ވިކްޓަރީ އާއި ފެހެންދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
01 ޖުލައި 2018 - 01:11
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ބ. ފެހެންދޫން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވިޔަނުދީ ހިފަހަައްޓައިފި އެވެ. މިރޭގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން މި ފަހަރުގެ ޕްރިމިއާ ލީގުގައި ކުޅޭ ފެހެންދު އަށް މި މުބާރާތުގައި އިރުޝާދުދެނީ ވިކްޓަރީ އަށް ކުރިން ކުޅުނު އަދި ނިއު ރޭޑިއަންޓުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އިސްމާއިލް އަނިލް އެވެ.
މެޗަށް ފަހު ފެހެންދޫގެ ކޯޗު އަނިލް ބުނީ ދެ ޓީމުގެ ދެމެދުގައި އޮތް ތަފާތު ވަރަށް ބޮޑު ނަމަވެސް އެކަން ދަނޑުމަތީގައި ފެނިގެން ނުދިޔަ ކަމަށެވެ.
"އަހަރުމެންގެ ޓީމާއި ވިކްޓަރީއާ މި އޮތް ތަފާތު ކަމަކީ ނާސަރީން ފެށިގެން ޑިގްރީއާ ހަމައަށް ތަފާތު އޮތް ދެ ޓީމު. ނުލާހިކު މަދު އާބާދީއެއް އޮތް ރަށެއްގެ ޓީމެއް މި ހިސާބަށް އައިސް ޕޮއިންޓެއް ހޯދުމަކީ ވެސް ތަށްޓެއް ލިބުން ފަދަ ކަމެއް. ކުޅުންތެރިން ކައިރީގައި ބުނިގޮތަށް އެ ޑިސިޕްލިން ހިފަހައްޓައިގެން ކުރި މަސައްކަތް މިއީ،" އަނިލް ބުންޏެވެ.
ފުރަތަަމަ ޑިވިޝަނުގައި ގަވައިދުން ކުޅުނު ކުޅުންތެރިއަކަށް ފެހެންދޫގައި ހުރީ އެ ރަށަށް އުފަން އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ދެން އެ ޓީމުގައި ހިމެނޭ މުހިންމު އަނެއް ކުޅުންތެރިއަކީ ހުސެން ޝަރީފް (އޮންލީ) އެވެ. ފެހެންދޫ އަށް ސަޕޯޓް ކުރުމަށް ކޮންމެވެސް ވަރަކަށް ސަޕޯޓަރުން ދަނޑަށް ވަތް މި މެޗުގައި އެ ޓީމުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.
މިރޭގެ މެޗުގައި ވިކްޓަރީން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ޑެންމާކުގެ މިޑްފީލްޑަރު ޑާލް އެލްގާޑާއި ތަޖިކިސްތާނުގެ ޑިފެންޑަރު ޗަކަލޯވް ފިރްދައުސް ވެސް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ފުރަތަމަ ހާފުގައި އެލްގާޑް ފޮނުވާލި ބޯޅައެއް ފެހެންދޫގެ ގޯލްކީޕަރު އިބްރާހިމް ޒަޔާން ވަނީ މަތަކޮށްފަ އެވެ.
މުޅި މެޗުގައި ވެސް ވިކްޓަރީން އެންމެ ގިނަ ފުރުސަތުތަކެއް ލިބުނީ އެ ޓީމުގެ ހަންގޭރީގެ ފޯވާޑް ސައިމަން ޓީބޯ އަށެވެ. އޭނާ ފޮނުވާލި ގިނަ ބޯޅަތައް ހުއްޓުވީ ކީޕަރު ޒަޔާން އެވެ. ސައިމަން ހިފެހެއްޓުމުގައި ފެހެންދޫގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސައިމަންގެ އިތުރުން ވިކްޓަރީގެ އަހުމަދު ނާޝިދު (ނައްޓޭ) އާއި ހުސެއިން ނިހާނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މި މެޗުގައި ފެހެންދޫ އަށް ލިބިގެންދިޔަ ފުރުސަތުތަކުން އެ ޓީމުން ފޮނުވާލި ހަމަލާތައް ގޯލާ ސީދާވާގޮތެއް ނުވި އެވެ.
ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ ފެހެންދޫ އިން މެޗުގައި ހާސިލްކުރަން ބޭނުންވި ކަންތައް އެ ޓީމުން ކާމިޔާބު ކުރި ކަމަށެވެ.
"އަނެއް ޓީމަށް (ފެހެންދޫ) އަހަރެން މަރުހަބާ ކިޔަން. އެ މީހުންގެ ޓެކްޓިކްސް ވަރަށް ރަނގަޅު. ފަސް މިނިޓް ކުޅެފައި ދެން ތިބެނީ ނިދާފައި. އަހަރެމެންގެ ޓީމުން ކުޅެން އުޅުނު. މިއީ ފުޓްބޯޅަ ކޮންމެ ގޮތެއް ވެސް ވެދާނެ،" ކިސް ބުންޏެވެ.
މިއީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމަކަށް މާލޭ ލީގުގެ ޓީމެއް އަތުން މި ފަހަރު ލިބުނު ދެ ވަނަ ޕޮއިންޓެވެ. މިއަދު ހަވީރު ށ. ފޯކައިދޫން ވަނީ ގްރީން ސްޓްރީޓްސްއާ 1-1 އިން އެއްވަރުކޮށްފަ އެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަަރަފުށި 10-0 އިން ނިއު ރޭޑިއަންޓް އަތުން ބަލިވިއިރު، ފ. ނިލަންދޫ އަތުން ޓީސީ މޮޅުވީ 6-1 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސް ކިޗް
01 July 2018
ކީކޭ ކިސް މި ކިޔަނީ؟ ބަލަގަ ކިހާ! ފެހެންދޫ ޓީމުގެ ކުޅުންތެރިން ނިދާފަތިބިނަމަ، ކަލޭމޭ މަޑުމަޑުން ގޮސް ގޯލު ނުޖެހީ ކީއްވެ. ކޮންމެވެސް އެއްޗެކޭ ކިޔާފަ އަނގަ ފުޅާކުރާތި. އިރާދަކުރެއްވިއްޔާ މިފަހަރު އަތޮޅުތަކުން އައި ޓީމުތަކުން ކަށި ހިއްވަރު ދައްކާނެ.
އިޔާ
01 July 2018
ބ އަތޮޅު، ވިކްޓަރީއަށް އަބަދުވެސް ބިރުބޮޑުވާނެ. ތިބޭނީވެސް ބ އަޑުއިވިފަ ބިރުން،
އިއްސޭ
01 July 2018
ކޮބާތަ ރާއްޖޭގެ އެންމެ ތާރީހީ އެއްކުލަބު ވިކްޓްރީގެ ސަޕޯޓަރުން؟ ދަނޑުތެރޭގައި މުޅިންވެސް ފެނުނީ ކުޑަކުޑަ ފެހެންދޫގެ ސަޕޯޓަރުން.