ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ ފައިސާތަކަށް ހިޔާނާތްތެރިވުމުގެ ދެ މައްސަލައެއް ސާބިތުވެ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމިން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އެވެ.
އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން އިއްޔެ ކްރިމިނަލް ކޯޓުން ބޭއްވިއިރު، އެ މައްސަލާގެ ލިޔުންތައް ލިބުން ލަސްވުމުން ހުލާސާ ބަޔާނަށް އިތުރު ވަގުތު ދޭން ބައްސާމްގެ ފަރާތުން އޮތީ އެދިފަ އެވެ. ނަމަވެސް އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ހުލާސާ ބަޔާން ހުށަހަޅާފައިވެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ހުކުމުގެ ކުރިން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރަން ފުރުސަތު އޮންނާނެ ކަމަށް ކޯޓުން ބުންޏެވެ.
އެ މައްސަލާގައި ބައްސާމްގެ އިތުރުން އަމިން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށާއި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.