ގައުމީ އަންހެން ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލަކު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ބީއޭއެމް
19 އޯގަސްޓް 2018 - 18:01
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ ޓީމް އިވެންޓް ބައިން ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.
ބެޑްމިންޓަން އަންހެން ޓީމުން ކުއާޓާގެ ފުރުސަތު ހޯދީ މިއަދު ކުޅުނު މެޗުން ފަހަތުން އަރައި ނޭޕާލް އަތުން 3-2 ގޭމުން މޮޅުވެގެންނެވެ. ރާއްޖޭގެ ޓީމުގައި ހިމެނެނީ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަދި އައިމިނަތު ޝަހުރުނާޒް އަދި ތަޖުރިބާކާރު އަންހެން ކުޅުންތެރިޔާ ނީލާ ނަޖީބު އެވެ.
އަނިޔާއިން ރަނގަޅުވެ އަލުން ގައުމީ ޓީމުގައި މި ފަހަރު ހިމެނުނު ނީލާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގައުމީ ބެޑްމިންޓަން ޓީމު އެންމެ ފަހުން މޮރިޝަސް ސީރީސް އަށް ދިޔައިރު، އަނިޔާއާ ގުޅިގެން ނީލާ ޓީމާ އެކު ނުދެ އެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހު ނީލާ ވާތުގެ އިނގިއްޔަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އަށް އެންމެ ރަނގަޅަށް ޓްރެއިނިން ކުރިއަށްގެންދަން އުނދަގޫތަކެއްވި އެވެ. އެކަމަކު ޓްރެއިނިންގައި ގަވާއިދުން ބައިވެރިވެ، ނީލާ ވަނީ މި ފަހަރުގެ ޓީމުން ފުރުސަތު ހޯދައިފަ އެވެ. އަދި ތަޖުރިބާގެ ބޭނުންކޮށް ޓީމު މޮޅުވުމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ.
ކުއާޓާ ފައިނަލުގައި ރާއްޖެ މާދަމާ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ޓީމް އިވެންޓް ބައިގައި އެންމެ ގިނަ ކުޅުންތެރިން ހިމަނައިގެން ވާދަކުރާ އެއް ޓީމަކީ ޗައިނާ އެވެ.
ޓީމް އިވެންޓު ބައިގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ އިންޑިއާއާ ވާދަކޮށް ސީދާ ތިން ގޭމުން ބަލިވެ ކަޓައިފަ އެވެ. ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނެނީ ޒަޔާން ޒަކީ، މުހައްމަދު ސާރިމް، މުހައްމަދު އަޖުފާން އަދި އަހުމަދު ތޯއިފް އެވެ.
އިންޑިއާ އިން ވަނީ މި ފަހަރުގެ ގޭމްސްގެ ޓީމް އިވެންޓް ބައިން ރަން މެޑެއްޔަކަށް ޓާގެޓް ކޮށްފަ އެވެ. އެ ޓީމުގައި ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ކުޅުންތެރިން ހިމެނޭއިރު، ރާއްޖޭގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓް ބައިން މެޑަލް ހާސިލްކޮށްފަ އެވެ. ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުން ފަހަކަށް އައިސް ބެޑްމިންޓަން ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ޓީމް އިވެންޓް ބައި ނިމުމުން އޯޕަން އިވެންޓުގެ މެޗުތައް ފަށާނެ އެވެ. ރާއްޖޭގެ ކުޅުންތެރިން ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ބައިގައި ވާދަކުރަން ހަމަޖެހިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.
އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓެއްގައި މިއަދު ރާއްޖޭގެ އިއްމާން ފަތަނީ. -- ފޮޓޯ: އޭއެފްޕީ
އޭޝިއަން ގޭމްސްގެ ސްވިމިން އިވެންޓުގައި މިއަދު ރާއްޖޭގެ ސްވިމިން ޓީމުން ވަނީ ގައުމީ ރެކޯޑްތަކެއް ހަދައިފަ އެވެ. އެ ގޮތުން ފިރިހެން 200 މީޓަރު ފްރީސްޓައިލް ބައިން މުބާލް އައްޒާމް ވަނީ ރެކޯޑް ހަދައިފަ އެވެ. މުބާލްގެ ރޭސް ނިންމީ 2 މިނިޓް 11:26 ސިކުންތުންނެވެ. މީގެ ކުރިން ނިޝްވާން އިބްރާހިމް އަތުގައި މި އިވެންޓުގެ ރެކޯޑް އޮތްއިރު، އޭނާ ރޭސް ނިންމީ 2 މިނިޓް 12:60 ސިކުންތުންނެވެ.
ފިރިހެން 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން އަލީ އިއްމާން ވަނީ ކުރިން ހަސަން މުބާހު ހަދާފައި އޮތް ރެކޯޑް މުގުރާލައިފަ އެވެ. އިއްމާންގެ ޓައިމިން އަކީ 01 މިނިޓް 10:03 ސިކުންތެވެ. މި އިވެންޓުން ކުރިން މުބާހު އަތުގައި ރެކޯޑް އޮތްއިރު، އޭނާ ރޭސް ނިންމާފައިވަނީ 01 މިނިޓް 12:96 ސިކުންތުންނެވެ.
އަދި އަންހެން 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން އައިޝަތު ސައުޝަން ވަނީ ކުރީގެ ރެކޯޑް ހަދައިފަ އެވެ. ސައުޝަން ރެކޯޑް ހެދީ 2 މިނިޓް 57:91 ސިކުންތުންނެވެ. ކުރީގެ ރެކޯޑަކީ ތިން މިނިޓް 07:21 ސިކުންތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީ
20 August 2018
ބަލަ ގުއުމުން ބޭރައް ބޮޑު ހަރަދު ކޮއްގެން ދަނީ ގައުމީ ރެކޯޑު އާކުރަންތޯ؟ މާލޭ ޓްރެކްގަވެސް ތިރެކޯޑު އާކުރެވިދާނެ
ބަކަރިބޯ
20 August 2018
ފަތާ ކުދިންނަށް ޕޫލެއް އަޅާދީބަލަ ތިހަޅޭއްލެވުމުގެ ކުރިން!
އަހަރެންން
20 August 2018
ރިކޯޑު އާކުރެވޭނީ ފީނާ އެޕްރޫވްޑް ޕޫލެއްގަ. މި ދެކޮޅަށް ދެކޮޅަށް ހެލޭ ޕްލެޓްފޯމް ތެރޭ ކިތަންމެ ބާރަށް ފެތިއަސް ރިކޯޑެއް ގޮތުގައި ނުބެލެވޭނެ! ކަން ވާގޮތް އިނގިގެން ވާހަކަ ދެއްކުން ރަނގަޅު ކަންނޭންގެ!
ހަމީ
20 August 2018
އައިލެންޑް ހޮޓެލްގެ ޕޫލްގަވެސް ކިހާވަރަކައް ތޯ ފެތީ؟ ހަމަ އޭރުވެސް ގައުމީ ރެކޯޑު އާކުރީ
ކުރޫޒް
19 August 2018
ސާބަހޭ ޓީމް... ސާބަހޭ މޫސަގެ ޓީމް އަށް...
ޞޯދު
19 August 2018
މަރުހަބާ ހުރިހާ ކުދިންއަށް