ފީފާގެ ފައިސާގައި ޖެހުނުކަން ސާބިތުވެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށް، އެއް މިލިއަން ސްވިސް ފްރެންކްސް (18.9 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ނިންމައިފި އެވެ.
އެ ކޮމިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑުގެ ދުވަސްވަރު އެފްއޭއެމް އަށް އެހީގެ ގޮތުގައި ފީފާ އިން ދިން ފައިސާ ބައްސާމް އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އެހީވެދިންކަން ސާބިތުވެ، އެފްއޭއެމްގެ އޭރުގެ އިދާރީ އަދި މާލީ ވެރިޔާ އަހުމަދު އަގީލް 10 އަހަރަށް ސަސްޕެންޑްކޮށް 100،000 ސްވިސް ފްރެންކްސް (1.9 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ވެސް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ބަޔާނުގައި ބުނީ ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަން ސިއްރުކުރުމާއި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކުރުމާއި، އަދި ފީފާގެ އެތިކްސް ކޮމިޓީއާ އެއްބާރުލުން ނުދިންކަން އަގީލުގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.
ފީފާގެ ކޮވިޑް ފަންޑަށް ހިޔާނާތްތެރިވި މައްސަލަ ކްރިމިނަލް ކޯޓުން ސާބިތުވެ ބައްސާމް މިހާރު ވެސް ހުރީ 23 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އޭގެ ކުރިން ވެސް އޭނާގެ މައްޗަށް ހިޔާނާތުގެ މައްސަލައެއް ސާބިތުވެ ނުވަ އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު ސިއްހީ ސަބަބަކާ ހުރެ މި ވަގުތު އޭނާ ހުރީ ގޭބަންދުގަ އެވެ.
މި މައްސަލައިގައި އަގީލުގެ މައްޗަށް މިވަގުތު ޝަރީއަތް ކުރިއަކަށް ނުދެ އެވެ. ފިލައިގެން އުޅެނިކޮށް އޭނާ މިދިޔަ ޖެނުއަރީ މަހު ތައިލެންޑުން ހައްޔަރުކޮށް މިހާރު ވަނީ ރާއްޖެ ގެނެސްގަ އެވެ.
ފީފާ އިން ވަނީ ބައްސާމުގެ މައްސަލަ ބަލަން ފެށުމާ އެކު އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ. އެފްއޭއެމްގެ ރައީސްކަން ގެއްލުނީ އޭރު އެވެ.
ބައްސާމް އެންމެ ފުރަތަމަ އެފްއޭއެމާ ގުޅިވަޑައިގަތީ ޖެނެރަލް ސެކްރެޓަރީއެއްގެ މަގާމަށެވެ. އޭގެފަހުން ރައީސްކަމަށް ވަޑައިގެން، އެ އެސޯސިއޭޝަނުގެ ތާރީހު ދުށް އެންމެ ނުފޫޒުގަދަ އެއް ރައީސަށް އޭނާ ވި އެވެ.
ބައްސާމާ ދެކޮޅަށް ކްލަބުތަކުން އެންމެ ފުރަތަމަ ނުކުތީ 2019 ވަނަ އަހަރެވެ. ނަމަވެސް ނިއު ރޭޑިއަންޓުން އިސްވެ އިތުބާރު ނެތްކަމުގެ ވޯޓަކަށް މަސައްކަތް ކުރުމުން، ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެ ކްލަބު ސަސްޕެންޑްކުރީ އެވެ. އެއަށްފަހު އެކަމާ އުޅުނު ވިކްޓްރީއަށް ވެސް ޖެހުނީ އެ ހާލެވެ. އެކަމުގެ ސަބަބުން ކްލަބްތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އޭނާއާ އެއްކޮޅަށް އެރި އެވެ. އެކަމަކު އެކި މައްސަލަތައް ފެންމަތިވެ އެފްއޭއެމް މުޅިން ބޮއްސުންލައިގެން ދިޔައީ އެވެ.