ބައްސާމް: ފީފާގެ ފަންޑު ލިބުމުގެ ކުރިން އެޕާޓްމެންޓެއް ގަންނަން ފައިސާ ދެއްކި ކަމަށް ވިދާޅުވި
15 ޑިސެމްބަރ 2025 - 19:12
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވުމުގެ މާކުރިން އެޕާޓްމެންޓެއް ގަންނަން ފައިސާ ދެއްކެވި ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު އެ ފައިސާ، ދައުލަތުން ދައުވާ ކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ދިފާއީ ހެއްކެއްގެ ގޮތުން ބައްސާމް އަމިއްލައަށް ވަނީ ހެކިބަސް ދީފަ އެވެ. ދިފާއީ ހެއްކެއްގެ ގޮތުން މިއަދު ޝަރީއަތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އަމީންގެ އެޕާޓްމެންޓެއް ގަންނަން އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށާއި ބޭންކް އޮފް ސިލޯންއިން ލޯނެއް ހޯދަން ވެސް މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް، އެ ލޯނު ހަމަޖެހިފައިނުވާ ކަމަށާއި އޭނާ ގަންނަން މަސައްކަތް ކުރި އެޕާޓްމެންޓަށް ފައިސާ ދެއްކީ އަމިއްލަ މީހެއްގެ އަތުން ހޯދި ފައިސާއަކުން ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ. އެ ފައިސާ ދެއްކީ ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ފީފާއިން އެފްއޭއެމްއަށް ފައިސާ ފޮނުވުމުގެ ކުރިން، 2019 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
އެ ފައިސާ ބައްސާމް ދެއްކީ ކިހިނެއްތޯ ދައުލަތުން އޭނާއާ ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބު ނުދެއްވައި ބައްސާމް ވިދާޅުވީ އަމިއްލަ މީހާ ކުށްވެރިވެދާނެ ވާހަކައެއް ނުދެއްކުމުގެ ހައްގުގެ ބޭނުން ހިފައި، އެ ސުވާލަށް ޖަވާބު ނުދެއްވާނެ ކަމަށެވެ.
ހެކިބަސް ދެއްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްއަކީ ފުރިހަަމައަށް އޮޑިޓްކޮށްގެން ހިންގާ ތަނެއް ކަމަށާއި ކޮންގްރެސްއިން ފާސްކޮށްގެން އޮޑިޓަރެއް ހަމަޖައްސައި އެކަން ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ފީފާއިން ފޮނުވާ ފައިސާ އެ ތަނުން އޮޑިޓް ކުރާ ކަމަށާއި އޭއެފްސީއިން ވެސް އޮޑިޓް ކުރާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭގެ އެއްވެސް އޮޑިޓެއްގައި އެފްއޭއެމްއަށް ފައިސާތަކެއް ނުލިބި އޮތް ކަމެއް ނުވަތަ ފައިސާތަކެއް މަދު ކަމުގެ ޝަކުވާ އޭނާއާ ހަމައަށް ލިބިފައިނުވާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި ތަހުގީގީ އިދާރާއަކުން ވެސް އެފަދަ ކަމެއް ފާހަގަކޮށް، އޭނާއާ ސުވާލުކޮށްފައިނުވާ ކަމަށެވެ.
ފައިސާއާ ގުޅޭ ޝަކުވާއަކާ ގުޅިގެން ފީފާއިން މައްސަލައެއް ބަލަން ފަށައި، އޭނާ ސަސްޕެންޑްކުރި ކަމަށާއި ނަމަވެސް، އެކަމުން މައްސަލައެއް ނުފެނުމުން އޭނާގެ ސަސްޕެންޝަން އުވާލާފައިވާ ކަން ވެސް ބައްސާމް ފާހަގަކުރެއްވި އެވެ. އޭނާއަކީ މިހާރު ވެސް އޭއެފްސީގެ އެކްޒެކެޓިވް ކޮމިޓީގެ އިންތިހާބީ މެންބަރެއް ކަން ވެސް ބައްސާމް ފާހަގަކުރެއްވި އެވެ.
ބައްސާމް ވިދާޅުވި ގޮތުގައި އެފްއޭއެމްއިން ފައިސާ ހަރަދު ކުރަނީ ވެސް ބަޖެޓް ކުރާ ކަންކަމަށް އެކަންޏެވެ. އަދި އެއީ ކޮންގްރެސްއިން ފާސްކޮށްގެން ޖެނަރަލް ސެކްރެޓްރީގެ ބެލުމުގެ ދަށުން ހިނގާ ކަންކަމެވެ. އޭނާއަކީ އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަމުގައި އުޅޭ މީހެއް ނޫން ކަން ވެސް ފާހަގަކުރެއްވި އެވެ.
މި މައްސަލަގައި ބައްސާމް ހެކިބަސް ދިން ފަހުން ދައުލަތުން ވަނީ އޭނާގެ ނުރަނގަޅު ނިޔަތް ސާބިތުކޮށްދޭން ހެކި ހުށަހަޅައިފަ އެވެ. ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުން ނުރަނގަޅު ނިޔަތް ސާބިތުކޮށްދޭން މައްސަލައާ ގުޅުންހުރި ބާވަތެއްގެ ކުށެއް ސާބިތުވެފައިވާ ކަމުގެ ހެކި ހުށަހެޅިދާނެ އެވެ.
އެހެންވެ، ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މީގެކުރިން އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ސާބިތުވެފައިވާ މަނީ ލޯންޑްރިން އަދި ހިޔާނާތުގެ މައްސަލައިގެ ހުކުމް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަސް ވެސް ނެގި އެވެ. އަދި ބައްސާމްގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މި މައްސަލާގައި ދައުވާ ލިބޭ އެފްއޭއެމްގެ މެއިންޓެނެސް އޮފިސަރު ހަސަން ވަހީދުގެ ހެކިބަސް ވެސް ނެގި އެވެ. އެއާ އެކު މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިމިފަ އެވެ.
ދެން މި މައްސަލަގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. މި މަސް ނިމުމުގެ ކުރިން އެ އަޑުއެހުން ބާއްވަން މަސައްކަތް ކުޜާއިރު، އޭގެ ފަހުން ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލައާ ގުޅިގެން ބައްސާމާއި ހަސަން ވަހީދުގެ އިތުން އަމީން ކޮންސްޓްރަކްޝަން އަދި އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލްގެ މައްޗަށް ވެސް މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ ދައުލަތުން ކުރެ އެވެ.
އެފްއޭއެމްގެ ފައިިސާ އިން އޭނާ ގަތް ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސް އަަކީ އޭނާ ތަންތަނެއް ނޫން ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ. ބައްސާމް ވެސް ވިދާޅުވީ އޭނާގެ ނަމުގައި އެފަދަ އެއްވެސް "ރިއަލް އެސްޓޭޓް ޕްރޮޕަޓީ" އެއް ނުހުންނާނެ ކަމަށެވެ.
ބައްސާމް ކުރިން ދިރިއުޅެމުން ދިޔައީ ދެ ޕެންޓްހައުސް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓްގަ އެވެ. އެފްއޭއެމްގެ ފައިސާއިން އޭނާ ގަނެފައިވާ ތަނެއް ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެތަން، ފުލުހުންނާ ހަވާލު ކުރަން ވެސް އެންގި އެވެ.
އެ އެންގުމާ އެއްގޮތަށް އެތަން ފުލުހުންނާ އެތަން ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި ފަހުން ބައްސާމް ވަނީ އެ އެޕާޓްމެންޓް ހަވާލު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އިސްތިއުނާފުގެ އެ މައްސަލަ ބަލައި ނުގަތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެފައާސާ.
16 December 2025
ނަސީބެއްނު ކިއްލި ތަޅައިގެން ހޯދި ފައިސާއޭ ނުބުނެ ނިންމާލިކަން!!!
ކަޑަބޮއް ސައީދު
16 December 2025
މޫނު މަތިންވެސް ފެންނަނީ ނުލަފާކަން. /. ކޮށްގެން ލިބޭ ތަކެތި ރަނގަޅެއް ނުވާނެ.
އެތިކަލީ
16 December 2025
އަހަންނަށް ފެނޭ ތިތަން އޮޑިޓުކުރި އޮޑިޓަރާވެސް ސުވާލުކުރަން. އޭނާ ތިތަން އޮޑިޓްކުރީ ކިހިނެއްތޯ. ކޯޓުން އެބަޖެހޭ އޭނަގެ އޮޑިޓުރިޕޯޓް ކިޔަން. އޮޑިޓަރު ދިނީ ކޮންކަހަލަ އޮޕީނިއަނެއްތޯ ބެލުން މުހިއްމު. މައްސަލަތައް ހުރިއިރު އޮޑިޓަރު މައްސަލައެއްނެތް ކަމަށް އޮޑިޓްރިޕޯޓްގައި ޖަހާފައިވާނަމަ އޮޑިޓަރާ ދެކޮޅަށްވެސް ދައުވާކުރަންޖެހޭ
ރުޅިމަޑު
16 December 2025
ހާދަހާ ރުޅިއައިސްފަ
އިންފަންޓީނޯ
16 December 2025
މިކަލޭގެ މިހެން މިހަދާ ކޮންމެ ދޮގަކަށް 1 އަހަރު އިތުރުކޮށްލާ. މީނާ ދިވެހި ފުޓްބޯޅައަށް ދިން ގެއްލުން ކުރިއަށް އޮތް 25 އަހަރުންވެސް ނުފިލާނެ.
އަލީ ފ..
16 December 2025
އަންނަ އަހަރު ފީފާ އެންޓި ކޮރަޕްޝަން އެވޯޑް ދޭނެ ފަރާތް މިއޮތީ ކަނޑައެޅިފަ. ވޯލްކަޕް ނިންމާފަ ދެން އޮތީ ރާއްޖެއަށް ގެންނަން ޖެހިފަ މިއޮށް ޓްރޮފީ ގެ މަސައްކަތް ފެށުން
އަލީ ފ.
16 December 2025
ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) ކޮބައިތޯ، އެފައިސާ ފޮނުވި ބޭނުން ފުދހިފަ އެބައޮތްތޯ، އޭގަ ކަތުރުފަނި އަޅާ ހުސްވީތޯ، އެއީ އަމިއްލަ އަށް ހުރެ ހުލިވާ ވައްތަރެއްގެ ފައިސާ އެއްތޯ.
ވޯލް
16 December 2025
ދެންވެސް ހެދުނު ގޯސް ގަބޫލުކޮށް އިސްލާހްވުމުގެ ވިސްނުމެއް ނެތް.
ސަމްސިއްޔާ
16 December 2025
" ފައިސާ ބައްސާމް ދެއްކީ ކިހިނެއްތޯ ދައުލަތުން އޭނާއާ ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބު ނުދެއްވައި ބައްސާމް ވިދާޅުވީ އަމިއްލަ މީހާ ކުށްވެރިވެދާނެ ވާހަކައެއް ނުދެއްކުމުގެ ހައްގުގެ ބޭނުން ހިފައި، އެ ސުވާލަށް ޖަވާބު ނުދެއްވާނެ ކަމަށެވެ." ކެކެކެކ.ހަމަ //. މީނަ މިއީ ހަމަ އަދީބު ކަހަލަ ،،
ނިލާމު
15 December 2025
މުހިންމު ދޯ އިންފަންޓީނޯ ކޯޓަށް ހާޒިރުކޮށް ބަޔާނެއް ނަގަން. ފީފާގެ ބަހެއް ވެސް ހޯދާލަން ވާނެ ދޯ މި މިއްސަލައިގަ.