އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ބައްސާމް ހިންގާފައިވާ މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ދައުވާކުރި އެވެ.
އެ ދައުވާއާ މެދު ގޮތެއް ކަނޑައަޅަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާ އަށް މާރުކުރަން އަމިން އަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ އަދި މި މައްސަލައިގައި ދައުވާ ލިބޭ ހަސަން ވަހީދާ ހަވާލު ކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ.
ދައުލަތުން ވަނީ އެ ފައިސާ އެފްއޭއެމާ ހަވާލުކުރި ކަން އަންގައިދޭން އަމިން އިން ކޭޝް ވައުޗާތަކެއް ތައްޔާރުކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ޖަމާވެފައެއް ނުވެ އެވެ.
އެފްއޭއެމްގެ ޑޮލަރު އަމިން ކުންފުންޏަށް ޖަމާވި ކަމަށް އެ ކުންފުނިން އިންކާރު ނުކުރާއިރު، އަމިން އިން އިންކާރު ކުރަނީ އެ ފައިސާ އެފްއޭއެމާ ހަވާލު ނުކުރާ ކަމާއި އެ ފައިސާއިން ބައްސާމްގެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ ކަމެވެ.
ގާޒީ ވިދާޅުވީ، ހަސަން ވަހީދާ ހަވާލުވި ފައިސާ، ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށެވެ. އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށް ވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިން އަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތެވެ.
އެހެންވެ، އެފްއޭއެމްގެ ޑޮލަރު މާރުކުރި ފައިސާއިން އަމިން އެވެނިއު އެޕާޓްމެންޓް ގަންގަން ފައިސާ ދެއްކި ކަން ސާބިތު ނުވާތީ، އަމިން ކުންފުނީގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އަމިންގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، މި މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު، ނިޔާ ކަނޑައަޅަން ބޭއްވި އަޑުއެހުމުގައި ގާޒީ މިސްބާހު ވިދާޅުވީ ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމުން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމަށް ދައްކާފައިދީފައި ވަނީ އެހެން މީހަކު ކަމަށް ބުންޏަސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމުން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށް ވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާ ކަން ވެސް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އެހެންވެ، ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވީ އެވެ.
ގާޒީ ވިދާޅުވެފައިވާ ގޮތުގައި އަމިންގެ އެޕާޓްމެންޓް ގަތުމަށް 61 ދުވަހުގެ ތެރޭގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ބައްސާމް ވަނީ ޖަމާކޮށްފަ އެވެ. އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެވޭނީ ހިލޭ އެހީއެއް ނުވަތަ ލޯނެއް ނުވަތަ ވިޔަފާރީގެ ނަފާއެއް ލިބިގެން ކަމަށާއި ނަމަވެސް އެފަދަ އާމްދަނީއެއް ނުވަތަ އެހީއެއް ބައްސާމަށް ލިބުނު ކަމުގެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ބައްސާމްގެ ފަރާތުން ވެސް ހުށަހަޅާފައި ނެތް ކަަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންކަމުން، އެޕާޓްމެންޓް ގަންނަން ބައްސާމް ދެއްކި ފައިސާއަކީ ޖާއިޒު ގޮތުގައި ހޯދި ފައިސާ ކަން ސާބިތު ކުރުމަކީ ބައްސާމްގެ މައްޗަށް އޮތް ޒިންމާއަކަށް ވާއިރު، އެކަން އޭނާއަށް ކުރެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.