ހާސްވާން ޖެހޭ ސަބަބެއް އަދި ނެތް: މޯހަން

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި އީގަލްސް ދިވެހި ޕްރިމިއާ ލީގަށް ވަރުގަދަކޮށްގެން ނުކުތް އިރު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އަދި ހާސްވާން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.


ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މާޒިޔާއާ 2-2 އިން އެއްވަރުވެފަ އެވެ. އީގަލްސް ލީޑުނަގާފައި އޮއްވައި މާޒިޔާ އިން އެއްވަރުކުރީ އިތުރު ވަގުތުގައި ޖެހި ގޯލަކުންނެވެ. ދެ ވަނަ މެޗުގައި އީގަލްސް ބައްދަލުކުރީ ނިއު ރޭޑިއަންޓާ އެވެ. ފަހަތުން އަރައި އީގަލްސް އިން ލީޑުނަގާފައި އޮއްވައި ނިއު އިން އެއްވަރުކުރުމުން އެ މެޗު ވެސް ނިމުނީ 2-2 އިންނެވެ.

އީގަލްސް އިން އިއްޔެ ކުޅުނީ ޓީސީއާ އެވެ. މި މެޗުގައި އީގަލްސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، ޓީސީ މެޗުން މޮޅުވި ލަނޑު ޖެހީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށެވެ. ނަތީޖާ ހަމަހަމަ ކުރަން އީގަލްސް އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

އިއްޔެގެ މެޗަށް ފަހު އީގަލްސްގެ ކޯޗު މޯހަން ބުނީ ކުޅެން ޖެހުނީ ލީގުގައި އެންމެ ވަރުގަދަކޮށް އޮތް ތިން ޓީމާ ދެކޮޅަށް ކަމަށެވެ.

"އަނެއްހެން ހާސް ވާން ޖެހޭ ހިސާބަކަށް ނުދޭ ކަންނޭނގެ ހަގީގަތުގައި. ފުރަތަމަ ތިން މެޗު ކުޅެން މި ޖެހުނީ އެންމެ ގަދަ ތިން ޓީމާ. އެހެންވީމަ މި ތިން ޓީމު އަތުން މޮޅެއް ނުވެވުނޭ ކިޔާފައި ހާސްވާ ހިސާބަކަށް ނުދޭ." ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ، މަހިބަދޫ އަދި ކުޑަހުވަދޫ އަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.

ހާސްވާން ޖެހޭ ފަދަ ހާލަތެއް އަދި ނެތް ކަމުގައި ވިޔަސް މެޗަކުން މޮޅެއް ނުލިބުމަކީ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"އެކަމަކު ކުރިއަށް ދިއުމުގައި ހުރަސްތަކެއް މިއެޅިގެންދަނީ. އެއީ މޮޅެއް ލިބިފައި ހުންނަނަމަ ހަމަ ބޮޑު ހިތްހަމަ ޖެހުމަކަށްވެގެންދާނެ. އެއީ ހަމައެކަނި ތަފާތަކީ،" މޯހަން ބުންޏެވެ.

އީގަލްސް އިން ވަނީ ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އުޒްބެކިސްތާން ޒުވާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް އާއި މިޑްލްސްބަރާ އެކެޑަމީގައި ކުޅުނު އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން ގެނެސްފަ އެވެ. އޭގެ ތެރެއިން ޑިކްސަން ވަނީ ފުރަތަމަ ދެ މެޗުގައި މާޒިޔާ އާއި ނިއު ކޮޅަށް ގޯލު ޖަހައިފަ އެެވެ. އިއްޔެ ޓީސީ ކޮޅަށް އޭނާ ފޮނުވާލި ހަމަލާ އެ ޓީމުގެ ކީޕަރު ނޭޕާލްގެ ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.

ލީގުގައި ދެން އެންމެ އަވަހަށް އީގަލްސް ކުޅޭ މެޗުގައި މި މަހު 18 ވަނަ ދުވަހު ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.