ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ގެ ޗެކަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާތަކަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން އެޕާޓްމެންޓެއް ގަތުމަށް ފައިސާ ދެއްކުމަށް ބޭނުންކުރީ އެފްއޭއެމްގެ ފައިސާއިން ދައުލަތުން ތުހުމަތުކުރި އެވެ.
ނަމަވެސް އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ހުކުމްކުރީ އޭގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އެފްއޭއެމް އާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ކުރި ޑޮލަރު ގަތުުމުގެ މުއާމަލާތެއް ކަމަށެވެ. އަދި އެ މައްސަލާގައި އަމިން ކުންފުނީގެ މައްޗަށް ކުރި ދައުވާ ވެސް ސާބިތުނުވާ ކަމަށް ހުކުމްކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ފައިސާއަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ކޯޓުން ނިންމީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަން ކުރުމަށްފަހު ކަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ހައި ކޯޓުގައި އެދިފައިވާނީ އެއް މިލިއަން ޑޮލަރުގެ ޗެކާ މެދު ގޮތެއް ނިންމަން ހައި ކޯޓަށް އަލުން ތަހުވީލު ކުރުމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކުގެ ނިންމުމަށް އަސަރެއް ނުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ނިންމުން އިސްތިއުނާފް ކުރިއިރު، އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ވެސް ދައުލަތުން ކުރިން އޮތީ އިސްތިއުނާފްކޮށްފަ އެވެ. އަދި ބައްސާމްގެ މައްޗަށް އިއްވި ޖަލު ހުކުމްތައް އޭނާގެ ފަރާތުން ވެސް އޮތީ އިސްތިއުނާފްކޮށްފަ އެވެ.
އެފްއޭއެމްގެ އެކި ފައިސާތަކަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުންދާ ބައްސާމް ސިއްހީ ސަބަބަކަށް ރިއާޔަތްކޮށް އިއްޔެ ގޭ ބަންދަށް ބަދަލުކުރި އެވެ. ނަމަވެސް ރޭ އަނެއްކާވެސް އޭނާ ވަނީ ޖަލަށް ގެންގޮސްފަ އެވެ.