ރިސޯޓް ޗެމްޕިއަންސް ލީގު ބަނޑޮސް ކާމިޔާބުކޮށްފި

ސީދާ ތިން ސެޓުން ގްރޭންޑްޕާކް ކޮއްދިއްޕަރު ބަލިކޮށް ބަނޑޮސް މޯލްޑިވްސް އިން އާލާ އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިއަދު ހޯދައިފި އެވެ.


ބަނޑޮހުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-20، 25-23 އަދި 25-21 އިންނެވެ. މުޅި މެޗަށް ބަލާއިރު އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގްރޭންޑް ޕާކަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މި މެޗަށް އައިއިރު އެ ޓީމުން ގިނަ މެޗުތަކެއް ކުޅެފައިވުމުން ވަރުބަލިވުމުގެ މައްސަލަތަކެވެ. ކޮންމެ ސެޓެއްގެ ވެސް ފަހު ކޮޅުގައި ބަނޑޮހުން އޭގެ އެޑްވާންޓޭޖް ވަރަށް ބޮޑަށް ނެގި އެވެ. ބަނޑޮހުން މި މެޗުގައި ވެސް ތަފާތު ދެއްކީ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ސެޓުގެ މެދެއްހާ ހިސާބުން ބަނޑޮހުން ލީޑުފުޅާކުރަން ފެށި އެވެ. ބަނޑޮހުގެ ޒުވާން ކުޅުންތެރިއާ ހުސެއިން ރައްޒާން މި ސެޓުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން މި ސެޓު ގެންދިޔައީ 25-20 އިންނެވެ.

ފުރަތަމަ ސެޓު ގެއްލުމުން ދެ ވަނަ ސެޓަށް ގްރޭންޑްޕާކުން ނުކުތީ ހިތްވަރަކާ އެކު އެވެ. ގްރޭންޑްޕާކުގެ ކޯޗު މުހައްމަދު ޝަރަފް މި ސެޓުގެ ކުރީކޮޅުގައި އެ ޓީމު ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އިރުޝާދުދެމުން ދިޔަ އެވެ. ސެޓު ފެށިގެން މެދަކާ ހަމައަށް ދިޔައިރު ވެސް އެއް ޕޮއިންޓުގެ ލީޑަކާ އެކު ގްރޭންޑް ޕާކް އޮތީ ކުރީގަ އެވެ. އެ ޓީމުގެ މުހައްމަދު އަހުސަން އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި ބިދޭސީ ކުޅުންތެރިއާ ލަހިރު ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު މައްސަލަ ދިމާވަން ފެށީ ސެޓުގެ މެދަކާ ހަމައިންނެވެ. ދެ ޓީމު 17-17 އެއްވަރުވެ، އޭގެ ފަހުން ބަނޑޮހުން ދެ ފަހަރެއްގެ މަތިން ލީޑުނެގި އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ގްރޭންޑްޕާކުން ދޫ ނުދީ ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މިއަދުގެ މެޗުގެ ތެރެއިން ބަނޑޮހުގެ ކުޑަކާއްޓޭ (ކ) އާއި ލޯންގޭ އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ޓީމުން ވެސް ޓައިމްއައުޓްތަކެއް ނަގައިގެން ޓީމު ހަމައަކަށް އަޅުވަން މަސައްކަތްކުރި މި ސެޓުގެ އެންމެ މުހިއްމު ހިސާބުގައި ގްރޭންޑްޕާކަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި ލޯންގޭ ކުރި މޮޅު ސާވިސްތަކާ އެކު ބަނޑޮހުން ސެޓު ގެންދިޔައީ 25-23 އިންނެވެ. އެ ހިސާބުން ބަނޑޮހަށް ހަމަޖެހުމެއް ލިބުނެވެ.

ދެ ވަނަ ސެޓެކޭ އެއްގޮތަށް ތިން ވަނަ ސެޓުގެ ވެސް ފުރަތަމަ ކޮޅުގައި ގްރޭންޑްޕާކް އޮތީ ކުރީގަ އެވެ. އައްކަޅޭ އާއި އަހުސަންގެ މޮޅު ކުޅުމާ އެކު އެ ޓީމުގެ ސެޓުގެ ކުރީކޮޅުގައި ހަތަރު ޕޮއިންޓުގެ ލީޑެއްގައި ވެސް އޮތެވެ. އެހެން ނަމަވެސް ހިތްވަރު އެލުވާނުލައި، ބަނޑޮހުން ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމުން ސެޓުގެ މެދަކާ ހަމަައިން ލީޑުނަގައި އެ ފޯމުގައި މި ސެޓު ކާމިޔާބުކޮށް މެޗު ނިންމާލި އެވެ. މި ސެޓުގައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކުޑަކާއްޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުހިއްމު ވަގުތުތަކުގައި އޭނާ ރަނގަޅު ޝޮޓްތަކެއް ފޮނުވާލި އެވެ. ބަނޑޮހުން މި ސެޓު ގެންދިޔައީ 25-21 އިންނެވެ.

މެޗުގެ ކުޅުން ނިމުމާ އެކު ބަނޑޮހުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އެ ޓީމުން އެންމެ ފަހުން ޒޯން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރު އެވެ.

ފައިނަލް މެޗަށް ފަހު ބަނޑޮހުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ މި ކާމިޔާބީ އަކީ ވަރަށް ދުރާލާ ރާވައިގެން މި ޓީމުން އެކީގައި މަސައްކަތް ކޮށްގެން ހޯދި ކާމިޔާބީއެއް ކަމަށެވެ.

"މިދިޔަ އަހަރު ބަނޑޮހަށް އެންމެ ރަނގަޅަކަށް ނޫން ދިޔައީ އެ ހިސާބުން ފެށިގެން އަލުން ތަށި ހޯދަން މަސައްކަތް ފަށައިފި. ދެން މި ފަހަރު އަޅުގަނޑުގެ ޓާގެޓަކީ ދެ ތަށި (ޒޯން ތައްޓާއި ޗެމްޕިއަންސް ލީގު). އެކަން ހާސިލްކުރެވިއްޖެ. މި މުބާރާތުގައި މި ކަން ހާސިލްވީ ރަނގަޅު ޓީމެއް އެކުލަވާލެވިގެން ގައުމީ ޓީމުގެ ކެޕްޓަން (ލޯންގޭ) ވެސް ޓީމަށް ގެނެސް އެހެން ކުޅުންތެރިން ވެސް ތިބީމަ،" ކާއްޓޭ ބުންޏެވެ.

މެޗުގެ ތެރެއިން ބަނޑޮހުގެ ކޯޗު ކާއްޓޭ އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކާއްޓޭ ބުނީ ގްރޭންޑްޕާކަށް މި މެޗުގައި އެންމެ ރަނގަޅަށް ނުކުޅެވުނީ ވަރުބަލިވުމުގެ މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.

"އަޅުގަނޑު އުއްމީދެއް ނުކުރަން ހަގީގަތުގައި ތިން ސެޓުން ދާނެ ކަމަށް. އެގޮތަށް އެ ދިމާވީ ގްރޭންޑްޕާކުން ދަތުރުތަކެއް ކޮށްފައި އައިސް އެ ކުޅުނީ އެ ޓީމަށް ވަރުބަލިވުމުގެ މައްސަލަތަކެއް ވެސް ދިމާވި،" އޭނާ ބުންޏެވެ.

މުބާރާތުގެ ޑްރީމްޓީމުގައި ހިމެނެނީ ބަނޑޮހުގެ ކާއްޓޭ، ލޯންގޭ، މުހައްމަދު ސައީދު، މުހައްމަދު ޝާހު އަދި އަހުމަދު ސިމާއުގެ އިތުރުން ގްރޭންޑްޕާކުގެ އަހުސަން، ލަހިރު އަދި އައްކަޅޭ އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ބަނޑޮހުގެ ރައްޒާން އެވެ. އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ކުޑަކާއްޓެ އަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކީ ބަނޑޮހުގެ ކޯޗު ކާއްޓޭ އެވެ.

އެންމެ ފަހުގެ ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަނަންތަރާ ކިހާވަށް ވިލާސް މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަނަންތަރާ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ސޮނޭވާ ބަލިކުރުމަށް ފަހު އެވެ.