ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލާގައި އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ބައްސާމްގެ ފަރާތުން މި މަހުގެ ފަސްވަނަ ދުވަހު ހައި ކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހަޅާފައިވާއިރު، މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް އަދި ގޮތެއް ނުނިންމަ އެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި މައްސަލަައިގަ އެވެ.
އެ މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ސާބިތުވެފައިވެ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ބައްސާމްގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ މިހާތަނަށް ހައި ކޯޓަށް ބައްސާމްގެ ފަރާތުން ހުށަހަޅާފައެއް ނުވެ އެވެ.
އޭގެ އިތުރުން ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ވެސް ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ ހުކުމް އިއްވައިފަ އެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހިޔާނާތާއި މަނީލޯންޑްރިން ކުށުގެ ދައުވާ ސާބިތުވެ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމަކާ އެކު، 44.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި އެފްއޭއެމްއިން ޑޮލަރު މާރުކުރަން ކަމަށް ބުނެ ނެރުނު 1.2 މިލިއަން ޑޮލަރަކީ އެފްއޭއެމްއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ބައްސާމްގެ މައްޗަށް އަމުރުކުރި އެވެ.