ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭ ބަންދަށް އިއްޔެ ބަދަލުކޮށްފި އެވެ.
ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ޚިޔާނާތްތެރިވުމާއި އަދި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ރޭ ވިދާޅުވި ގޮތުގައި ބައްސާމް ގޭ ބަންދަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފާގެ މަތިން ވަކި މުއްދަތަކަށެވެ. ނަމަވެސް އެ ބަދަލު ގެނައީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
"ބައްސާމްގެ ނޭފަތުގެ ސާޖަރީއެއް މިހާރު ވަނީ ކޮށްފައި. އެހެންވެ، ހިރަފުހާ ދުރުގައި ވަކި މުއްދަތަކަށް އުޅެން ޑޮކްޓަރު ލިޔުމުން ލަފާދީފައި ވަނީ. އެ މުއްދަތު ހަމަވަންދެން އޭނާ ވަގުތީ ގޮތުން ގެއަށް މޫވްކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
ބައްސާމް ގޭ ބަންދަށް ބަދަލު ކުރިއިރު، އޭނާ ޖަލަށްލާން ކުރި ހުކުމްތަކުގެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލަތަކާ ގުޅިގެން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައާ ގުޅިގެން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
ނަމަވެސް އަމިން ކުންފުނީގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.