ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެެރެއިން ނުދައްކާ އޮތް ފައިސާގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން ހިމަނައިފި އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެމިއު އޮތޯރިޓީ (މީރާ) އިން އިއްޔެ އާންމުކުރި ލިސްޓްގައި ބައްސާމްގެ އިތުރުން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުނި ހިމެނޭހެން 33 ފަރާތެއްގެ ނަން ހިމަނާފައިވެ އެވެ. 

އެ ފަރާތްތަކުން ދައުލަތަށް ނުދައްކާ އޮތީ ކިހާ ފައިސާއެއް ކަމެއް މީރާއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭގެ ތެރެއިން ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ 45 މިލިއަނެއްހާ ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އިއްވައިފަ އެވެ.

ބިގް ކުންފުންޏަކީ ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއެކު 2010 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން 78 މިލިއަން ރުފިޔާ ދައުލަތުގެ މީޑިއާއިން ދޭން ޖެހުނު ކުންފުންޏެކެވެ. އޭގެ ތެރެއިން 30 މިލިއަން ބިގަށް ދޫކޮށްފައި ވަނިކޮށް، އެ ކުންފުންޏަށް 78 މިލިއަން ދިނުމުގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ފަހުން އޮތީ އަންގައިފަ އެވެ. 

މީރާއިން ބުނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ދުރާލާ އެކަން އަންގާފައިވާނެ ކަމަށެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައި އޮތް ޓެކްސް ހޯދަން މީރާގެ އެންފޯސްމަންޓް ޕޮލިސީ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ޓެކްސް ނުދައްކައިގެން އާއްމުކުރި ލިސްޓްގައި ބައްސާމްގެ ނަން ހިމެނިއިރު، އޭނާގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ. އަދި ފީފާއިން އެފްއޭއެމްއަށް ދޫކުރި ފައިސާގައި ޖެހުނުކަން ސާބިތުވެ އެއް މިލިއަން ސްވިސް ފްރެންކްސް (18.9 މިލިއަން ރުފިޔާ) އިން އޭނާ ޖޫރިމަނާކުރަން ފީފާގެ އެތިކްސް ކޮމިޓީން ވެސް އޮތީ ނިންމައިފަ އެވެ.