ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަގުތީ ގޮތުން އަނެއްކާވެސް ގޭ ބަންދަށް ބަދަލުކޮށްފި އެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ ބައްސާމްގެ ސިއްހީ ހާލަތާ ގުޅިގެން މެޑިކަލް ބޯޑުގެ ލަފަޔާ އެކު ވަގުތީ ގޮތުން އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

ބައްސާމް މީގެ ކުރިން ވެސް ގޭ ބަންދަށް ބަދަލުކުރީ ސިއްހީ މައްސަލައެއްގަ އެވެ. އެ ފަހަރު އޭނާ ގޭ ބަންދަށް ބަދަލުކުރީ ނޭފަތުގެ ސާޖަރީއެއް ކުރުމަށް ފަހު ރިކަވަރީ މުއްދަތުގައި ހިރަފުހާ ދުރުގައި އުޅުމަށް ޑޮކްޓަރު ލިޔުމުން އަންގާފައި ވާތީ އެވެ. 

އެ ސާޖަރީއަށް ފަހު ދޭ ފަރުވާ ޖަލުގައި ބަހައްޓައިގެން އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމާ އެކު އޭނާ އަލުން ޖަލަށް ބަދަލުކުރީ މިދިޔަ މާޗު މަހު 16 ގަ އެވެ. 

ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ހިޔާނާތްތެރިވުމާއި، އަދި އެ ފައިސާ ލޯންޑާކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ.

އޭގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ވެސް އެ މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައިގައި އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރާއިރު، އެ ކުންފުނިން އެޕާޓްމެންޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގަން ހައި ކޯޓުން މިދިޔަ ޖޫން މަހު އަމުރެއް ވެސް ނެރެފައިވެ އެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ވެސް ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް މިދިޔަ ޖޫން މަހު ވަނީ ފޮނުވައިފަ އެވެ.