އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނެރުނު ރާއްޖޭގެ ފުރަތަމަ އެގާރަ --. ފޮޓޯ:ނިޝާން އަލީ/މިހާރު
13 ޖުލައި 2018 - 11:23
މުސްތަގުބަލަށް ފުޓްބޯޅަ ޓީމުތައް ބިިނާކުރުމަށް "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި އެފްއޭއެމުން ބޮޑު ޕްރޮގްރާމެއް ފެށުން ވެގެންދިޔައީ ފުޓްބޯޅައިގައި ޝާމިލްވެ އުޅޭ ހުރިހާ ފަރާތްތަކަށް ލިބެގެންދިޔަ އުފާވެރި ހަބަރަކަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތް ފެށޭނެ ކަމަށް ބުނެފައިވާއިރު، 13 އަހަރުގެ ޔޫތު ލީގު ވެސް މި ވަނީ ފަށައިފަ އެވެ. އެކަމަކު ގަވާއިދުން ބައިވެރިވަމުން އަންނަ އޭޝިއަން ގޭމްސްގައި ބައިވެރިނުވާން ނިންމުމަކީ މި ހުރިހާ ޕޮޒިޓިވް ކަންކަމުގެ ތެރެއިން ފަހަތަށް އެޅި ފިވަޅެކެވެ.
ގޭމްސްގައި ވާދަކުރާނީ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ. އޭގެ އިތުރުން ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު އޮވެ އެވެ. ރާއްޖޭން އަންނަނީ އޭޝިއަން ގޭމްސްގައި 1998 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުންނެވެ. ފަހަރަކަށް ވުރެ ފަހަރެއް ޓީމުގެ ނަތީޖާތައް ރަނގަޅުވަމުން އަންނައިރު، ގިނަ ކުޅުންތެރިންތަކަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ރަނގަޅު މެޗުތަކެއް ކުޅެލަން މި ގޭމްސްގައި ލިބުނެވެ. މިއީ ގިނަ ކުޅުންތެރިން ކެރިއަރުގައި ކުރިއަށްދާން ލިބިގެންދިޔަ ހިތްވަރެކެވެ. އެކަމަކު މި ފަަހަރު ގޭމްސްގައި ބައިވެރިނުވަން ނިންމިިއިރު މިއީ ކުރިމަތިވި ވެއްޓުމެކެވެ. ޒުވާން ކުޅުންތެރިންތަކަކަށް ގެއްލިގެންދިޔަ ބޮޑު ފުރުސަތެކެވެ.
ރާއްޖެ އިން ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކޮށްފަ އެވެ. އެ ގޮތުން އެންމެ ފުރަަތަމަ ވާދަކުރީ 1998 ވަނަ އަހަރު ތައިލެންޑުގައި އޮތް ގޭމްސްގަ އެވެ. އެ ފަހަރުގެ މުބާރާތުގައި ގަތަރު އަތުން 4-0 އިން ބަލިވިއިރު، ތަޖިސްތާން އަތުން ވެސް ވަނީ 3-0 އިން ބަލިވެފަ އެވެ.
ޖޯސެފް ޔަންކޭގެ ކޯޗުކަމުގައި 2002 ވަަނަ އަހަރު ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކޮރެއާ އަތުން 4-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން މެލޭޝިއާ އަތުން ބަލިވީ 3-1 އިންނެވެ. މި މެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މިއީ ގޭމްސްގައި ރާއްޖެ އިން ޖެހި ފުރަތަމަ ގޯލެވެ. ފަހު މެޗުން ރާއްޖެ ބަލިވީ އޮމާނާ ވާދަކޮށް 5-0 އިންނެވެ.
ގަތަރުގައި 2006 ވަނަ އަހަރު އޮތް ގޭމްސް އަށް ރާއްޖޭން ނުކުތީ ނިސްބަތުން ވަރުގަދަ ޒުވާން ކުޅުންތެރިންތަކަކާ އެކު އެވެ. ޔޮރްދާން ސްޓޮއިކޮފްގެ ކޯޗުކަމުގައި ކުޅުނުއިރު ވަރުގަދަ އީރާން އަތުން ފުރަތަމަ މެޗުން ބަލިވީ 3-1 އިންނެވެ. މި މެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. ދެ ވަނަ މެޗުން ވާދަވެރި ކުޅުމަކަށް ފަހު އިންޑިއާ އަތުން ބަލިވީ 2-1 އިންނެވެ. މި މެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެ ފަހަރު ފަހު މެޗުން ރާއްޖެ ވަނީ 1-0 އިން ހޮން ކޮން އަތުން ބަލިވެފަ އެވެ.
2010 ވަނަ އަހަރު އޮތް އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޓީމު. -- ފޮޓޯ: ހުސެއިން ސިނާން
މައުރޫފް އަހުމަދު (މާއްޓޭ)ގެ އިރުޝާދުގެ ދަށުން 2010 ވަނަ އަހަރު ޗައިނާގައި އޮތް ގޭމްސްގައި ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ފުރަތަމަ މެޗުން އޮމާން އަތުން 3-0 އިން ބަލިވިއިރު، ދެން ކުޅުނު ދެ މެޗުން ޕާކިސްތާނާއި ތައިލެންޑާ ދެކޮޅަށް ކުޅެ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
އެންމެ ފަހުން ގޭމްސް އޮތީ ދެކުނު ކޮރެއާގަ އެވެ. ރާއްޖޭން އެ ފަހަރުގެ މުބާރާތަށް ނުކުތީ ކްރޮއޭޝިއާގެ ކޯޗު ޑްރަގޯ މަމިޗްގެ ކޯޗުކަމުގަ އެވެ. ފުރަތަަމަ މެޗުން ތައިލެންޑް އަތުން 2-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ އިންޑޮނީޝިއާ އަތުން 4-0 އިން ބަލިވެފަ އެވެ. އެކަމަކު ފަހު މެޗުން ވަނީ ޓިމޯ ލެސްޓޭ އަތުން 3-2 އިން މޮޅުވެފަ އެވެ. މިއީ މިހާތަނަށް ގޭމްސްގައި ރާއްޖެ އަށް ފުޓްބޯޅަ އިން ލިބުނު ހަމައެކަނި މޮޅެވެ. އެ މެޗުގައި ލަނޑު ޖެހީ އަމްދާން އަލީ (އެންޑީ)، މޫސާ ޔާމީން (ޔާމްބެ) އަދި މުހައްމަދު އިރުފާން (އިރޭ) އެވެ.
އެންމެ ފަހުން އޮތް ގޭމްސްގައި ރާއްޖޭގެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މިހާރު ސީނިއާ ޓީމަށް އެބަކުޅެ އެވެ. އެ ކުޅުންތެރިންނަށް ގައުމީ ޓީމުގައި ރަނގަޅު މެޗުތަކެއް ލިބުނީ އެ ފަހަރު ގޭމްސްގަ އެވެ.
މީގެއިން ކޮންމެ ފަހަރަކު ވެސް ރާއްޖޭން ވަނީ ގިނަ އާ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ރަނގަޅު މެޗުތަކެއް ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށްދީ އެ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދީފަ އެވެ. އެ ކުޅުންތެރިން ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށް ދިއުމުގައި ބިންގާ އެޅުމުގައި އޭޝިއަން ގޭމްސްގައި ކުޅުނު މެޗުތަކުން ލިބުނު ތަޖުރިބާ މުހިއްމެވެ. ޒުވާން އުމުރުގައި އޭޝިއަން ގޭމްސްގައި ކުޅުނު ކުޅުންތެރިން މިހާރު ވެސް ސީނިއާ ޓީމުގައި އެބަކުޅެ އެވެ.
އޭޝިއަން ގޭމްސްގައި މި ފަހަރު ބައިވެރިނުވުމާ ބެހޭ ގޮތުން އެފްއޭއެމުން "މިހާރަ"ށް ބުނެފައިވަނީ ގޭމްސްގައި ބައިވެރިނުވަން ނިންމީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ނެޝަނަލް ސްޕޯޓްސް ކައުންސިލާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
އިއްޔެ އޮލިމްޕިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީން ބުނީ "ސާފް ޗެމްޕިއަންޝިޕް އޮތުމުން ޝެޑިއުލް ތަން ނުދޭތީ ބައިވެރިވެވެން ނެތް ކަމަށް" އެފްއޭއެމުން ބުނެފައިވާ ކަމަށެވެ.
އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަންގައި އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ކުރިއަށްދާނީ އަންނަ މަހު 14 އިން ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް އޮތީ ސެޕްޓެމްބަރު މަހު 5 އިން 15 އަށެވެ. މި ދެ މުބާރާތް ދެމެދުގައި އޮތީ ހަތަރު ވަރަކަށް ދުވަހެވެ.
ރާއްޖޭގެ އިތުރުން މި ފަހަރު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާ ވެސް ވާދައެއް ނުކުރެ އެވެ. ސާފް ސަރަހައްދުން ވާދަކުރަނީ ޕާކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ. ރާއްޖެ އަށް ވުރެން ސަރަހައްދީ ފުޓްބޯޅައިގައި ފަހަތުގައި އޮތް ތިން ގައުމު ކަމަށްވާ ޕާކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝަށް އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި ކުޅެވޭއިރު، ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ޕްލޭން ހަދައިގެން ކުރިއަށްދާ ރާއްޖެ އަށް ބައިވެރިނުވެވެންވީ ސަބަބެއް އޮތުމަކީ ސުވާލު އުފެދޭ ކަމެކެވެ. ސުވާލަކީ ރާއްޖޭގެ ހަމައެކަނި ޓާގެޓަކީ ސާފް ޗެމްޕިއަންޝިޕް ތޯ އެވެ.
2014 ވަނަ އަަހަރު އޮތް އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޓީމު. -- ފޮޓޯ: އޮލިމްޕިކް ކޮމިޓީ
ގައުމީ ޓީމުގެ ކޯޗުކަމަށް މިހާރުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގަޓް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރުން ލާޒިމެއް ނޫން ކަމަށެވެ. ސެގާޓާ އެކު ކުރެވޭ މަސައްކަތަކީ "ޓުވާޑްސް ފިއުޗާ"ގެ ޕްރޮގްރާމް ކަމަށާއި ބޭނުންވަނީ ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މުހިއްމު މުބާރާތެއް ސާފް ޗެމްޕިއަންޝިޕް ވެސް ވެގެންދޭ. އެހެން ނަމަވެސް އަޅުގަނޑާ އަޅުގަނޑުގެ ޓީމުގެ ވިސްނުމުގައި އޮތީ މިހާރު މިހާރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ލާޒިމް ކަމެއް ނޫނޭ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން އެބަޖެހޭ ގައުމީ ވަރުގަދަ ޓީމެއް ބިނާކުރަން. ޒުވާން ޖީލެއް އަލުން އުފައްދަން އެބަޖެހޭ،" އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވި އެވެ.
ބައްސާމްގެ އެ ވާހަކަތަކާ ގުޅިގެން ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުން އެކަމަށް މަރުހަބާ ކިޔެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ބޮޑެތި ޓާގެޓްތަކަށް ކުރިއަށް ދިއުމުގެ ވިސްނުމާއި މުސްތަގުބަލުގައި ވަރުގަދަ ޓީމެއް ބޭއްވުމުގެ މަސައްކަތް ފެށީތީ އެވެ. އެހެން ނަމަވެސް އޭރު ވެސް އެއްބައި ފަރާތްތަކުން ވަނީ ސާފަކީ ދިވެހި ސަޕޯޓަރުންގެ ނަޒަރުގައި ކާމިޔާބު ކުރަން ޖެހޭ މުބާރާތެއް ކަމަށާއި އެއީ ގިނަ ބަޔަކު ތަށި ނޫން އެއްޗެއް ގަބޫލު ވެސް ނުކުރާ މުބާރާތަކަށް ވުމުން އެ މުބާރާތް ވެސް މުހިއްމު ކަމަށް ބުނެފަ އެވެ. އެކަން އެހެން އޮތް ނަމަވެސް އެފްއޭއެމުން ވިސްނީ ޓުވާޑްސް ފިއުޗާ އަށް ކަަމަށް އޭރު އެ އިދާރާ އިން ބުންޏެވެ.
Mi vaguthu SAFF championship kaamiyaab kurun laazimeh noon: Bassam
The most trusted news source in the Maldives
Mihaaru
ގައުމީ ޓީމުގެ ކޯޗުކަމަށް ސެގާޓް ހަމަޖެއްސުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުން.
އެކަމަކު އެ ވާހަކަތައް އެއް ފަަރާތުގައި އޮއްވައި މިހާރު ފެންނަން ފަށާފައި މި ވަނީ ކުރިން ފެނުނު މަންޒަރެވެ. އަނެއްކާ ވެސް ސާފް ޗެމްޕިއަންޝިޕް މުހިއްމުވީ އެވެ. މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގު ވެސް ޝެޑިއުލްކޮށްފައި އޮތީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބޮޑު ބްރޭކެއް ލިބޭ ގޮތަށެވެ. އަދި މީގެ ކުރިން އެފްއޭއެމުން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން މާލޭގައި ގައުމީ ޓީމަށް ހާއްސަކޮށް މުބާރާތެއް ބޭއްވުމަށް ވެސް ވާހަކަ ދައްކައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މުބާރާތް މި އަހަރު ފަހު ކޮޅަށް މިހާރު ވަނީ ލަސްކޮށްފަ އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު މިހާރު މިސްރާބު މިހުރީ އަނެއްކާ ސާފް ތަށްޓަށްކަން ޔަގީންވެ އެވެ.
އޭޝިއަން ގޭމްސްގައި ބައިވެރިނުވުމުގެ އެއް ސަބަބެއްގެ ގޮތުގައި އެފްއޭއެމުން ބުނީ ސާފް ޗެމްޕިއަންޝިޕް ކުޅޭ ޓީމުގައި ހިމެނެނީ ގިނައިން 23 އަހަރުން ދަށުގެ ކުޅުންތެރިން ކަމަށެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕަށްދާ ޓީމުގައި ހިމެނުނަސް ކުޅުމުގެ ފުރުސަތު ނުލިބޭނެ ކުޅުންތެރިން އެބަތިއްބެވެ. އަދި މި ވަގުތަށް ބަލާއިރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އޭޝިއަން ގޭމްސްގައި ބައިވެރިވުމަކީ ވެސް އޮތް ގޮތެވެ.
މިސާލަކަށް ބަލާނަމަ މި ވަގުތު މާޒިޔާގެ ގޯލު ބަލަހައްޓަމުން އަންނަ ޒުވާން ކީޕަރު ހުސެން ޝަރީފަށް ސާފް ޗެމްޕިއަޝިޕް ޓީމުގައި ހިމެނުނަސް ކުޅެލަން ލިބުމުގެ ފުރުސަތު ވަރަށް ހަނި އެވެ. އޭނާ ގަވާއިދުން މާޒިޔާގައި ކުޅެމުން އަންނަ ދުވަސްވަރެއްގައި އޭޝިއަން ގޭމްސްގައި ބައިވެރިވިނަމަ އޭނާ އަށް ރަނގަޅު މެޗުތަކެއް ލިބޭނެ އެވެ. އަދި ފެންވަރު ރަނގަޅު ދިވެހި ކީޕަރުން މަދުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގައި މިއީ ވެސް ގެއްލިގެންދިޔަ ފުރުސަތެކެވެ.
އަނެއްކޮޅުން މި ވަގުތު އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އީގަލްސްގެ މިޑްފީލްޑަރު ހަސަން ރާއިފް (ހަންނަ) އަށް އަދި ސީނިއާ ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ. ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް އަދި އޭނާ އަލެވެ. އެކަމަކު އޭޝިއަން ގޭމްސްގައި ޒުވާން ސްކޮޑެއް ނަގައި ހަންނަ ފަދަ ގިނަ އުއްމީދީ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދިން ނަމަ މި ކުޅުންތެރިންނަށް ކުރިއަށްދާން ރަނގަޅު ތަޖުރިބާ އަކަށްވާނެ އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ކޯޗަކު "މިހާރަ"ށް ބުނީ ގޭމްސްގައި ބައިވެރިނުވާން ނިންމުމަކީ ޒުވާން ކުޅުންތެރިންތަކަކަށް ގެއްލިގެންދިޔަ ވަރަށް މުހިއްމު ފުރުސަތުތަކެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިއްޖެ ޒުވާން ޓީމުތައް ކޮޅަށް ގިނަ ގޯލުތަކެއް ވަދެގެން ދިޔަތަން. އޭގެ މާނަ އަކީ އެ ކުޅުންތެރިން ފުޓްބޯޅަ ކުޅުން ހުއްޓާލާނެއެކޭ އެއް ނޫން. އެ ވެސް ލިބޭނެ ތަޖުރިބާއެއް. އޭޝިއަން ގޭމްސް އަކީ ފާއިތުވެ ދިޔަ ތަނުގައި ވެސް ކުޅުންތެރިންނަށް ލިބިގެންދިޔަ ރަނގަޅު މެޗުތަކެއް. އޭޝިއާގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެލަން ލިބޭ. މި ފަދަ ފުރުސަތަކީ ކޮންމެ ކޮންމެ ފަހަރަކު ޒުވާން ކުޅުންތެރިންނަށް ލިބޭނެ އެއްޗެއް ނޫން. ސާފް ޗެމްޕިއަންޝިޕް އޮތަސް އޭގައި ނުކުޅޭ ކުޅުންތެރިން ވެސް ފޮނުވޭނެ. ޒުވާން ކުޅުންތެރިން މަދެއް ނޫން،" އޭނާ ބުންޏެވެ.
ގައުމީ ޓީމުގެ ޒުވާން ކީޕަރު ހުސެއިން: މި ފަހަރުގެ ގޭމްސްގައި ބައިވެރިވިނަމަ ހުސެއިން އަށް ރަނގަޅު މެޗުތަކެއް ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަންނަ އަހަރު ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވަނީ ތާވަލްކޮށްފަ އެވެ. އެކަމަކު އެ ދެ މުބާރާތުގައި ވެސް އޭޝިއަން ގޭމްސްގައި ލިބޭފަދަ ރަނގަޅު މެޗުތަކެއް ނުލިބޭނެ އެވެ.
އޭޝިއަން ގޭމްސްގައި މީގެ ކުރިން ރާއްޖެ ވަނީ ފެންވަރު ރަނގަޅު ޓީމުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާ ނެރެފަ އެވެ. އެ ގޮތުން އީރާނާއި ދެކުނު ކޮރެއާ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅުނެވެ. މި މެޗުތަކުގެ ބޭނުން ހިފައި ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މުހިއްމު ތަޖުރިބާތަކެއް ހޯދި ކުޅުންތެރިންތަކެއް އެބަތިއްބެވެ.
ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި އެފްއޭއެމުން އަވަދިނެތި ޕްލޭންތަކާ އެކު ކުރިއަށްދާތީ އެކަމަށް މަރުހަބާ ކިޔައި ސާބަސްދޭން ޖެހެ އެވެ. އެކަމަކު އޭޝިއަން ގޭމްސް ފަދަ ފެންވަރު ރަނގަޅު މުބާރާތަކުން އަންހެން ފުޓްބޯޅަ ޓީމަށް ފުރުސަތު ދިންއިރު، ފިރިހެން ޓީމު ބައިވެރިނުކުރުމަކީ އުއްމީދީ ކުޅުންތެރިންތަކަކަށް ގެއްލިގެން ދިޔަ ބޮޑު ފުރުސަތެކެވެ. ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ފަހަތަށް އެޅި ފިޔަވަޅެކެވެ. އަދި "ޓުވާޑްސް ފިއުޗާ" ބޮޑު ޕްލޭނަކާ އެކު ކުރިއަށްދަނިކޮށް ޒުވާން ކުޅުންތެރިންތަކަކަށް ގެއްލުނު ބޮޑު ފުރުސަތަކާ އެކު ފުޓްބޯޅަ އަށް ކުރިމަތިވި ބޮޑު ވެއްޓުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
15 July 2018
ސުވާލަކީ ރާއްޖޭގެ ގައުމީ ޓީމަށް މިސަރައްދުގެ ޓީމްތައް ފުރަތަމަ ބަލި ކުރެވޭނެހޭ؟ ނޫން ކަމަށްވާ ނަމަ އޭޝިއާގެ ބޮޑެތި ބާރުތަކާއި ކުޅެ ބައިކޮޅަށް ގޯލް ފުންޏެއް ވައްދަން ދާނެ ކަމެއް ނެތް.
އަލިކޮ
14 July 2018
ނޫނޭ ނޫނޭ، ސާފް ޗެމްޕިއަންޝިޕް ހަމަ ވޯލްޑްކަޕް ފަދަ. އަހަރެމެންގެ ދިވެހިރާއްޖެ ނުކުޅޭނެ މިސަރަހައްދުން ބޭރުގައެއް. ބޫޓާން ބަންގްލަދޭޝް ބަލިކޮށްފަ އިންޑިއާ އަތުން ބަލިވާން ކޮންމެ ދެއަހަރަކުން އެއް އަހަރު ދިޔައިމަ އެއޮތީ ދިވެހި ފުޓުބޯޅައިގެ ފާއިތުވި 20 އަހަރާ ކުރިއަށް އޮތް 20 އަހަރުގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިފަ. އެންމެން އަތްޖަހާ!
ޒާއްކޮ
14 July 2018
އެފްއޭއެމް ދުށް އެއްމެ ނާގާބިލް ރައީސް ބަންސާމަކީ މީ ދެބަސް ވެވޭނެ ކަމެއް ނޫން.
އާރީ
14 July 2018
އެފްއޭއެމްގެ ތިބި ވެރިންގެ ކުފޫހަމަނުވާކަން މީގެން ދައްކައި ދެނީ.
ޛުލޭ
13 July 2018
ކަލޭމެންނަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް. އެތަނަށް ގޮސް ބަލިވެގެން އަޔަސް އެހާ އެއްޗެހި ގޮވާނެ. ބުނާނެ، ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ތަޅާ ބުރުއްސަނިއްޔޭ.
ކެކެ
14 July 2018
އިޤްތޮސޯދީ ގޮތުން ވިސްނާނަމަ ހަމަ ހަގީގަތުގަވެސް ބެކާރު ގޮތުގައި ތަޅާ ބުރުއަސަނީއެވެ.
އިއްސޭ
13 July 2018
ގައިމު ސެގާޓް ނޫސްވެރިންނަށް ތައާރަފުކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމުބުނި، މިއޭޝިއަން ގޭމްސް މުބާރާތައް އިސްކަންދޭނެކަމަށް. އަދި މިއަހަރުގެ ދިވެހި ފުޓުބޯޅަ ކަލެންޑަރު ބައްޓަންކޮށްފައި އޮންނާނީ މިމުބާރާތާއި، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާނެ ވަގުތާއިމެދުވެސް ވިސްނާފަކަމަށް. އަނގަޔާ އަތާ ދިމަލެއްނުވޭ. ޓުވަޑްސް ދަ ފިއުޗާރ އޯ. ނޭންގެ ކޮންކަހަލަ ފިއުޗާއަކަށް ކަމެއް މިތައްޔާރުކުރަނީ.
ބުޅަބޭ
13 July 2018
ދވެހި ފުޓުބޯޅަ ފަހަތަށް އެޅަ ފިޔަވަޅެއް. އޭސިއަން ގޭމްސް އަށް ވުރެން ސާފް ޗެންޕިއަންސިޕް މުހިންމުވުމުން ދައްކައި ދެނީ އެފްއޭއެމްގެ ވިސްނުން. ހަތަރު އަހަރު ކުރިން އޮންނަކަން އިނގޭ އިރު ސީޒަން އަށް މިމެޗުތަށް ނުފެތޭ.
ބާބާ
13 July 2018
ފާސްކުރި ބިޔަ ބަޖެޓެއް. މިކަހަލަ ރަނުގެ ފުރުސަތު ބޭނުން ނުކުރަންޏާ ދެންކޮންކަމަކަށް ބަހައްޓައިގެން އުޅޭ ފައިސާއެއްތޯ؟
ބަޖެޓް
13 July 2018
ރާއްޖޭގެ ފުޓްބާޅައިގެ މުސްތަގްބަލަށް ފާއިދާ ކުރާނީ ގޭމްސް ގަ ބައިވެރި ވެގެން. އެހެން ނޫނަސް އެއީ 23 އަހަރުން ދަށް. އެފްއޭއެމް ހިންގުމާ ހަވާލުވެފައި ތިބި ވެރިން އިސްތިއުފާ ދީފަ ގެޔަށް ދޭބަލަ.