މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް (ކ) އާއި ސެގަޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މާޗް 2018 - 15:13
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ލާޒިމުކަމެއްގެ ގޮތުގައި ނުދެކޭ ކަަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީމުގެ ކޯޗުކަމަށް ޖަރުމަނުގެ ޕީޓަ ސެގާޓް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވީ އާ ކޯޗާ އެކު އެފްއޭއެމުން ފަށާ މަސައްކަތަކީ "ޓުވާޑްސް ފިއުޗާ"ގެ ޕްރޮގްރާމް ކަމަށާއި ބޭނުންވަނީ ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކަމަށެވެ.
ބައްސާމް ވިދާޅުވީ މި ވަގުތު ވިސްނުން ބަހައްޓަންވީ ސެގަޓްއާ އެކު ވަގުތީ ކާމިޔާބަށް ވުރެ ގިނަ ކާމިޔާބީތަކެއް ކުރިމަގުގައި ހޯދޭނެ ޓީމެއް ބިނާކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މުހިއްމު މުބާރާތެއް ސާފް ޗެމްޕިއަންޝިޕް ވެސް ވެގެންދޭ. އެހެން ނަމަވެސް އަޅުގަނޑާ އަޅުގަނޑުގެ ޓީމުގެ ވިސްނުމުގައި އޮތީ މިހާރު މިހާރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ލާޒިމް ކަމެއް ނޫނޭ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން އެބަޖެހޭ ގައުމީ ވަރުގަދަ ޓީމެއް ބިނާކުރަން. ޒުވާން ޖީލެއް އަލުން އުފައްދަން އެބަޖެހޭ،" ބައްސާމް ވިދާޅުވި އެވެ.
މިހާރު އޮތް ޓީމު ގޮވައިގެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ވެސް ނުވާނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅަ ކުރިއަރުވަން ވިސްނާއިރު، މިހާރު އިސްކުރަނީ މުސްތަގުބަލަށް ރަނގަޅު ގޮތްތަކެއް ހޯދުން ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ ޓާގެޓްތަކެއް ސެޓުކުރަން. މިހާރު މި އޮތީ ގައުމީ ޓީމު ބިނާ ކުރުމުގެ މަސައްކަތް ފެށިފައި. އަޅުގަނޑުމެން ބޭނުންވަނީ ކޯޗަށް ވެސް ވަގުތު ދޭން،" ބައްސާމް ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަތަކަށް ދިވެހި ގިނަ ސަޕޯޓަރުންތަކެއް ހިތްހަމަ ނުޖެހޭނެކަން ފާހަގަކުރަމުން ބައްސާމް ވިދާޅުވީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ހޯދޭނެ އެއްޗަކަށް ހެދުމަށް ވުރެ ބޮޑަށް އެ ދަމަހައްޓަން ޖެހޭ ވިސްނުން ސަޕޯޓަރުން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފަހުން އެ މުބާރާތަށް ގޮސްފިއްޔާ އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ގޮތަކީ މި މުބާރާތް ކާމިޔާބުކުރަން ޖެހޭނެ ކަމަށް. އެކަމަކު ހިތާމަ އަކީ އަޅުގަނޑުމެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު ފުޓްބޯޅަ އަޑިއަޅާލައިގެން ދިޔަތަން ފެނިގެންދިޔައީ އެހެންވީމަ ކޮންމެސް ބަޔަކު އެކަން ނުކުރީމާ އެއީ އަޅުގަނޑުމެން އެކަން ދޫކޮށްލަންވީ ސަބަބެއް ނޫން،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އޭނާ މި ވަގުތު ޓީމެއް ބިނާ ކުރުމުގެ މަސައްކަތް މި ފަށަނީ މުޅި ފުޓްބޯޅައިގެ މުސްތަގުބަލަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.
"އަޅުގަނޑަށް ވެސް ފަސޭހަ އަޅުގަނޑުގެ ހަތަރު އަހަރު ތެރޭގައި ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރަން. އެކަމު އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑު މި މަގާމުގައި ހުރިއޭ ކިޔާފައި މި ދައުރު ތެރޭގައި ކާމިޔާބީތަކެއް ހޯދަން. އެހެން ނަމަވެސް އަޅުގަނޑުގެ ދައުރު ނިމިފައި ދެން އަންނަ ބަޔަކު މި ތަނުގެ މެނޭޖްމަންޓަށް އަންނައިރު އަޅުގަނޑު ބޭނުންވަނީ އަލުން މި މަސައްކަތް ފަށަން ނުޖެހި ކުރިއަށްދެވޭ ހާލަތަކަށް ގެންގޮސްދޭން،" އޭނާ ވިދާޅުވި އެވެ.
އާ ކޯޗު ސެގާޓަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ތަނަވަސްކޮށްދޭނެ ކަމަށާއި އޭނާ އިހުތިޔާރުކުރާ ގޮތަކަށް ކަންތައްތައް ކުރުމުގެ އަމިއްލަ ބާރު ދޭނެ ކަމަށް ވެސް ބައްސާމް ބުންޏެވެ.
"ކޯޗަށް (ސެގާޓް) ދީފިން ޕްލޭނެއް އެކުލަވާލުމަށް ވަގުތު. ކޯޗު ޕްލޭނެއް ހިފައިގެން އައީމަ އަޅުގަނޑުމެން މަޝްވަރާ ކުރާނަން. ހުރިހާ ކަމެއް. ކޯޗަށްދޭން ޖެހޭ ހުރިހާ ބާރެއް ދީފައި އޮންނާނީ. ޓީމު ނެގުމުގައި ވެސް. ކުޅުންތެރިން ޓީމަށް ނެގުމުގައި ވެސް. ކޯޗުގެ އަމިއްލަ ބާރުގައި ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ދީފައި އޮންނާނީ،" ބައްސާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދު
16 March 2018
ބައްސާމް އަކީ އަބަދުވެސް ވަރަށް އުއްމީދީ ވިސްނުން މީޑިއާ އަށް ގެނެސްދޭ މީހެއް ނަމަވެސް ހަގީގަތަކީ އަމަލީ ގޮތުން މިދިޔަ އަހަރުވެސް ކަމެއް ނުވިކަން. ތިކޯޗްވެސް ބޭރުކޮށްލާނެ. ދަނޑަށް އިއްޔެ ވެސް 50 ރުފިޔާ ހޭދަކޮށްގެން ވަދެ ގޮނޑިބަރީގަ މީހުން ތިބީ އޮފް ކޮށްފައި ހުރި ފަންކާ ތަކެއްގެ ދަށުގައި.އެކަމަކު ރަތްބައި ގައި ފަންކާ އޯކޭ. މީ ވަރަށް ވާހަކަ.
ޏަރު
14 March 2018
ތިޔަކަހަލަ މީހުން އިސްތިއުފާދިނީމާ ރަނގަޅުވާނެ. މަސްއޫލިއްޔަތުވެސް އަދާކުރަންވެސް ނުކެރެ
ރިއަލިޓީ69
14 March 2018
ރަނގަޅު، 2008 ގެ ސާފް ކަޕަށް ފަހުން މުޅިންވެސް އިންޑިޔާ އަތުން މެޅިގެން ރާއްޖެ ކަޓަނީ، ހަހީގަތުގަ 2008 ގެ ފަހުން މުޅިންވެސް 23 އަހަރުން ދަށުގެ ޓީމު ތިޔަ ސާފް ޗެމްޕިއަންޝިޕަށް ފޮނުވިނަމަ މީހަރު ފިސާރި އޮބި ޓީމެއް އޮތީހީ އެކުލަވާލެވިފަ..އެކަމް ކީއްކުރާނީ އަންޑަ 13 ގެ ޓީމަށްވެސް ސީނިޔަ 3 ކުޅުންތެރިން ލެވެޔޭ ކިޔާފަ ދަގޭ އިންމަ އޮއްޕޮ ގޮވާގެން ދަނީ، އެންމެ ފަހުން އިންމަ އަމިއްލައަށް ޒުވާން ގައުމީ ޓީމަށް ކުޅުންހުއްޓާލީ، ހައްްތަހާވެސް އިހުމާލު، ޒިންމާ ނަގާނެ މީހެއްނެތް
ވާލުސޮރު
14 March 2018
ގައުމީ ޓީމް ސިޔާސީ ކޮށްލާފަ ރިޔާސީ އިންތިޚާބްގަ ޑްރާމާ އެއް ކުޅެލާފަ ޓީމް ގޮވައިގެން ގޮސް ބެންކޮކް ގަ ކޭމްޕް ޖެހީމަ މިވަގުތަށް ފުދޭނެ!
ސިންތިލީ ވޫމް
14 March 2018
2 ވަނަ ހާފު ނުނިމެނީސް ކިކެއްޖަހާފާއި އައިސާބައްވުރެން ދުރައް ސެގާޓް ފޮނުވާލާނެ ބަލާތި.
އިޙްސަ
14 March 2018
ބައްސާމުގެ ތިވިސްނުން ގޯހެއްނޫން. މައްސަލައަކީ އަމަލީ ގޮތުން ކޮންމެވެސް ހިސާބަކުން ގޯސްހަދާކަން. ގައުމީ ޓީމުގެ ސްކޮޑު ވަކިބަޔަކު ބޭނުންވާ ގޮތަށް ބައްޓަން ކުރުން. ވަކިބަޔަކަށް ހާއްސަވުން. ޒުވާން ކުޅުންތެރިންނަށް އެކްސްޕީރިއެންސް ހޯދައި ނުދެވުން..
ދާގީނާ
14 March 2018
ތިހެން ގެނެއްސި ކިތައް ކޯޗު މިދައުރުގައިވެސް. އެ ކޯޗުން ދިވެހި ފުޓްބޯޅަކުރިއަރުވަން ކުރަންޖެހޭ ކަންކަން ކިތައްފަހަރު ކިޔާ ދީފީ!!! މި ކޯޗުވެސް ވަކި އާ އެއްޗެށް އެބަ ކިޔާތަ؟ ފިޓްނެސް ނެތްވާހަކަ ، އެއްވެސް ރޭވުންތެރިކަމެއް ނެތްވާހަކަ، ލީގުގަ ފެންވަރެއް ނެތް ވާހަކަ! މިއީ ނޭނގޭ ކަންތައްތަކެއްތަ؟ ކަންކަން ރަނގަޅު ވާނީ ތިމާމެންވެސް ރަނގަޅުކުރަން އުޅެގެން. ކޯޗުއައިއްސަ ހުރިހާކަމެއް ތަރުތީބުކޮށްފަ ދިޔާމަ އޭތި ވާނެއެއްޗެއްވާން ދޫކޮށްލައިގެން ނުވާނެ! ކޯޗު އެޅި ބިންގާ ފުނޑާލައިގެން ނުވާނެ، އޭގެ މަތީގައި އިމާރާތް ކުރަން ޖެހޭނީ. އެންމެ ކުޑަ މިންގަނޑުން ލީގުގަ ވަކި ފިޓްނެސް ލެވެލް މިންގަނޑެއް ހަދައި އެއަށް ވުރެ ފިޓްނެސް ދައްކުޅުންތެރިންނަށް ލީގު ނުކުޅެވޭހެން ހަދާނަމަ، އޭރުން ގައުމީ ޓީމުަގައި ފިޓްނަސް މައްސަލައެއް ނުޖެހޭނެ. އާ ކޯޗުން އައިސް އަބަދު ފިޓްނެސް ލެސަންސް ނަގާ، މުޅި ޓްރެއިނިން ބޭކާރު ވާކަށް ނުޖެހޭނެ!