ޝަމީމް ވިދާޅުވި ގޮތުގައި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު، މައްސަލައަށް ހުރަސްއެޅޭނެ އެތައް ނުފޫޒެއް ފޯރަމުން ދިޔަ
ކުރީގެ ޕީޖީ ޝަމީމް: ބައްސާމް ފީފާއާ ގުޅޭ ގޮތުން ނަގާ ދިފާއުއަކީ ހުރާފާތެއް ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
04 ޑިސެމްބަރ 2025 - 13:43
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ނަގާ ދިފާއުއަކީ ހުރާފާތެއް ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި ދިފާއު ބަލައިނުގަތުމަށް އެ ކޯޓުން ނިންމާފައިވާއިރު އެ ނިންމުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައިވަނީ ފީފާގެ ފައިސާތަކަކަށް ހިނާޔާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށާއި އަދި ފީފާގެ ހުއްދަ ނެތި އެފަދަ ކަމެއް ކުރުމަކީ އެ ގައުމެއް ފީފާއިން ސަސްޕެންޑް ކުރެވޭނެ ކަމެއް ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.
އެ ދިފާއުއަށް ރައްދެއްގެ ގޮތުގައި ޝަމީމް މިއަދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި ބައްސާމްގެ މައްސަލަ ރާއްޖޭގެ ކޯޓުތަކަށް ބެލޭނެކަން ގާނޫނުލްއުގޫބާތުގެ 13 ވަނަ މާއްދާއިން ސާފެވެ. އެ މާއްދާގައި ބުނާގޮތުން ކުށެއްގެ ރުކުނެއް ކަމުގައިވެދާނެ އަމަލެއް ދިވެހިރާއްޖޭގައި ހިނގާ ހިނދު އެ ކުށަކަށް ރާއްޖޭގެ ގާނޫނުގެ އިހުތިސާސް ލިބެ އެވެ.
"މި ހާލަތުގައި، ހިޔާނާތުގެ އަމަލު ހިނގީ ރާއްޖޭގައި ކަމަށްވާތީ، އަމަލުގެ ރުކުނުގެ ތެރެއިން ރާއްޖެއަށް ބާރުލިބެ އެވެ. އެ މާއްދާގެ (3) އަދި މާ ސާފެވެ. އެ އަކުރުގައި އޮންނަނީ، ކުށްކުރީ ކޮންމެ ތަނެއްގައިކަމަށްވީ ނަމަވެސް ދިވެހިރައްޔިތަކު ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ކުރާ ކުށް ބެލުމުގެ ބާރު ދިވެހިރާއްޖޭގެ އިދާރާތަކަށް ލިބެ އެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް ވިދާޅުވީ ފީފާގެ މެންބަރަކަށް ވެވެނީ ކޮންމެ ގައުމަކުން އެންމެ ޖަމްއިއްޔާއަކަށް ކަމަށްވާއިރު، ރާއްޖޭގައި އެ ދައުރު އޮތީ އެފްއޭއެމްއަށެވެ. އެފްއޭއެމަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާ އެކު ފުޓުބޯޅަ ތަރައްގީކުރުމަށް ކަމަށާއި އެހެންވެ، އެފްއޭއެމްއަށް ލިބޭ ފައިސާއަކީ ހަގީގަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ ކަން ޝަމީމް ފާހަގަކުރެއްވި އެވެ.
"...ވީމާ، ފީފާ މެދުވެރިކޮށް ލިބުނަސް، ނުވަތަ އެނޫން ޖަމްއިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ހަގީގަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ އެވެ. އެ ފައިސާގެ އަމާނާތްތެރިއަކީ ފީފާ އާއި އެފްއޭއެމް އެވެ. ހިޔާނަތްތެރިވެވެނީ އެ ފައިސާއަށެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްގަކަށެވެ،" ޝަމީމް ވިދާޅުވި އެވެ.
ބައްސާމް މީގެކުރިން ޝަރީއަތުގެ މަޖިލީހެއްގައި --
ބައްސާމްގެ މައްޗަށް ތަހުގީގު ހިންގަން އަމުރު ނެރުއްވައި، އޭނާގެ މައްޗަށް ދައުވާ އުފުލި ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވީ ފީފާއިން ދޭ ފައިސާ ރާއްޖޭގެ އެއްވެސް އިދާރާއަކަށް ނުބެލޭ ގޮތަށް ގެންގުޅެވޭނެ ކަމަށް ދެކުމަކީ، މަނީ ލޯންޑަރިން ހުއްޓުވުމާބެހޭ ގާނޫނާ ވެސް އިދިކީލި މަފްހޫމެއް ކަމަށެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ވެސް ހިލާފުވާނެ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.
ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބައްސާމް ފާހަގަކުރާއިރު ޝަމީމް ވިދާޅުވީ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެއް ކަމަށާއި ސަސްޕެންޑް ކުރިއަސް، އެ ކަމަކީ ބައްސާމްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއް ނޫން ކަމަށެވެ.
އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާންޖެހޭ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމަފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއް ވެސް ނޫން ކަމަށާއި ފީފާއާ ގުޅުވައިގެން ދައްކާ ވާހަކައަކީ ހުރާފާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފީފާއިން ގައުމެއް ސަސްޕެންޑް ކުރަނީ، ޝަމީމް ވިދާޅުވި ގޮތުގައި ތިންވަނަ ފަރާތެއްގެ ނުފޫޒެއްގެ ދަށުން އެ ގައުމެއްގެ ނެޝަނަލް އެސޯސިއޭޝަން ހިންގުމުގެ ކަންކަމާ ބެހޭނަމަ އެވެ.
ޕާކިސްތާނުގެ ފުޓުބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑްކުރީ ލާހޯރުގެ ހައި ކޯޓުން އައްޔަންކުރި އެޑްމިނިސްޓްރޭޓަރަކު ފުޓުބޯޅަ އެސޯސިއޭޝަން ހިންގުމާ ހަވާލުވުމުންނެވެ. ހިންގުމުގެ ދާއިރާއަށް ވަނުމަކީ ފީފާއިން ނުރުހޭ ކަމެއް ނަމަވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލައިގެން ފީފާއިން އެއްވެސް ގައުމެއް ސަސްޕެންޑެއް ނުކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ފުޓުބޯޅައާ ގުޅުންހުރި ކަންކަމުގައި 150 މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގާފައި އޮތް ކަމަށް އެމެރިކާގައި ތުހުމަތުވި މައްސަލަތައް ބެލިއިރު އެ ގައުމު ފީފާއިން ސަސްޕެންޑްކޮށްފައެއް ނުވެ އެވެ.
"ރާއްޖެއަށް ފީފާގެ ސަސްޕެންޝަނެއްގެ ބިރު ނެތީ އެ ސަބަބަށްޓަކަ އެވެ. ކޯޓުގައި އޮތް މައްސަލައަކީ އެފްއޭއެމްގެ ހިންގުމާބެހޭ މައްސަލައަކަށް ނުވާތީއެވެ،" ޝަމީމް ފާހަގަކުރެއްވި އެވެ.
ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓަރުންނަކީ ފުޓުބޯޅައިގެ "ސޭވިއަރުން" ނެއް ނޫން ކަމަށާއި ފުޓުބޯޅަ ސަލާމަތްކުރާނީ ފުޓުބޯޅައިގެ މީހުން ކަމަށެވެ. ޕްރޮސިކިއުޓަރުން ކަށަވަރު ކޮށްދެނީ ކޮރަޕްޝަން ހިންގާ ނަމަ، ފިޔަވަޅު އަޅާނެކަން ކަމާއި ޕްރޮސިކިއުޓަރުންނެއް ފީފާއަކާ ކުރާނެ މަޝްވަރާއެއް، ދައްކަންޖެހޭ ވާހަކައެއް، ބާއްވަންޖެހޭ ބައްދަލުވުމެއް، ބޯންޖެހޭ ސައެއް ނޯންނާނެ ކަމަށެވެ.
މުޅި މައްސަލައިގެ ތަހުގީގު، ކާމިޔާބުކަމާއި ހިކުމަތްތެރިކަމާ އެކު ގެންދިޔައީ ފުލުހުންގެ އިންވެސްޓިގޭޓަރުންގެ ކުޅަދާނަކަމާއި ހުށިޔާރުކަމުން ކަމަށާއި މައްސަލަ ބެލުމަށް އައްޔަންކުރި ޕްރޮސިކިއުޓަރުންގެ ލަފަ އާއި އިރުޝާދާ އެކު ކަމަށް ޝަމީމް ވިދާޅުވި އެވެ. މިކަމުގައި އުޅުނު މީހުންގެ ކެރުމާއި ހިކުމަތު އަމަލީ ނެތް ނަމަ، އެތައް ގޯޅިއަކުން ގޯޅިއަޅައިގެންގޮސް މައްސަލަ ކުރިއަށް ނުދެވޭނެ ނުފޫޒުތައް މިމައްސަލައަށް އަބަދުމެ ފޯރަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާަ
05 December 2025
އޯކޭ އޯކޭ ބައްސާމޫ. އެފްއޭއެމަށް ފީފާއިން ދިން ފައިސާއަށް ހިޔާނާތްތެރިވީމަ އަހަރެމެން އެފްއޭއެމުން މި އުޅެނީ ފީފާއަށް ތި މައްސަލަ ވައްދަން. އޯ ކޭތަ. ދެން ފީފާއިން ބައިނަލް އަގުވާމީ ކޯޓުން ހުކުންކުރީމާ ޑަޗް ޖަލުގަ މަނިކުފާނު އޮންނާނީ. މި ގޮތް މާ ކަމުދޭ ދޯ ބައްސާމޫ
ނުހަނުމު
05 December 2025
ރެލެވަންޓް ވުން މިއަށް ކިޔާނީ
ހުރާަފާތް
05 December 2025
ބުނެލަން ބޭނުމީ ކަލޯތިހަލާކު ކޮށްލީ އަހަރެމެން ދިވެހިން އެއްބައިވަންތަކޮށްދިން އެއްކުޅިވަރެވެ.އަހަރެމެން ދަރިންގެ އެއްޖީލެވެ.އަރަމުން ފަހިވަމުން ދިޔަ ވިޔަފާރިތަކެވެ.ފޫނުބެއްދޭނެ ބާގަނޑެއް ތިޔައަޅުވާލީ މިގައުމުގެ ހަޔާތުގައެވެ.
ފަޒާލް
04 December 2025
މިބައި ލިޔުމުގައި ހިމަނާލިނަމަ. "ޚުރަފާތު" (ޢަރަބި ބަހުން: خُرَافَات) އަށް ނިސްބަތްވަނީ، ރަނގަޅު ވިސްނުމާއި ލަޖިކް އާއި ފުށުއަރާ، މީހާގެ އީމާންތެރިކަން އޮޅުވާލެވޭނެ ފަދަ ވާހަކަތަކާއި، ޚުރާފާތްތަކާއި، އަސާސެއް ނެތް ވާހަކަތަކަށެވެ. މި ލަފުޒު ބިނާވެފައިވަނީ ލަޖިކަލް ނޫން ނުވަތަ ފެންޓަސްޓިކަލް ވާހަކަތަކެއްގައި ކަމަށާއި، މި ލަފުޒު ބޭނުންކުރަނީ ބުއްދިވެރި އަސާސެއް ނެތް ނަމަވެސް ބައެއް ފަހަރު މީހުން ގަބޫލުކުރާ ޢަޤީދާތަކާއި ޢަމަލުތައް ބަޔާންކުރުމަށެވެ.
ޖޫމާ
04 December 2025
ހުރަފާތްތަކަކީ ޢަޤްލަށް ފެތޭ އެއްވެސް ބިންގަލެއް ނެތް، ޣައިރު މަންތިޤީ އަދި ޣައިރު ޢަޤުލާނީ ޤަބޫލުކުރުންތަކެކެވެ. މިއީ ޢިލްމީ ހަޤީޤަތަކަށް ނުވަތަ ދީނީ އަސްލަކަށް ބިނާވެފައިވާ ކަންކަމެއް ނޫނެވެ. ގިނަ ފަހަރަށް ހުރަފާތްތަކުން ހާދިސާތަކާއި، ކަންކަމާ ގުޅުވައިގެން ޣައިބީ ނުވަތަ އާދަޔާ ޚިލާފު ބާރުތަކަކާ ގުޅުވައެވެ. ނުވަތަ ވުޖޫދެއް ނެތް ސަބަބީ ގުޅުންތަކަކުން ކަންކަން ގުޅުވައެވެ. މިއީ ވަހުމުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ.
ބޮކި
04 December 2025
ޚުރާފާތުތޯ ނޫނީ ހުރާފާތްތޯ؟ ތަފާތަކީ ކޮބައިތޯ؟
އަދީބު
04 December 2025
ނޭނގުނޭ ތިޔަ ވިދާޅުވިބަހުގެ މާނައެއް
ދުނިޔެއޭމީ
04 December 2025
އެފްއޭއެމް ޖަލަށް ލާ. ބައްސާމު ފަކީރު މިނިވަންކޮށްފަ ސަފީރަކަށް ހަދާދީ.
ފިފާ
04 December 2025
ބައްސާމު ބުނަނީ ތިމައްސަލައިގަ ޖަލަށް ލާންޖެހެނީ ފީފާ ކަމަށް. އޭނާ އާ ބެހޭ ވެސް ކަމެއްނޫނޭ.
ހުމާ
04 December 2025
ފީފާއިން ލާރިދިނީ ބައްސާމުގެ އަމިއްލަ ބޭނުމަށްތޯ. ބައްސާމު ގޭގަ ނިދަން އޮއްވާ ތޯ އެފައިސާ ލިބުނީ.
ކުރަފަތް
04 December 2025
ކޮބައިތަ ހުރާފާތަކީ؟ ރަދީފް ބެލީމައިވެސް ނުފެނުނު. ތަންކޮޅެއް އާންމުންނަށް އެނގޭ ކަހަލަ ބަސްބަސް ބޭނުންކުރީމައި ނަގައިގަންނަން ފަސޭހަވާނެ ދޯ؟
ރަދީފޭ
04 December 2025
ހުރާފާތަކީ ކޮބާ ކަމެއް ކަލޯއަކަށް ނޭނގެ؟ އާންދޮގޭ! އެއީ ކ.ހުރާ ގެ ފާތަކުގެ ވާހަކަ. ހުރާއަކީ ދިވެހި ފުޓުބޯޅައިގެ ރަންދުވަސްވަރު ރަސްކަންކުރި ރަށެއް. އެރަށުގެ ފާތަކުގެ ވާހަކަ އެއީ. އިނގިއްޖި؟
ބިން ރަދީފް
04 December 2025
ޑިސްޓްރެކްޝަން ތޯއްޗެއް. އަހުންނަކަށްވެސް ނޭނގުނު. މިދެން ހަމަ ހީވާ ހީވުމެއް.
ޚުރާފާތު
04 December 2025
ޢަޤީދާއާ އަރާރުންވާ ޙަޤީޤަތެއް ނެތް ވާހަކަތަކާއި ކަންކަން.
ފަޒާލް
04 December 2025
"ޚުރަފާތު" (ޢަރަބި ބަހުން: خُرَافَات) އަށް ނިސްބަތްވަނީ، ރަނގަޅު ވިސްނުމާއި ލަޖިކް އާއި ފުށުއަރާ، މީހާގެ އީމާންތެރިކަން އޮޅުވާލެވޭނެ ފަދަ ވާހަކަތަކާއި، ޚުރާފާތްތަކާއި، އަސާސެއް ނެތް ވާހަކަތަކަށެވެ. މި ލަފުޒު ބިނާވެފައިވަނީ ލަޖިކަލް ނޫން ނުވަތަ ފެންޓަސްޓިކަލް ވާހަކަތަކެއްގައި ކަމަށާއި، މި ލަފުޒު ބޭނުންކުރަނީ ބުއްދިވެރި އަސާސެއް ނެތް ނަމަވެސް ބައެއް ފަހަރު މީހުން ގަބޫލުކުރާ ޢަޤީދާތަކާއި ޢަމަލުތައް ބަޔާންކުރުމަށެވެ.