ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. 

ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރިން ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ. 

ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު އެ ފައިސާ، ދައުލަތުން ދައުވާ ކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.

އެ މައްސަލައިގައި ދައުލަތުން އުފުލި ދެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް ޝަރީއަތުން ވަނީ މިދިޔަ އާދިއްތަ ދުވަހު ކަނޑައަޅައިފަ އެވެ. މިއަދު އެ ދައުވާތަކާ ގުޅޭ އަދަބު ކަނޑައަޅަން ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ގެންދިޔަ އެވެ. 

އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު މިއަދު އިއްވި ހުކުމްގައިވާ ގޮތުން އެފްއޭއެމްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ ހިންގި އެ ހިޔާނާތުގެ ސަބަބުން އެތަން މާލީ ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުދެވިގެން އެތައް ލޯނުތަކެއް ނަގައި، އެ ތަން އެއްކޮށް ދަރަނިވެރިވި ކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ. 

އެކަންކަން ހިނގާފައިވަނީ ބައްސާމް ހިންގި ހިޔާނާތުގެ ސަބަބުން ކަމަށްވާތީ، އެއީ އަދަބު ބޮޑުކުރަން ޖެހޭ ކަމެއް ކަމަށް ގާޒީ ނިންމެވި އެވެ. އެގޮތުން ހިޔާނާތުގެ ދައުވާއަށް އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ނަމަވެސް އަދަބު ތިން ދަރަޖަ މަތިކޮށް، ގާޒީ އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. 

އެއާ އެކު، އެފްއޭއެމްއިން ޑޮލަރު މާރުކުރަން ކަމަށް ބުނެ ނެރުނު 1.2 މިލިއަން ޑޮލަރަކީ އެފްއޭއެމްއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ބައްސާމްގެ މައްޗަށް އަމުރުކުރި އެވެ. 

މަނީ ލޯންޑްރިންގެ ކުށް ވެސް ބައްސާމްގެ މައްޗަށް ސާބިތުވެފައިވާއިރު، ގާޒީ ނިންމެވީ އެ ކުށާ ގުޅޭ އެންމެ ބޮޑު އަދަބު ބައްސާމްގެ މައްޗަށް ކަނޑައަޅާށެވެ. އެގޮތުން 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ލޯންޑާކުރި ފައިސާގެ ފަސް ގުނަ އަދަދުގެ ޖޫރިމަނާއެއް ބައްސާމްގެ މައްޗަށް ކަނޑައެޅި އެވެ.

އެގޮތުން ޖޫރިމަނާގެ ގޮތުގައި ބައްސާމްގެ މައްޗަށް ކަނޑައެޅީ ޖުމްލަ 44.7 މިލިއަން ރުފިޔާ އެވެ. 

އެ މައްސަލައިގައި ދައުވާ އުފުލިއިރު ބައްސާމްގެ އެޕާޓްމެންޓް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން އެދުނެވެ. ނަމަވެސް، ހިޔާނާތްވި ފައިސާ ބޭނުންކޮށްފައިވަނީ އެ އެޕާޓްމެންޓް ގަންނަންކަން ސާބިތު ނުވާތީ، އެ ހުށަހެޅުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. 

އޭގެ ބަދަލުގައި ދައުލަތުން އެދިފައިވަނީ ބައްސާމް ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމަށެވެ. އެ މައްސަލާގައި ސާބިތުވެފައިވަނީ 61 ދުވަސް ތެރޭގައި އެޕާޓްމެންޓް ގަންނަން ބައްސާމް ދެއްކި 5.7 މިލިއަން ރުފިޔާއަކީ ލޯންޑާކޮށްގެން ހޯދި ފައިސާ ކަމެވެ. އެހެންވެ، އެ ފައިސާ މިހާރު ހުރި ތަނެއް ސާފުކޮށް، އެ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ވަކިން ހުށަހަޅަން ގާޒީ އެންގެވި އެވެ. 

އެ ފައިސާ ހުރީ އަމިން ކުންފުނީގެ އަތުގައި ކަމަށް ދައުލަތުން ކުރިން ބުނެފައިވީ ނަމަވެސް، އެ މައުލޫމާތު ކަށަވަރުކޮށް ހުށަހަޅަން ގާޒީ އެދިވަޑައިގެންނެވި އެވެ. އެއީ އެފަދަ އަމުރެއް ނެރުނަސް، އެކަން ތަންފީޒު ކުރެވޭނީ އެކަންކަން ސާފުވެގެންވާތީ ކަަމަށް ގާޒީ މިސްބާހު ވިދާޅުވި އެވެ. 

މިއަދު ބައްސާމް މައްޗަށް އިއްވި 23 އަހަރުގެ ޖަލު ހުކުމާ އެކު އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް މިހާރު އެބަ އޮތެވެ. 

އެ މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު، ގާޒީ މުހައްމަދު މިސްބާހު ކުރެއްވި ހުކުމުގައިވާ ވިދާޅުވެފައިވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ޑޮލަރަށްވާ ދިވެހި ރުފިޔާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމްއަށް ދައްކާފައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. 

އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އަދި އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށްވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. 

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާ ކަން ވެސް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އެހެންވެ، ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވި އެވެ. 

ގާޒީ ވިދާޅުވެފައިވާ ގޮތުގައި އަމިންގެ އެޕާޓްމެންޓް ގަތުމަށް 61 ދުވަހުގެ ތެރޭގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ބައްސާމް ވަނީ ޖަމާކޮށްފަ އެވެ. އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެވޭނީ ހިލޭ އެހީއެއް ނުވަތަ ލޯނެއް ނުވަތަ ވިޔަފާރީގެ ނަފާއެއް ލިބިގެން ކަމަށާއި ނަމަވެސް، އެފަދަ އާމްދަނީއެއް ނުވަތަ އެހީއެއް ބައްސާމަށް ލިބުނު ކަމުގެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ބައްސާމްގެ ފަރާތުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. 

އެހެންކަމުން، އެޕާޓްމެންޓް ގަންނަން ބައްސާމް ދެއްކި ފައިސާއަކީ ޖާއިޒު ގޮތުގައި ހޯދި ފައިސާ ކަން ސާބިތު ކުރުމަކީ ބައްސާމްގެ މައްޗަށް އޮތް ޒިންމާއަކަށްވާއިރު، އެކަން އޭނާއަށް ކުރެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.