ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް އެންމެ ބޮޑު ހުކުމް އިއްވައިދޭން މިއަދު ދައުލަތުން އެދިއްޖެ އެވެ. 

ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.

ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު އެ ފައިސާ، ދައުލަތުން ދައުވާ ކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.

ބައްސާމްގެ މައްޗަށް ކުރާ އެ ދެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ވަނީ މިދިޔަ އާދިއްތަ ދުވަހު ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، މިއަދު ވަނީ މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބާއްވައިފަ އެވެ. 

އެ އަޑުއެހުމުގައި ދައުލަތުން އެދުނީ މީގެ ކުރިން ވެސް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ބައްސާމްގެ މައްޗަށް ސާބިތުވެފައިވާތީ އަދި އޭނާ ހިޔާނާތްތެރިވެފައިވަނީ އެތައް ގިނަ ޒުވާނުނެއްގެ މަސްލަހަތު ހިމެނޭ ފައިސާއަށް ކަމަށް ވާތީ އެންމެ ބޮޑު އަދަބު އިއްވައިދޭށެވެ. އެ ފައިސާ އަށް ހިޔާނާތްވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ވެސް ގެއްލުންވި ކަން ދައުލަތުން ފާހަގަކުރި އެވެ. 

ހިޔާނާތުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބެވެ. ދައުލަތުން އެދުނީ އެ އަދަބު ބޮޑުކޮށް، ހަތަރު އަހަރުގެ ހުކުމެއް އިއްވުމަށެވެ. މީގެކުރިން ބައްސާމްގެ މައްޗަށް ސާބިތުވި ހިޔާނާތުގެ ދައުވާއާ ގުޅިގެން ވެސް އިއްވީ ހަތަރު އަހަރުގެ ހުކުމެކެވެ. 

މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، އެ ކުށުގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. މީގެ ކުރިން ބައްސާމަށް އިއްވާފައި އޮތީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ދައުލަތުން މިއަދު އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބުގެ ގޮތުން 15 އަހަރުގެ ޖަލު ހުކުމް އިއްވުމަށެވެ. 

މީގެއިތުރުން ޖޫރިމަނާގެ ގޮތުން، ބައްސާމް ހިޔާނާތްވި 1.2 މިލިއަން ޑޮލަރުގެ ފަސް ގުނަ އިތުރުވާ އަދަދެއް ނަގައިދިނުމަށް ވެސް ދައުލަތުން އެދުނެވެ. އަދި ބައްސާމް އެޕާޓްމެންޓް ގަތުމަށް 61 ދުވަސް ތެރޭ ދައްކާފައިވާ ހަ މިލިއަނެއްހާ ރުފިޔާއަކީ މަނީ ލޯންޑާކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާތީ އެ ފައިސާ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ. 

އެކަމަކު، ބައްސާމްގެ ފަރާތުން ވަނީ އަދަބު ބޮޑު ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ޖަލު ހުކުމްގެ އެއްބައި ޖޫރިމަނާއަށް ބަދަލުކޮށްދޭން ވެސް އެދުނެވެ. 

ބައްސާމްގެ ހިޔާނާތުގެ ސަބަބުން ފުޓްބޯޅައަށް ގެއްލުންވެފައިވާ ކަމަށް ދައުލަތުން ބުނާތީ ބައްސާމް ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ. ބައްސާމް ވަނީ އޭނާގެ ދެ ދައުރުގެ ތެރޭގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ލިސްޓެއް ވިދާޅުވެފަ އެވެ. އަދި ފީފާއިން އަހަރުން އަހަރަށް އެފްއޭއެމަށް ލިބެންޖެހޭ ފައިސާ އެގޮތުގައި ލިބެމުންދިޔަ ކަަމަށް ވެސް ބައްސާމް ވިދާޅުވި އެވެ. 

ދެ ދައުވާ ގުޅޭ ގޮތުން ބައްސާމްގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން ކުޑައިރުކޮޅެއްގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ފަށާނެ އެވެ. 

އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު، ނިޔާ ކަނޑައަޅަން ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެފައިވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމްއަށް ދައްކާފައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. 

އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށްވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. 

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާ ކަން ވެސް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. އެހެންވެ، ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވީ އެވެ. 

ގާޒީ ވިދާޅުވެފައިވާ ގޮތުގައި އަމިންގެ އެޕާޓްމެންޓް ގަތުމަށް 61 ދުވަހުގެ ތެރޭގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ބައްސާމް ވަނީ ޖަމާކޮށްފަ އެވެ. އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެވޭނީ ހިލޭ އެހީއެއް ނުވަތަ ލޯނެއް ނުވަތަ ވިޔަފާރީގެ ނަފާއެއް ލިބިގެން ކަމަށާއި ނަމަވެސް، އެފަދަ އާމްދަނީއެއް ނުވަތަ އެހީއެއް ބައްސާމަށް ލިބުނު ކަމުގެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ބައްސާމްގެ ފަރާތުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. 

އެހެންކަމުން، އެޕާޓްމެންޓް ގަންނަން ބައްސާމް ދެއްކި ފައިސާއަކީ ޖާއިޒު ގޮތުގައި ހޯދި ފައިސާ ކަން ސާބިތު ކުރުމަކީ ބައްސާމްގެ މައްޗަށް އޮތް ޒިންމާއަކަށްވާއިރު، އެކަން އޭނާއަށް ކުރެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.