ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު އެ ފައިސާ، ދައުލަތުން ދައުވާ ކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.
އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު، ނިޔާ ކަނޑައަޅަން ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމްއަށް ދައްކާފައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށްވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާ ކަން ވެސް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އެހެންވެ، ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވީ އެވެ.
ގާޒީ ވިދާޅުވެފައިވާ ގޮތުގައި އަމިންގެ އެޕާޓްމެންޓް ގަތުމަށް 61 ދުވަހުގެ ތެރޭގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ބައްސާމް ވަނީ ޖަމާކޮށްފަ އެވެ. އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެވޭނީ ހިލޭ އެހީއެއް ނުވަތަ ލޯނެއް ނުވަތަ ވިޔަފާރީގެ ނަފާއެއް ލިބިގެން ކަމަށާއި ނަމަވެސް، އެފަދަ އާމްދަނީއެއް ނުވަތަ އެހީއެއް ބައްސާމަށް ލިބުނު ކަމުގެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ބައްސާމްގެ ފަރާތުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން، އެޕާޓްމެންޓް ގަންނަން ބައްސާމް ދެއްކި ފައިސާއަކީ ޖާއިޒު ގޮތުގައި ހޯދި ފައިސާ ކަން ސާބިތު ކުރުމަކީ ބައްސާމްގެ މައްޗަށް އޮތް ޒިންމާއަކަށްވާއިރު، އެކަން އޭނާއަށް ކުރެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ބައްސާމްގެ މައްޗަށް ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް އެހެން ދުވަހަކަށް ވަނީ ތާވަލުކޮށްފަ އެވެ.
މި ނިންމުން ގާޒީ ނިންމެވުމުގެ ކުޝަރީއަތުގައި ތިއްބެވި ހުރިހާ ފަރާތްތަކަށް ކަމެއް ހަނދާންކޮށް ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ. އެއަށް ފަހު އޭނާ ފާހަގަކުރެއްވީ ގުރުއާންގެ ދެ އާޔަތެކެވެ.
އެއީ ސޫރަތުލް ޞާދުގެ 26 ވަނަ އާޔަތާއި ސޫރަތުލް ފާތިރްގެ 19 ވަނަ އާޔަތެވެ.
ޞާދު ސޫރަތުގެ 26 ވަނަ އާޔަތުގައި ބުނަނީ: "އޭ ދާއޫދުގެފާނެވެ! ބިމުގައި ހަލީފާއެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ހައްގު ގޮތުގައި ހުކުމް ކުރައްވާށެވެ! އަދި އަމިއްލަ އެދުމަށް ކަލޭގެފާނު ތަބައަ ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، ﷲގެ މަގުން އެއްކިބާވާ މީހުން (ދަންނާށެވެ!) ހިސާބު ބައްލަވާ ދުވަސް ހަނދާން ނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ.
ފާތިރް ސޫރަތުގެ 19 ވަނަ އާޔަތް: "އަދި ކަނުމީހާ އާއި ލޮލަށް ފެންނަ މީހާއާ ހަމަހަމަވެގެން ނުވެ އެވެ"
އެ މައްސަލައާ ގުޅިގެން ބައްސާމާއި ހަސަން ވަހީދު ކިޔާ މީހެއްގެ އިތުރުން އަމީން ކޮންސްޓްރަކްޝަން އަދި އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލްގެ މައްޗަށް ވެސް މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ ދައުލަތުން ކުރެ އެވެ. ހަސަން ވަހީދާއި އަމިން ކުންފުނީގެ ބައި މިއަދު ކުރިއަށް ނުގެންދެ އެވެ.
އެފްއޭއެމްގެ ފައިިސާ އިން އޭނާ ގަތް ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސްއަަކީ އޭނާގެ ތަންތަނެއް ނޫން ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ. ބައްސާމް ވެސް ވިދާޅުވީ އޭނާގެ ނަމުގައި އެފަދަ އެއްވެސް "ރިއަލް އެސްޓޭޓް ޕްރޮޕަޓީ" އެއް ނުހުންނާނެ ކަމަށެވެ.
ބައްސާމް ކުރިން ދިރިއުޅެމުން ދިޔައީ ދެ ޕެންޓްހައުސް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓްގަ އެވެ. އެފްއޭއެމްގެ ފައިސާއިން އޭނާ ގަނެފައިވާ ތަނެއް ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެތަން، ފުލުހުންނާ ހަވާލު ކުރަން ވެސް އެންގި އެވެ. އެއީ ބައްސާމްގެ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިޔަސް، އެތަން ގަތުމުގެ އެއްބަސްވުން ހަދާފައި އޮތީ ބައްސާމްއާ އެކުގައި، އޭނާގެ ސޮޔާ އެކުގަ އެވެ.
ކޯޓުގެ އެންގުމާ އެއްގޮތަށް އެތަން ފުލުހުންނާ ހަވާލު ކުރީ 2024ގެ އޮކްޓޯބަރު މަހު އެވެ. އަދި ފަހުން ބައްސާމް ވަނީ އެ އެޕާޓްމެންޓް ހަވާލުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އިސްތިއުނާފުގެ އެ މައްސަލަ ބަލައި ނުގަތުމަށެވެ.