަތަމަ ދުވަހު އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އެބައޮތް ކަމަށެވެ. އެ ކޯޗުން ބޭނުންވާ ކަންތައްތަކެއް އެފްއޭއެމް އާއި ކުޅުންތެރިންގެ ފަރާތުން ފުރިހަމަވެއްޖެނަމަ ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން ދިނެވެ.
ވޯލްޑް ކަޕްގައި ނިއު ޒީލެންޑް ގޮވައިގެން ވާދަކުރި ހާބަޓަށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ދިނީ ދެ އަަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރުގެ ޖޫން މަހު އޭނާ މަގާމުން ވަކިކުރީ ނަތީޖާ ނުނެރެވޭތީ އެވެ.
"އަހަރެން ގަބޫލުކުރާ ގޮތަކީ ފުޓްބޯޅައިގައި ކާމިޔާބު ހޯދޭނީ ޕްލޭނެއް އޮވެގެން. ތެދެއް ހުނަރު ވެސް ބޭނުންވޭ ފުޓްބޯޅައިގައި. އަހަރެން ބޭނުންވާ ފެންވަރުގެ ހުނަރުހުރި ކުޅުންތެރިން އެބަތިބި ރާއްޖޭގައި. ދެން އަހަރެން ބޭނުން ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން. އެކަމަކު އެ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުރިއަށްދަންޏާ ނަތީޖާ ނެރެން ވެސް ވަގުތުދާނެ،" ގައުމީ ޓީމު ހާބަޓްއާ ހަވާލުކުރުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕާއި ބަންގުބަންދު ކަޕާއި ސާފް ގޭމްސްގެ ސެމީ ފައިނަލުން ރާއްޖެ ކެޓީ ހާބަޓްގެ ކޯޗުކަމުގަ އެވެ.
ހާބަޓް (ކ) ގައުމީ ޓީމުގެ ޕްރެކްޓިހުގައި ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންޑިއާގެ ގުވަހާޓީގައި 2016 ވަަނަ އަހަރު އޮތް ސާފް ގޭމްސްގެ ސެމީގައި ފަހު ވަގުތު ވަން ގޯލުތަކުން ނޭޕާލް އަތުން ބަލިވި މެޗަށް ފަހު ހާބަޓް ބުނީ މި ތިން މުބާރާތުގައި ވެސް އޭނާ އާ ކުޅުންތެރިންތަކެއް ބޭނުންކުރި ކަމަށާއި އެހެން ނަމަވެސް ނަތީޖާ ނުނެރެވުނީ ކަމަށެވެ. އަދި މުސްތަގުބަލަށް ރަނގަޅު ކުޅުންތެރިންތަކެއް އޭނާ އަށް ތައްޔާރުކުރެވޭނެ ކަަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުންޏެވެ.
ހާބަޓް ވަކިކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގައި އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުގައި މާލޭގައި ޔަމަން އަތުން ބަލިވި މެޗަށް ފަހު އެވެ. ހާބަޓް ވަނީ އެކަމަށް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެހެން ނަމަވެސް ހަގީގަތުގައި ހާބަޓްގެ ކޯޗުކަމުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ނަތީޖާ ނުނެރެވުމުގެ އިތުރަށް ޓީމު ރޫހު ވެސް ގެއްލުމެވެ.
ހާބަޓަށް ފަހު ގައުމީ ޓީމާ ހަވާލުވީ އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ހުރި ކޯޗެއް ކަމަށްވާ ސްޓެވާޓެވެ. ސްޓެވާޓަށް ފުރަތަމަ ގައުމީ ޓީމުން ދިނީ ވަގުތީ އެއްބަސްވުމެކެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ލިބިފައިވާ އޮފާތަކަށް ފުރަގަސްދީ ސްޓެވާޓް ނުކުތީ ރާއްޖެ ގޮވައިގެން އޭޝިއަން ކަޕް ޕްލޭއޮފް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށެވެ. ލާއޯސް މެޗަށް ދިއުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ސްޓެވާޓް ދެއްކި ވާހަކައިގައި އެންމެ ބޮޑަށް ފާހަގަކުރީ ކުޅުންތެރިންގެ ހުނަރުގެ ވާހަކަ އާއި ބަލިކުރަން އުނދަގޫ ޓީމެއް ބިނާ ކުރުމުގެ ވާހަކަ އެވެ.
"ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އެބަހުރި. އަހަރެން މަސައްކަތްކުރި ޓީމުތަކުގެ ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު މާ ބޮޑު ތަފާތެއް ނެތް. އަހަރެން ބޭނުމީ ރާއްޖެ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ހަދަން."،" ލާއޯސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުންޏެވެ.
Hunaru ebahuri, Iskan dheyny natheeja nerumah: Qaumee Coach
The most trusted news source in the Maldives
Mihaaru
ލާއޯސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުން.
ލާއޯސް އަތުން ކުރި ހޯދައި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ރާއްޖެ ޖާގަ ހޯދި އެވެ. ސްޓެވާޓް އެ މުއްދަތުގެ ތެރޭގައިވަނީ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން 5-0 އިން ރާއްޖެ މޮޅުކޮށްދީފަ އެވެ.
ވަގުތީ މަގާމެއްގައި ހުރެ ސްޓެވާޓް ކުރި މަސައްކަތް ކަމުދިޔުމުން އެފްއޭއެމުން މިދިޔަ އަހަރު މާޗް މަހު ސްޓެވާޓާ ޓީމު ހަވާލުކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އަށް ދިނީ ބޮޑު ދެ ޓާގެޓެވެ. އެއީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމާއި އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމެވެ. ސާފް ޗެމްޕިއަންޝިޕް މި އަހަރަށް ފަސްކުރުމުން އެ ޓާގެޓާ ހަަމަ އަށް ނުދެވެނީސް ސްޓެވާޓް ޓީމާ ވަކިވާން ޖެހުނީ އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުންނެވެ.
"އަހަރެން ކުރިން ވެސް ޓާގެޓް ކުރި ކަމެއްް އެއީ އޭޝިއަން ކަޕަަށް ދިއުމަކީ. ވަރަށް ބޮޑު ޓާގެޓެއް އެއީ. ވަރުގަދަ ގްރޫޕެއްގައި މި އޮތީ. އެހެން ނަމަވެސް މި ޓީމު އެކުގައި މަސައްކަތް ކޮށްފިނަމަ އަހަރެމެންނަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން މިއީ. އުއްމީދު އެބައޮތް،" ގައުމީ ޓީމާ އެކު ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ސްޓެވާޓް ބުންޏެވެ.
ކޮލިފައިންގައި ސްޓެވާޓްގެ ފަރާތުން ފެނުނީ ބޭނުންވި ނަތީޖާތަކެއް ނޫނެވެ. ބޫޓާން ނޫން ޓީމެއް އަތުން ޕޮއިންޓެއް ވެސް ނުހޯދެ އެވެ. އޮމާނާއި ފަލަސްތީނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަދި އޭނާ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ރަށުންބޭރުގައި އޮމާނާއި ފަލަސްތީން އަތުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވުމުންނެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސްޓެވާޓް (ކ) ކުޅުންތެރިންނަށް ބުނެދެނީ: ފޮޓޯ: ނިޝާން އަލީ/މިހާރު
ނަތީޖާ ނުނެރެވުމުގައި ދިމާވި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ސްޓެވާޓް ފާހަގަކުރި އެއް ކަމަކީ ކަންތައްތަކެއް ފުރިހަަމަވެފައި ނެތުމެވެ. އެހެން ނަމަވެސް އެއްވެސް މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދި މެޗަށް ފަހު އޮތް ބައްދަލުވުމެއްގައި ވެސް އޭނާ ބޭނުންވީ ހުރިހާ ޒިންމާއެއް އަމިއްލަ އަށް ނަގާށެވެ. އޭޝިއަން ކަޕަށް ކޮލިފައިވެވޭނެ ކަމަށް ކުރިން ބުނި ބުނުން އޭނާ ނިންމާލީ "މި ގްރޫޕުގައި ވަރުގަދަ ޓީމުތަކެއް އެބައޮތް" އެހެން ބުނުމަށް ފަހު އެވެ.
ގައުމީ ޓީމާ ދާދި ފަހުން ހަވާލުވީ އަފްގާނިސްތާން ޓީމުގައި މީގެ ކުރިން ކާމިޔާބު މަސައްކަތްތަކެއްކުރި ޖަރުމަނުގެ ކޯޗު ސެގާޓް އެވެ. ފުޓްބޯޅައިން ބްރޭކެއް ނަގައިގެން ހުއްޓައި ސެގާޓަށް ރާއްޖެ އިން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ "އުއްމީދީ ޕްލޭން" އެއް ރާއްޖެ އިން އޭނާ އަށް ހުށަހެޅުމުންނެވެ.
އެފްއޭއެމުން މިހާރު ވަނީ ވަގުތީ ކާމިޔާބަކަށް ވުރެން ބޮޑަށް މުސްތަގުބަލަށް ވިސްނައިގެން "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމެއް ހަދައި އެޔަށް މަސައްކަތް ފަށައިފަ އެވެ. ސެގާޓް އަކީ މިހާރު މި މަސައްކަތުގެ މޭސްތިރި އެވެ. އެފްއޭއެމްގެ ވިސްނުމާ އެއްގޮތަށް އޭނާ ވެސް ހުރީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭށެވެ. އެހެން ނަމަވެސް އޭނާގެ ފިލޯސޮފީ އަކީ އެއްވެސް ކުޅުންތެރިޔަކަށް ގައުމީ ޓީމުގެ ދޮރު ބަންދުނުކުރުމެވެ. އަދި ކުޅުންތެރިން ތައްޔާރުކުރި ނަމަވެސް ކާމިޔާބަށް ވެސް އޭނާ އިސްކަންދެ އެވެ.
"ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން. އެކަމަކު ގައުމީ ޓީމުގެ ދޮރު އެއްވެސް ކުޅުންތެރިޔަކަށް އަހަރެން ބަންދެއް ނުކުރާނަން. ކޮލިޓީ ހުރިއްޔާ، އަހަރެމެންގެ ފިލޯސަފީ އަށް އިހުތިރާމްކުރަންޏާ އުމުރަކަށް ނުބަލާނަން،" ސެގާޓް ބުންޏެވެ. "ދިވެހިރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ ކުޅެން. އަހަރެން ދެ ވަނަ ޑިވިޝަން ވެސް ތިން ވަނަ ޑިވިޝަން ވެސް ބަލާނަން. މި ވަގުތުން ފެށިގެން ރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ."
ސެގާޓްގެ ކޯޗުކަމުގައި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުގައި ރާއްޖެ އަތުން 4-0 އިން އަފްގާނިސްތާން މޮޅުވި އެވެ. އޭނާ އަށް އެ ދުވަހު ވެސް އަދި މިހާރު ވެސް ފެނުނު ކަމަކީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރެވެ. އެހެން ނަމަވެސް ކުރީގެ ދެ ކޯޗުންނާ ހިލާފަށް އޭނާ ފާހަގަކުރި އެހެން ކަމެއް އެބައޮތެވެ. އެއީ ކުޅުންތެރިންގެ ހުނަރުގެ ބޭނުން ހިފަން ރަނގަޅު ރޭވުންތެރިކަމެއް ނެތް ކަމެވެ.
Kulhuntherin molhu, ekamaku reyvuntheri kammeh neiy: qaumee coach
The most trusted news source in the Maldives
Mihaaru
ސެގާޓް ގައުމީ ޓީމާ ހަވާލުވުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް
ސެގާޓް ބުނީ ހުރިހާ ކަމެއް ރަނގަޅުކުރަން ބޭނުންވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ފެށިގެން މިއަދާ ހަމައަށް ވެދިޔަ ކަންތައްތަކުން އިބްރަތް ހޯދައި އެންމެން އެކުވެގެން މަސައްކަތްކޮށް އަލުން ކާމިޔާބު ހޯދަން މަސައްކަތްކުރުމެވެ. އަދި އޭނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ކާމިޔާބު ލިބޭނީ އެންމެންގެ ހިތްވަރުންކަން ފާހަގަކުރި އެވެ.
ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވި ދެ ކޯޗުންނަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އޮތް ޓާގެޓްތަކާ ހަމައަށް ދިއުމަށް ބޭނުންވާ ނަތީޖާ ނުނެރެވުމެވެ. ކުރީގެ ދެ ކޯޗުން ވެސް ހުނަރު ހުރިކަމަށް ގަބޫލުކުރިއިރު، އޭގެއާ އެއްވަރަށް ހަވާލުވި ޓާގެޓާ ހަމައަށް ނުދެވުނެވެ. ސެގާޓް ވެސް ހުނަރުގެ ވާހަކަ ދެއްކި އެވެ. އެކަމަކު އެފްއޭއެމުން އޭނާ އަށް ދިން ޓާގެޓަކީ މި ވަގުތު ކާމިޔާބު ހޯދުމަށް ވުރެ މުސްތަގުބަލުގައި ކާމިޔާބު ހޯދޭނެ ޓީމުތަކެއް ބިނާކުރުން ކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ. ސެގާޓްގެ ޕްލޭނުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އޭނާގެ ފުރަތަމަ ޓެސްޓަކީ ގައުމީ ޓީމު ރަނގަޅަށް އެކުލަވާލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮކީ
18 March 2018
ތި ޝާކިއްޓޭ އަކީ އެހުންނަ ކޯޗށްވެސް ކޯޗު ކޮއްދޭ އަދި އެ ކޯޗަށް ވެސް ގޮތް ކިޔާ މީހެއް ދެން އޭނަލައިގެން ތިކަން ކުރާނެ ގޮތެއް ހަމަ ކުޑަކޮށްވެސް ނުވިސްނޭ !؟!؟!؟
ަްއަނަސް
18 March 2018
މި ލިޔުން ކިޔާލި އިރު ޝާކިއްޓޭ ޔާ ބެހޭ އެއްވެސް ވާހަކައެއް ނުފެނުނެ... ޝާކިއްޓޭ ގެ ވާހަކަ މިތަނައް އައިސްގެން މި އުޅެނީ ޝާކިއްޓޭ ދެކެ ޖޭ ވާ ބަޔަކު އޭނަގެ އަގުވައްޓަން ވެގެން ކަމައްފެނޭ... ޝާކިއްޓޭ އަކީ މިވަގުތު ހުސްކޮންތިބި ކޯޗުންގެ ތެރެއިން ގައުމީ ޓީމުގެ އ. ކޯޗަކަށް ގެންނަން އެންމެ ކަމުދާ ކޯޗް.. އެކަން އޭނަގެ ކާމިޔާބީ ތަކަށް ބަލާލީމަ ހެކިދޭ..
މާނު
18 March 2018
ސާކިއްޓޭ ލައިގެން ކޮން ޕްލޭނެއް ނެރެވޭނީ
ރަދީފް
18 March 2018
އޭނަ އެއީ އެސިސްޓެންޓްތަ؟؟؟
ަިައައްޔު
18 March 2018
ސާކިއްޓޭ އަކީ މިވަގުތު ރާއްޖޭގައި ހުރި ޒުވާން ކުޅުންތެރިންނާއި އެކު މަސައްކަތް ކުރަން އެންމެ މޮޅު ކޯޗް، ޖެހި ޖެހިގެން 3 ފަހަރު ޔޫތް މުބާރާތް ކާމިޔާބުކޮއް، އޭނަގެ ގާބިލް ކަން އެވަނީ ދައްކާފަ، ހަސަދަވެރިވާ މީހުން ހަސަދަ ވެރިވާނެ، ސާކިއްޓޭ އަށް ބުނެލަން އޮތީ، ސާބަހޭ، ތިޔަކުރާ މަސައްކަތައް،
ޙަސަން
18 March 2018
ކާމިޔާކުރަން ބުނެފަ އޭނަގެ އެސިސްޓެންޓަކަށް ރޯނުއެދުރެއްް ތި ލީ ???
ހިންނަވަރު މޫސަ
18 March 2018
ފުޓުބޯޅައަކީ ވަށްއެއްޗެކެވެ.އެންމެ ފަހު ވަގުތުގައިވެސް ނަތީޖާ ބަދަލުކޮށްލައެވެ.ރާއްޖޭގައި ނެތީ ހުނަރުވެރި ކުޅުންތެރިން ހޯދާނެ ހަރުދަނާ މެކޭނިޒަމްއެކެވެ.ނެތީ ފުޓުބޯޅައިގެ ހަރުދަނާ ޕްލޭނެކެވެ.ނެތީ ޓީމްތަކުގެ ޔޫތް އެކަޑަމީތަކެވެ.އަދި ކުޅުންތެރިންގެ އެއްވެސް ޑިސިޕްލިންގއެއް ނެތެވެ.ދެން އިޓަލީގެ ކަޕެއްލޯގެނަޔަސް ކާމިޔާބެއް ނުހޯދޭނެއެވެ.2008 ގެ ސާފްގެ ނަތީޖާއާއި އަރާހަމަކުރަން ރޭވުންތެރިކަމާއި،ކުޅުންތެރިންގެ މަސައްކަތް ފަށާފައިވާތަނެއް ނުފެނެއެވެ.މާނައަކީ ކާމިޔާބު ލިބޭނީ އަދި އެތައް އަހަރެއް ފާއިތުވާފަހުންނެވެ.އިރުއިރު ކޮޅާ ޗެލްސީން ހަދާގޮތަށް ކޯޗު ބަދަލު ކުރިޔަސް ނަތީޖާ ނުނެރެވޭކަން އެބަފެނެއެވެ.މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނަށް އެތައް މިލިއަން ޕައުންޑެއް ޚަރަދު ކުރިޔަސް ނަތީޖާ ނުނެރެވެއެވެ.މި މިސާލުތަކަށް ބަލާއިރު މިލިއަނުން ކަރަދުކޮށް،މޮޅު ކޯޗަކު ހުއްޓަސް ކާމިޔާބު ލިބެނޭ އެކުޅުންތެރިންގެ "ޑިސިޕްލިން"އާއި އެހެނިހެން ކަންކަން ފުރިހަމަވެގެންނެވެ.
ޓޮމް ބާ
18 March 2018
ހަމަ ޗޮކުން ހެން ހީވަނީ ދާނީ، އެފް.އޭ.އެމް ސިޔާސީ ވީމަ ވާގޮތްމީ
ރަދީފް
18 March 2018
މަރުހަބާ ސެގާޓް.ގުޑް ލަކް.ދިވެހިރާއްޖޭގަ ވެސް ނެދަލޭންޑްސްގަ އޮންނަ ގޮތަށް ސްކޫލްތަކުގަ ސަބްޖެކްޓެއްގެ ގޮތުގަ ފުޓްބޯޅަ ހިމަނަންވީ.އޭރުން ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމަށް ބެލެވޭ.
ވާނުވާނޭގެ.
19 March 2018
ނެދަލެންޑްސް މޮޅުކަމުން ވޯލްޑް ކަޕަށް ކޮލިފައި ނުވީވެސް'..