ބައްސާމް މީގެކުރިން ކޯޓަށް ހާޒިރުވަނީ: ޖަލު ހެދުމުގައި ކޯޓަށް ހާޒިރުވާން އޭނާ ދެކޮޅު ހެދި - ފޮޓޯ: މިހާރު
16 ނޮވެމްބަރ 2025 - 12:16
ޖަލުގެ ގައިދީން ލުމަށް ހާއްސަކޮށްފައިވާ ހެދުން ލާން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ދެކޮޅު ހެދުމުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ނުފެށި ދިގުލައިގެންދިޔަ އެވެ.
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހެދުމުންނެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ބައްސާމް ޖަލުން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ގެންނަން ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކުރުމުންނެވެ.
މިއީ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި އެ އިދާރާއިން އާންމުކޮށް އަމަލުކުރާ ގޮތެވެ.
ކޯޓުން ބުނި ގޮތުގައި 11:00 އަށް ބައްސާމް ކޯޓަށް ގެނެވުނީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ. ކޯޓަށް ހާޒިރުވާން ބައްސާމް ދެކޮޅު ހެދި މައްސަލައިގައި ޝަރީއަތުން އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުން ތާވަލުކުރީ އެފްއޭއެމްގެ ކުރީގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް، އޭނާ މިއަދު ކޯޓަށް ހާޒިރުވެފައިނުވާތީ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ޝަރީއަތުން ވަނީ އަގީލް ހައްޔަރުކޮށްގެން މާދަމާ ކޯޓަށް ހާޒިރުކުރަން އަންގާ އަމުރު ނެރެން ނިންމައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ބައްސާމް ވަނީ ވަކީލުންނާ ބައްދަލުކުރަން ދަތިވާ ކަމަށް ބުނެފަ އެވެ. އެހެންވެ ބައްސާމްއަށް ވަކީލުންގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ޝަރީއަތުން އަންގާފައިވެ އެވެ.
އެފްއޭމްއެމަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.
އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
17 November 2025
ޕްރިސަންސް ވަނީ މިމީހުންގެ ނޯކަރުންނަށް. ބައްސާމަކީ ހިކުމެއް ތަންފީޛު ކުރަން ޖަލުގައި ހުރިީހެއް ކަމުގައިވާނަމަ އޭނާއާ އެހެން ކުށްވެރިންނާ ތަފާތު ކުރާނަމަ ކަރެކްޝަންގެ މުވައްޒަފުންނަކީ ތަނުގެ ޙުރުމަތް ކަނޑާލާ ކޮރަޕްޝަން ހިންގާ ބަޔަކަށް ނޫނީ ނުވާނެ. މިކަމިގައި ކަރެކްޝަންގެ ކޮމިޝަނަރގެ މައްޗަށް ތަފާތުކުރުމުގެ ދަޢުވާ ކުރެވެންޖެހޭނެ. ތިތާވެސް ވަނީ އަލި ރަސްކަމާ އަނދިރި ރަސްކަންތަ؟ ހުދުގަމީސް ލީމަ ސަަފުވަނީތޯއްޗެއް.
ފީހައިބަތު
17 November 2025
ބައްްސާމު ވަޑައިއެގަތީ ވޭގަސްއަށްތަ؟ ބައްސާމާމެދު އިތުރު ފިޔަވަޅެއް ނާޅައިފިނަމަ އެހެން އެއްވެސް ގައިދީއަކަށް ދެން ތިޔަ ޖަލުހެދުން އެމީހުންގެ ނުރުހުމުގަ ލައްވައިގެން ނުވާނެ.
ނަށީދު
17 November 2025
މޮޅުމީހާ އަށް މޮޅުގޮތް ދެރަމީހާއަށް ދެރަގޮތް ދެއްތޯ …
ހަސަންބޭބެ
16 November 2025
ދެން ކީއްކުރަންބާ ހިފަހައްޓާލައިގެން އުޅެނީ. ދެކޮޅު ހަދައިގެން ބޭނުންގޮތަކަށް އުޅެވޭ ވިއްޔާ. މާދަމާ ބަންދުގައި ނުހުންނާނަމޭ ބުނީމަ ދޫކޮށްލާ. ހެދުން ލާންދެކޮޅު ހެދީމަ ދެންއަޅަން ޖެހޭފިޔަވަޅު ނޭޅީ ގާނޫނުގެ ކޮރުކަމުން ނުވަތަ ބަލަހައްޓަން ތިބިމީހުން ބިރުން ނުވަތަ ކިހިނެއްވެގެތޯވެސް އެބަބަލަޖެހޭ. ކިހިނެއްވެފައިބާ މިގައުމު މިއޮތީ
އިހްސާސް
16 November 2025
ދެން އެއްވެސް ގައިދީއަކަށް ތިޔަ ހެދުމެއްލެއްވޭނީ އެމީހަކު ރުހިގެން. ބައްސާމެއް ކާސިމެއް ތަފާތުނުކުރެވޭނެ.
ޑރ ވާންޗޯ
16 November 2025
ޖަލުހެދުމަކީ އެއްވެސް ކުލައެއްނުހުންނަ ޓްރާންސްޕޭރެންޓް ހެދުމެއްތަ؟.
ޢަރުތަ
16 November 2025
ބައްސާމު ހަމަ މޮޅިއްޔޭ، ޖަލުހެދުން ލައިގެން ނުދާނަމޭ ބުނީމަ ކަރެކްޝަނަލް ސާވީސް ސައިޒްވީދޯ. މީ މިވާވަރަކީ، ކިހާ ތާހިރު.
ބަދުމާޝް ބޭރެހެމް
16 November 2025
ފެންޓާފުޅިއަށް މިބުނީ އިންފެންޓީނޯއަށް އެގޭތަ މިސޮރުކޮށްގެން އުޅޭކަންތައް. އޭނަވެސް ހީނުކުރާނެ ދިވެއްސަކު އަމުދުން އެފްއޭއެމްގެ ރައީސަކަށް ހުރިމީހަކު މިކަހަލަ ގަޑެއް ގަނެފާނެއޭ. އޭނަ ހީކުރާނީ ދިވެހިންނަކީ ވަރަށް މަޑުމައިތެރި ބައެއްކަމަށް. ޝޭމް އޮން ޔޫ ބައްސާމު. ޔޫ އާރ އަ ޕެތެޓިކް ފީސް އޮފް ޝި،،،ޔޫ ޝުޑް ބީ އިން ޖެއިލް.
މާޓިން ބަޝީރު
16 November 2025
މިގައުމުގެ ފުޓްބޯޅަ ބޮޑު އަނދުވަޅަކަށް ވައްޓާލި މިހާ މިހާރު އެ ކުޅޭގަތީ ގުމުގެ އަދުލު އިންސާފާ. ރޯމާ ދުވާލު އެންމެން ބަލަންތިއްބާ! ނުނޭކޭ ތިހެން ނެހޭދޭނެއޭ ބުނާން ކެރުނު މީހެއްނެތް. ގާނޫނުލް އުގޫބާތުގައި ކޮންމެ އެއްޗެއް ކޮންމެ ގޮތަކަށް ލިޔެވިފައި އޮތަސް އޭނަ އެދައްކާލި އޭނަގެ ބާރު. ކުއްވެރިޔާ ކުރިމަތީ އެންމެފަހުން ގައުމަށް މިޖެހުނީ ކުޑަކަކޫޖަހާ ތިރިވާން. ސޮރީ ވަޓް އެވާރ ޔޫ ވޯންޓް!
ޔޫކޭ
17 November 2025
މިތާކު ބޮޑުންގެ މައްޗަށް ގާނޫނެއްނުހިނގާނެ. ނިކަމެތިންގެ މައްޗަށް މިތާ ގާނޫނު ހިނގާނީ
ސޭޑް ޑޭ ފޯ އިންސާފް
16 November 2025
މީކޮންފަދަ ގަޅި ގައުމެއް. ކުއްވެރިއަކަށް ގައުމުގެ އަދުލުއިންސާފު ވިކިއްޖެ. ކުއްވެރިޔާ ބޭނުންގޮތަކަށް ހުރިހާކަމެއް. މާދަމާ އޭނަ ޑިމާންޑުކުރާނެ ގޭގަ ކައްކާއެއްޗެހި ކާން. އަނެއްދުވަހު ގޭގަ މަޑުކޮށްލަން. މިވަނީ ކިހިނެއް. ކީއްވެ އިންސާފުގެ ތިލަފަތް ވަކިތަކަށް ބުރަވަނީ. ނިކަމެތި މީހާއަށް އެކަނިތަ އިންސާފުގެ ތިލަފަތް ހަމަހަމަވާންޖެހެނީ. ކީއްވެ ވަކިމީހަކަށް އޭނަ ބޭނުން ގޮތަކަށް ކަންތައް ކުރެވެނެނީ. މީ ކޮންކަހަލަ އަދުލު އިންސާފެއް.