ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ނިންމި ނިންމުން އިސްތިއުނާފް ކުރަން ގަސްދުކުރާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަމިން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާއިރު، އެ މުއާމަލާތާ ގުޅިގެން އަމިންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.
ނަމަވެސް، އެކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށް ވާތީ، އެ ރިޕޯޓް ޕީޖީ އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާ މެދު ފަހުގެ ނިންމުމެއް ނިންމާނެ ކަމަށް ބުންޏެވެ.
އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ގަތުމަށް ބައްސާމް ހިންގާފައިވާ މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ދައުވާކުރި އެވެ.
އެ ދައުވާއާ މެދު ގޮތެއް ކަނޑައަޅަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާ އަށް މާރުކުރަން އަމިން އަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ އަދި އެ މައްސަލައިގައި ދައުވާލިބޭ ހަސަން ވަހީދާ ހަވާލު ކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ.
ދައުލަތުން ވަނީ އެ ފައިސާ އެފްއޭއެމާ ހަވާލުކުރި ކަން އަންގައިދޭން އަމިން އިން ކޭޝް ވައުޗާތަކެއް ތައްޔާރުކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ޖަމާވެފައެއް ނުވެ އެވެ.
އެފްއޭއެމްގެ ޑޮލަރު އަމިން ކުންފުންޏަށް ޖަމާވި ކަމަށް އެ ކުންފުނިން އިންކާރު ނުކުރާއިރު، އަމިންއިން އިންކާރު ކުރަނީ އެ ފައިސާ އެފްއޭއެމާ ހަވާލު ނުކުރާ ކަމަށް ބުނާ ބުނުމާއި އެ ފައިސާއިން ބައްސާމްގެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ ކަމަށް ބުނާ ބުނުމަށެވެ.
ގާޒީ ވިދާޅުވީ ހަސަން ވަހީދު ހަވާލުވި ފައިސާ، ބައްސާމްގެ އެޕާޓްމެންޓް ގަންނަން ބޭނުންކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށެވެ. އަދި އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށް ވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިން އަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތެވެ.
އެހެންވެ، އެފްއޭއެމްގެ ޑޮލަރު މާރުކުރި ފައިސާއިން އަމިން އެވެނިއު އެޕާޓްމެންޓް ގަންގަން ފައިސާ ދެއްކިކަން ސާބިތު ނުވާތީ، އަމިން ކުންފުނީގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އަމިންގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، އެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. އެ މައްސަލައިގައި ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައި 44 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި 1.2 މިލިއަން ޑޮލަރު އެފްއޭއެމްއަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް އެންގި އެވެ.