މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަހުމަދު ޝަފްނީޒް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފަ އެވެ. އެއީ؛
- ސ. ހުޅުދޫ ބަގީޗާގޭ، އަހުމަދު ޝަފްނީޒް
- ވ. މިއަރެސް، އަހުމަދު މައުސޫމްް
- ކ. ދިއްފުށީ ކަނޑުގަސްދޮށުގޭ،މަރިޔަމް ޖައިދާ
އޭގެ ތެރެއިން ޑެޕިއުޓީ ކޮމިޝަނަރަކަށް ޝަފްނީޒް އައްޔަންކުރަން މަޖިލީހުން ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފާސްކޮށްފަ އެވެ.
މީރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޝަފްނީޒް ވަނީ އެ އިދާރާގެ އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސްގެ ޑިރެކްޓާ ޖެނެރަލްކަން ކުރައްވައިފަ އެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.