ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭ ބަންދަށް ބަދަލުކުރުމަށް ފަހު، އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި އެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބައްސާމް ވަގުތީ، ޒަރޫރީ ގޮތުން ގޭބަންދަށް އިއްޔެ ބަދަލުކުރީ އޭނާގެ ސާޖަރީއަކަށް ފަހު ޑޮކްޓަރުންގެ ސިއްހީ ލަފާގެ މަތިން، ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް، ސާޖަރީއަށް ފަހު ދޭ ފަރުވާ އަށް އޭނާ މިވަގުތު ޖަލުގައި ބަހައްޓައިގެން އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލް މިއަދު ވިދާޅުވި އެވެ. 

ސަރުކާރުގެ އިސް އޮފިޝަލަކު ރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ބައްސާމްގެ ނޭފަތުގެ ސާޖަރީއެއް ވަނީ ކޮށްފަ އެވެ. އެހެންވެ، ރިކަވަރީ މުއްދަތުގައި ހިރަފުހާ ދުރުގައި އުޅުމަށް ޑޮކްޓަރު ލިޔުމުން އަންގާފައިވާތީ ވަގުތީ ގޮތުން އޭރު ގޭބަންދަށް ބަދަލުކުރަން ނިންމީ ކަމަށް އޮފިޝަލް ރޭ ވިދާޅުވި އެވެ. 

ބައްސާމް ގޭބަންދަށް ބަދަލުކުރުމުން އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ރޭ ވަރަށް ބޮޑަށް އަމާޒުވި އެވެ. 

ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ހިޔާނާތްތެރިވުމާއި، އަދި އެ ފައިސާ ލޯންޑާކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ސަރުކާރުގެ އޮފިޝަލަކު އިއްޔެ "މިހާރު"އަށް ވިދާޅުވި ގޮތުގައި، ބައްސާމް ގެއަށް ބަދަލުކުރީ ނޭފަތުގެ ސާޖަރީއަކަށް ފަހު، ހިރަފުހާ ދުރުގައި ވަކި މުއްދަތަކަށް އުޅެން ޑޮކްޓަރު ލިޔުމުން ލަފާދިނުމުންނެވެ. 

ބައްސާމް ޖަލަށް ލާން ކުރި ހުކުމްތަކުގެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ. 

އެ މައްސަލައިގައި، ބައްސާމް އަމިން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައާ ގުޅިގެން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.

ނަމަވެސް، އަމިން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.