ބައްސާމް އާއި ޖަވާޒު: މާރުކުރި ފައިސާ އެފްއޭއެމްގެ އެކައުންޓަށް ނުވަންނަ ކަމަށް ބައްސާމް ވިދާޅުވި ކަމަށް ޖަވާޒު ހެކިބަސް ދިން
14 ޑިސެމްބަރ 2025 - 13:08
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މާރުކުރި ޑޮލަރަށްވާ ދިވެހި ފައިސާ ގަނޑުކޮށް ލިބުނު ނަމަވެސް، އެކައުންޓަށް ޖަމާނުވާ ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވި ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ހެކިބަސް ދެމުން ވިދާޅުވެއްޖެ އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ބައްސާމަށް ދައުވާ ކުރަނީ އެއް މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ޖަމާކޮށް އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ބައްސާމް ގަތް ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި، ބައްސާމްއާ ގާތް ގުޅުމެއް އޮތް ޖަވާޒު މިއަދު ޝަރީއަތުގައި ހެކިބަސް ދެމުން ވިދާޅުވީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެއް މިލިއަން ޑޮލަރު އެފްއޭއެމްއަށް ފޮނުވި ކަމަށެވެ. އެ ފައިސާ ކްލަބުތަކަށް ދޫކުރި ކަމަށް އޭނާ ގާތުގައި ބައްސާމް ވިދާޅުވި ކަމަށް ޖަވާޒު ވިދާޅުވި އެވެ.
ޑޮލަރު މާރުކުރުމުގެ ގޮތުން އަމިން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުގެ ޗެކްގައި ސޮއިކުރި ކަމަށް ވެސް ޖަވާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތަކަށް ވާތީ، ބައްސާމާއި އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލްއާ އޭނާ ސުވާލުކޮށްފައިވާނެ އެވެ.
އެ ޑޮލަރަށްވާ ދިވެހި ރުފިޔާ ގަނޑުކޮށް ލިބުނު ކަމަށް ބައްސާމާއި އަގީލު ވެސް ވިދާޅުވި ކަމަށް ޖަވާޒު ވިދާޅުވި އެވެ. އަދި އެ ފައިސާ އެކައުންޓަށް ޖަމާކުރިތޯ ސުވާލު ކުރުމުން، އެކައުންޓަށް ނުވަންނަ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ވެސް ޖަވާޒު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އަގީލާއި އަމީން ކޮންސްޓްރަކްޝަން އަދި މ. ހިރިނައިދޫގެ ހަސަން ވަހީދުގެ މައްޗަށް ވެސް މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ ދައުލަތުން ކުރެ އެވެ.
ބައްސާމްގެ މައްޗަށް ކުށް ސާބިތުވި މައްސަލައިގައި ދައުލަތުގެ ހެއްކެއްގެ ގޮތުން ވެސް ކުރިން ޖަވާޒު ހެކިބަސް ދީފައިވެ އެވެ. އެފަހަރު އޭނާ ވިދާޅުވެފައިވަނީ އެފްއޭއެމްއަށް ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އަބަދުވެސް ހަރަކާތްތެރިވީ ބައްސާމް ކަމަށާއި އެކަން ބައްސާމްގެ ބެލުމުގެ ދަށުން ކުރަމުން ދިޔައީ އެސޯސިއޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓުން ކަމަށެވެ.
އެފްއޭއެމްގެ އިދާރީ ކަންކަމާއި ފައިސާ މުއާމަލާތްތައް ކުރެވޭ ގޮތުގެ ތަފްސީލު ކިޔައިދެއްވަމުން ޖަވާޒު ވިދާޅުވި ގޮތުގައި އެ އެސޯސިއޭޝަނަށް ބޭރުގެ ފަރާތްތަކުން ފައިސާ ލިބެމުން ދިޔައީ އެމެރިކާ ޑޮލަރުންނެވެ. އަދި ދިވެހި ސަރުކާރުން ދޭ ފައިސާ ލިބެމުން ދިޔައީ ރުފިޔާއިންނެވެ.
ޑޮލަރުން ލިބޭ އާމްދަނީ ރުފިޔާއަށް މާރުކުރާ ކަމަށާއި އެއީ އެފްއޭއެމުން ފައިސާގެ މުއާމަލާތްތައް ކުރަމުން ދިޔައީ ރުފިޔާއިން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެގޮތުން، 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް މުސާރަ އާއި އެހެން އިދާރީ ހަރަދުތައް ހަމަޖައްސަމުން ދިޔައީ ވެސް ރުފިޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑުބްލިކޭޓް
15 December 2025
... ބޮލުގަ ޖެލް ލައި ފުނާއަޅާފަ ތިބޭއިރު ވަރަށް ޗާލު.
ސޯލިހެއް ނޫން ސޮހޮލެއް
15 December 2025
ތިޔަ ހުރިހާކަމެއް ހިނދިގެން ހިނގައިދާނެ އިއުތިރާފުގެ އެއްބަސްވުމެކޭ ކިޔާފަ ޕީޖީ އާއި ޕީޖީ އެމަގާމައް ފޮނުވަން ނަންފޮނުވި މީހާއައް ބައެއް އަޅާލަނިކޮށް
ޖޯކް
15 December 2025
ކޮންމެސަރުކާރަކުންވެސް މަގާމުތަކަށް ނަގަނީ މިކަހަލަ ކަނޑުކޮސްމީހުން. މިސާލަކަށް މަހުލޫފު ނޫން މީހަކު މިރާއްޖޭގަ ސަފީރުކަމަށް ކުފޫހަމަނުވަނީ. ހަމަ އެއް އަޅިގަޑެއް އަނބުރާލަ. އަސްލަކީ އެއްބައެއް މިއުޅެނީ. ފެނަކަ އިނދަޖައްސާ ވެރިޔާ މަގާމުން ވަކި ކުރީމަ 5އަހަރު ފަހުން އަންނަ ވެރިޔާ ހަމަ އޭނަ މިލަނީ އެޗްޑީސީއަށް. ދެން ވާނީ ކިހިނެއް. ގައުމު އަޅުވެތިކަމެއްގަ މަކަރުވެރި ގޮތެއްނެތް މީހުނާހެދި. އާންމުންދޯ މިމީހުނަށް ވޯޓުލަނީ.
ޢަރުތަ
15 December 2025
ޝަރުތު ތަކަކާއެކު ދޫކޮށްލީމަ ނިމުނީނު، އަބަދުވެސް ކަންކުރާ ގޮތަށް.
އަބުދުގެ އައްލޫ
14 December 2025
މީތަ އަސްލު ބައެއް މީހުން އެމީހުންގެ ދިރިއުޅުން ބިނާކުރަން ބޭނުންވާގޮތަކީ. މަތީތައުލީމު ހާސިލްކޮށްގެން އައިސް ތެނެއްގެ ބޮޑު މަގާމެއް އަދާކޮށްފައި އެތަނުން ނާޖާއިޒު ފައިދާނަގައިގެން ބަސްޓްވެއްޖެއްޔާ ހެދުނުދޮގެއް ހަދައިފައި ޖަލުންރެކެން އުޅުން. މިވައްތަރު ވިޔާނުދާމީހުން ގައުމުގައި ހާދަ ގިނަވެއްޖެއޭ. ތައުލީމުއުގެނެނީ ނަމަކަށް އީޚުލާސްތެރިކަން ސުމެއް.
ފޫހިް
14 December 2025
ބަލަ ޑޮލަރ މާރުކުރަން ބޭންކަށް ނުދަނީ ކީއްވެ؟ އެފްއޭއެމް އަކީ ދައުލަތުން ފައިސާ ދީގެން ހިންގާ ޖަމުއިއްޔާއެއް. ދެން އެއީ ވަކި މީހަކު ތަރިކަ މުދަލެއްނޫން. އަމީން ކޮންސްޓްރަކްޝަނަށް ފައިސާ މާރުކުރަން ދިޔައިރު އެތަނުން ޕެންޓް ހައުސް ގަތީމަ އެއީ ހަމަ ސީދާ ޚިޔާނާތް
ނަގިއްޔާ
14 December 2025
އެހެންވީމަ، މިފަދަ ބޮޑެތި ޖަރީމާތައް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ މެންޑެޓަރީ ފިޔަވަޅުތައް އަޅައިފިބާ! ޑޮލާމާރުކުރުމުގެ ރަސްމީގޮތެއް ކަނޑައެޅުމާއި، ފުރިހަމައަށް މޮނިޓާކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމާއި އޮޓަމެޓިކޮށް ރިކޮންސިލިއޭޝަން ކުރެވޭނެފަދަ މުހިންމުކަންކަން ފުރިހަމަނުކުރެވި ނުވާނެދޯ. އެހެންނޫނީ އަނެއްކާވެސް އުފެދޭނީ އަނެއް ބައްސާމުއެއް... ހުރިހާމެވެސް މައްސަލައަކީ މިފަދަކަމެއް ރަގަޅުކުރަން ބޭނުންވާ ބައެއްނެތް. އިޚުލާސްތެރިކަމެއްނެތް.
އަމީނު
14 December 2025
ކެއީ އެންމެން އެކީ.. އާހިރުގަ ބައްސާމު ބޮލަށް ހުރިހާކަމެއް ޖަހާފަ އެންމެން ބެޗީ...
ކަޝްޕޫރި
14 December 2025
މިއީ ކޮންސަކަރާތެއް؟ ދޮގުހެކިދިނުމަކީ ކޮންކަހަލަކަމެއް؟
ބްލެޓަރ
14 December 2025
މިއީ އަސްލު ފީފާގެ މައްސަލައެއް. އެމީހުންނަށް އެނގެންވާނެ ދޯ އެފްއޭއެމް އިން މުއާމަލާތް ކުރަނީ ރުފިޔާއިން ކަން. އެހެންވީމަ ކީއްވެ ފުރަތަމަ ކަމަކަށް ޑޮލަރު ފޮނުވަންވީ ؟ ރުފިޔާ ފޮނުވިނަމަ ބައްސާމް ވެސް އެޑޮލަރު މާރުކުރަން އުޅޭކަށް ނުޖެހުނީހެއްނު..