އީގަލްސްއާ މެދު ޓީސީ ހުރިހާ ވަގުތަކު ސަމާލުވާނެ: ނިޒާމްބެ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު މި މެޗުގެ ހުރިހާ ވަގުތަކު އެ ޓީމާ މެދު ޓީސީ ސްޕޯޓްސް ކްލަބުން ސަމާލުވާނެ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެން އީގަލްސް ލީގުގެ ދެ ވަނައިގައި އޮތީ އަދި މެޗަކުން ބަލިނުވެ އެވެ. ޓީސީ ލީގުގެ ހަތް ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ޓީސީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމާއި އީގަލްސްއާ ކުޅޭ މެޗުތައް ވެފައިވަނީ ވާދަވެރި ކުރިމަތިލުން ތަކަކަށެވެ. މިރޭގެ މެޗަކީ ވެސް އެ ފަދަ ކުރިމަތިލުމެއް ކަމަށް މި ދެ ޓީމުން ވެސް ގަބޫލުކުރެ އެވެ.

"މި މެޗަށް ނުކުންނައިރު މިދިޔަ އަހަރެކޭ އެއްގޮތަށް ވާދަވެރި މެޗަކަށް ވާނެ. ފަސޭހަ މެޗަކަށް ނުވާނެ. އީގަލްސް މި ސީޒަނުގައި ފުދޭވަރަކަށް ރަނގަޅަށް އަދި ޕާފޯމް ކުރަމުން އަންނަނީ. ނަތީޖާތަކަށް ބަލާއިރު ވެސް ރަނގަޅު. ހުރިހާ ކަމަކަށް ވެސް ވިސްނަން ޖެހޭނެ. ކޮންމެ މިނިޓެއްގައި ވެސް ޓީސީން ސަމާލުވާނެ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މި ދެ ޓީމުގައި ވެސް ހުރި ބަލިފައިތަކާއި ވަރުގަދަ ކަންތައްތައް ބަލަން ޖެހޭ ކަމަށާއި ނިސްބަތުން ދެ ޓީމު ވެސް އޮތީ އެއް ސްޓައިލެއް ކަމަށެވެ.

"އީގަލްސް އިން ނިއުއާ ކުޅުނުއިރު ވެސް ނެގި އެޑްވާންޓޭޖަކީ ކުރީގައި ތިބި ހަލުވި ކުޅުންތެރިންގެ. ދެން ޓީސީގައި މި އޮތް ސްޓްރައިކް ފޯސް އަކީ ވެސް ހަލުވި ފޯސް އެއް. އެއް ކަހަލަ ގޮތަކަށް ދެ ޓީމު ވެސް ބައްޓަން ވެފައި އޮތީ ވަރަށް ސަމާލުވާން ޖެހޭ. ހުރިހާ ހާލަތަކަށް ތައްޔާރުވާންޖެހޭ. މި މެޗުގެ ނަތީޖާ އަކީ ހުރިހާ ގޮތަކަށް ބަލާއިރު ވެސް ޓީސީ އަށް ވަރަށް މުހިއްމު އެއްޗެއް،" ނިޒާމްބެ ބުންޏެވެ.

މިދިޔަ ސީޒަނަށް ފަހު ޓީސީ އަށް ރިކަވާވާން އެންމެ ރަނގަޅު ބްރޭކެއް ނުލިބެ އެވެ. ސަބަބަކީ އެ ޓީމު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރަން ޖެހުމެވެ. އޮފް ސީޒަނުގައި ރަނގަޅު ބްރޭކެއް ނުލިބުމުން އޭގެ އަސަރު ޓީސީ އަށް މާލޭ ލީގުގެ ފުރަތަމަ މެޗުތަކުގައި ކުރި އެވެ.

ނިޒާމްބެ ވަނީ ގައުމީ ޓީމަށް ފުރުސަތުދޭން ވެގެން އައި ބްރޭކުގެ ބޭނުން އެ ޓީމުން ރަނގަޅަށް ހިފި ކަމަށް ބުނެފަ އެވެ.

"މިދިޔަ ބްރޭކުގައި އެ ކުރެވުނު ޕްރެކްޓިސާއި ސީނިއާ ކުޅުންތެރިންނަށް ހަތް ދުވަހުގެ ރެސްޓެއް ދިނިން. ގާތްގާތުގައި ނޫނަސް. ދެން ނެޝަނަލް ޓީމުގެ ކުޅުންތެރިންނަށް ވެސް ދިނިން ރެސްޓް. ގަބޫލުކުރަނީ ކުޅުންތެރިންގެ ލޮނޑުކަން ދުއްވާލެވި ކުރި އަށް ވުރެ ރަނގަޅަށް ފްރެޝްކޮށް އަރައި ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށް،" އޭނާ ބުންޏެވެ.

އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނީ ޓީސީއާ ދެކޮޅަށް ކުޅެން އީގަލްސް އިން އޮތީ ތައްޔާރަށް ކަމަށެވެ.

"އީގަލްސް އާއި ޓީސީގެ ކުރިމަތިލުންތަކަކީ އަބަދުވެސް ވަރަށް ފޯރިގަދަ މެޗުތަކެއް. ވަރަށް ގިނަ މެޗުތަކެއް އެއްވަރުވެސް ވެފައި އޮތީ. ވަރަށް ރަނގަޅު މެޗަކަށް ވެގެންދާނެ،" ނިމާ ބުންޏެވެ.

އީގަލްސް އިން މި ސީޒަނުގައި 11 ލަނޑު ޖަހާފައިވާއިރު، އެ ޓީމު ކޮޅަށް ވަނީ ހަތް ގޯލު ވަދެފަ އެވެ. އެ ޓީމުގެ ޑިފެންސްލައިނުގައި މައްސަލަތަކެއް އުޅޭ ކަމަށް ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނިމާ ވެސް ވަނީ އެ މައްސަލަ އަށް ނިމިދިޔަ ބްރޭކްތެރޭގައި ޓީމުން ވަރަށް މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.

"އީގަލްސް އަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބައިކޮޅަށް ވަންނަ ގޯލު އިތުރުވުން. ޕްރެކްޓިސްގައި ވެސް އޭގެ އަށް މަސައްކަތް ކުރަނީ. ދެން އަނެއްކޮޅުން އޭގެ ޕްލަސް ޕޮއިންޓެއް ވެސް އޮވޭ ޖަހާ ގޯލު ވެސް ގިނަ. އެތަންކޮޅު އެހާ ރަނގަޅީ ލިބިފައި ހުރި ފޯވާޑް (އެޑުއާޑޯ)ގެ ސަބަބުން. އޭނާގެ މޮޅުކަން ނިމިގެންދިޔަ މެޗުތަކުގައި ދައްކާފައި އޮތީ،" އޭނާ ބުންޏެވެ.

އީގަލްސް އެންމެ ފަހުން ކުޅުނު މެޗުގައިވަނީ ނިއު ރޭޑިއަންޓާ 2-2 އިން އެއްވަރުވެފަ އެވެ. މި މެޗުގައި އީގަލްސް އިން އެންމެ ރަނގަޅު ކުޅުމެއް ނުދައްކާ ކަމަށް ނިމާ ވަނީ ބުނެފަ އެވެ. އަދި ޓީސީއާ ދެކޮޅަށް ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށް ބުންޏެވެ.

"ނިއުރޭޑިއަންޓާ އެއްވަރުވި މެޗުގައި ވެސް އީގަލްސް އަށް އެންމެ ރަނގަޅު ކުޅުމެއް ކުޅެވިފައެއް ނެތް. ދެން އެ ދުވަހު ފުރަތަމަ ކޮޅު ދެ ގޯލު ޖެހުމާ އެކީ ނަތީޖާ އަށް ބޮޑަށް ވިސްނީ. އެހެންވެ ފަހު ހާފުގައި ނިއު އިން ބޮޑަށް ކުޅެ ޕްރެޝަރުކުރީ،" އޭނާ ބުންޏެވެ.

ފާއިތުވި އަަހަރުތަކުގައި އީގަލްސްގެ ކުރީގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރިޒުވާން (ރިޒޭ) ރަނގަޅު ފޯމަކަށް އެޅެމުން އަންނަ ކަމަށް ނިމާ ވަނީ ބުނެފަ އެވެ.

"ކިތަންމެ މޮޅު ކުޅުންތެރިއެއް ވެސް ހާލަތްތަކުގައި ފޯމު ގެއްލިފައި ދުވަސްކޮޅެއް ހިނގައިދާނެ. ރިޒޭ ވަރަށް ފަހުން މުބާރާތް ކައިރިވެފައި ވަނިކޮށް އިންޖަރީވީ. މިހާރު އެކަން ރިކަވާވެއްޖެ. އެކަމަކު އަސްލު ރިޒޭގެ ފޯމަށް އަދި ނޭޅޭ. ރިޒޭ މި މެޗުގައި 11 ގައި ކުޅުން އެކަށީގެންވޭ. ރިޒޭ ރަނގަޅު ފޯމެއްގައި ކުޅެވިއްޖެނަމަ އޭނާ އަކީ ތަފާތު ދައްކާނެ ކުޅުންތެރިއެއް. ދާދު (ނާއިޒު) މެންނޭ އެއް ފެންވަރަަކަށް ނޫނީ އެ އަށް ވުރެ ވެސް މޮޅަށް ކުޅޭނެ. އެގޮތަށް ކުޅެފިއްޔާ އުނދަގޫތަކެއް ދިމާވެދާނެ،" ނިމާ ބުންޏެވެ.

އީގަލްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.