އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތްތެރިވި ކަމަށް ބުނެ އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމުގެ ކުރިން، ގުރުއާންގެ ދެ އާޔަތެއް އޭނާ ޝަރީއަތަށް ހަނދާންކޮށް ދެއްވައިފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައިވާ ބައްސާމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާ ގުޅޭ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވުމަށް ފަހު، އިތުރަށް ފާހަގަކުރަން ހުރި ކަންކަމަށް އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އެވެ.
އެ އަޑުއެހުމުގައި ބައްސާމްގެ ފަރާތުން ފަހު ކަމެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވަނީ ޝަރީއަތުގައި ތިއްބެވި ހުރިހާ ފަރާތްތަކަށް ކަމެއް ހަނދާންކޮށް ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ. އެއަށް ފަހު އޭނާ ފާހަގަކުރެއްވީ ގުރުއާންގެ ދެ އާޔަތެކެވެ.
އެއީ ސޫރަތުލް ޞާދުގެ 26 ވަނަ އާޔަތާއި ސޫރަތުލް ފާތިރްގެ 19 ވަނަ އާޔަތެވެ.
ޞާދު ސޫރަތުގެ 26 ވަނަ އާޔަތުގައި ބުނަނީ: "އޭ ދާއޫދުގެފާނެވެ! ބިމުގައި ހަލީފާއެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ހައްގު ގޮތުގައި ހުކުމް ކުރައްވާށެވެ! އަދި އަމިއްލަ އެދުމަށް ކަލޭގެފާނު ތަބައަ ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، ﷲގެ މަގުން އެއްކިބާވާ މީހުން (ދަންނާށެވެ!) ހިސާބު ބައްލަވާ ދުވަސް ހަނދާން ނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ.
ފާތިރް ސޫރަތުގެ 19 ވަނަ އާޔަތް: "އަދި ކަނުމީހާ އާއި ލޮލަށް ފެންނަ މީހާއާ ހަމަހަމަވެގެން ނުވެ އެވެ"
ފަހު ބަސް އިއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ބައްސާމްގެ ވަކީލް ވިދާޅުވީ ބައްސާމް ހިޔާނާތްތެރި ވެއްޖެ ކަމަށް ދައުލަތުން ބުނާއިރު، ހިޔާނާތްވި ކަމަށް ބުނާ ފީފާގެ ފައިސާއަށް ހިޔާނަތްވި ކަމެއް ނުވަތަ އިހުމާލެއްވީ ކަމަށް ވެސް ފީފާއިން ކަނޑައަޅާފައިނުވާ ކަމަށެވެ.
ފީފާއިން ހަދާފައިވާ އެއްވެސް އޮޑިޓަކުން ވެސް ފައިސާތަކެއް ގެއްލިފައިވާކަން އެނގެން ނެތް ކަމަށާއި އެހެންކަމުން، ފައިސާތަކަށް ހިޔާނަތްތެވި ކަމެއް ދައުލަތަށް ބުނެނުދެވޭ ކަމަށް ވިދާޅުވި އެވެ. އަދި، މިފަދަ ކަމެއް ފީފާއިން ފާހަގަކޮށްފައި ނުވަނީސް، އަދި އެ ފަރާތުގެ ބަހެއް ނެތި ބައްސާމްއާ މިކަމާ ގުޅޭ ގޮތުން ފުލުހުން ސުވާލުކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު ފައިސާ، ދައުލަތުން ދައުވާކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ.
އެ މައްސަލައާ ގުޅިގެން ބައްސާމާއި ހަސަން ވަހީދު ކިޔާ މީހެއްގެ އިތުރުން އަމީން ކޮންސްޓްރަކްޝަން އަދި އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލްގެ މައްޗަށް ވެސް މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ ދައުލަތުން ކުރެ އެވެ.
އެފްއޭއެމްގެ ފައިިސާ އިން އޭނާ ގަތް ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސް އަަކީ އޭނާގެ ތަންތަނެއް ނޫން ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ. ބައްސާމް ވެސް ވިދާޅުވީ އޭނާގެ ނަމުގައި އެފަދަ އެއްވެސް "ރިއަލް އެސްޓޭޓް ޕްރޮޕަޓީ" އެއް ނުހުންނާނެ ކަމަށެވެ.
ބައްސާމް ކުރިން ދިރިއުޅެމުން ދިޔައީ ދެ ޕެންޓްހައުސް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓްގަ އެވެ. އެފްއޭއެމްގެ ފައިސާއިން އޭނާ ގަނެފައިވާ ތަނެއް ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެތަން، ފުލުހުންނާ ހަވާލު ކުރަން ވެސް އެންގި އެވެ. އެއީ ބައްސާމްގެ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިޔަސް، އެތަން ގަތުމުގެ އެއްބަސްވުން ހަދާފައި އޮތީ ބައްސާމްއާ އެކުގައި، އޭނާގެ ސޮޔާ އެކުގަ އެވެ.
ކޯޓުގެ އެންގުމާ އެއްގޮތަށް އެތަން ފުލުހުންނާ ހަވާލު ކުރީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި ފަހުން ބައްސާމް ވަނީ އެ އެޕާޓްމެންޓް ހަވާލުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އިސްތިއުނާފުގެ އެ މައްސަލަ ބަލައި ނުގަތުމަށެވެ.