11 އޮކްޓޯބަރ 2018 - 11:03
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ އާއި ބޯނަސް ލަސްވަމުން އަންނަނީ އެފްއޭއެމުން ތަފްސީލް ފޮނުވުން ލަސްވުމުން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ މިދިޔަ ތިން މަހުގެ މުސާރަ ނުލިބޭ ކަމަށާއި އަދި ތަށި ހޯދުމުން ސަރުކާރުން ދޭން ޖެހޭ ބޯނަސް އާއި އެފްއޭއެމުން ދޭން ބުނި ބޯނަސް ނުދޭ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އާއްމު އުސޫލަކީ ނިމުނު މަހުގެ މުސާރަ ޝީޓް ފެށޭ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފޮނުވުން ކަމަށާއި އެކަމަކު އެފްއޭއެމުން ފޮނުވަނީ ތިން މަހުން ތިން މަހުން ކަމަށެވެ.
"އެފްއޭއެމުން ބުނަނީ ކުޅުންތެރިން ވެސް ބޭނުންވަނީ އެގޮތް ކަމަށް. އެއީ މަހުން މަހަށް ނެގުމުގެ ބަދަލުގައި ގަނޑުކޮށް ފައިސާ ލިބޭތީ އެގޮތް ކުޅުންތެރިން ރަނގަޅު ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު ސާކިއުލާ ވެސް ނެރެފިން އެގޮތަށް ނަހަދައި ގަވާއިދުން ފޮނުވަން."
އޮފިޝަލް ވިދާޅުވީ މި ފަހަރު ފޮނުވީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި، ޓެކްނިކަލް މައްސަލައަކާ ހެދި ލަސްވި ނަމަވެސް ފަހަރުގައި މިއަދު ވެސް މުސާރަ ޖަމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ތިން މަހުން ފޮނުވީ މި ފަހަރު އެކަނި ކަމަށާއި އެގޮތަށް ހެދީ ސާފް ސުޒުކީ ކަޕުގެ ޓްރެއިނިންގެ ކޭމްޕް އޮތުމުން ފައިނަލް 23 ކުޅުންތެރިން ކުރީބައިގައި އެނގިދާނެތީ ކަމަށެވެ.
"ޓްރެއިނިންގައި 30 ކުޅުންތެރިން ބައިވެރިވަމުން އަންނަނިކޮށް އޭގެ ތެރެއިން 23 ކުޅުންތެރިންނަށް މުސާރަ ދީފި ނަމަ ސްކޮޑް އެބަ އެނގިގެންދޭ ކުރީ ބައިގައި. އެހެންވެ ކޯޗުގެ ލަފާގެ މަތިން، މި ފަހަރު ފަސްކޮށްލީ،" ޖަވާޒް ވިދާޅުވި އެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސަރުކާރުންދޭ ބޯނަސް ފައިސާ ދިނުމަށްޓަކައި، ކުޅުންތެރިންގެ ތަފްސީލް ވެސް އެފްއޭއެމުން ފޮނުވީ ވަރަށް ފަހުން ކަމަށާއި ލަސްވީ އެ ސަބަބާ ހެދި ކަމަށެވެ. ބޯނަސްގެ ގޮތުގައި ކޮންމެ ކުޅުންތެރިޔަކަށް 35،000 ލިބޭނެ ކަމަށް ނޫސްތަކުގައި ލިޔެފައި އޮތަސް، ސްޕޯޓްސް ކައުންސިލުން ފާސްކޮށްފައިވާ އުސޫލުގެ ދަށުން ކޮންމެ ކުޅުންތެރިޔަކަށް ލިބޭނީ 25،000ރ. ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިން ބޯނަސްތައް އެއީ ބޭސް ލައިނެއް ކަމަށް ބަލާފައި، ސްޕޯޓްސް ކައުންސިލުން ފާސްކޮށްފައިވާ އޮނިގަނޑުގެ ދަށުން ކޮންމެ ކުޅުންތެރިޔަކަށް 25،000ރ. ބޯނަހެއް ލިބޭނީ،" އޭނާ ވިދާޅުވި އެވެ.
"މިހާރު"ގެ ނޫސްވެރިންނާ ބައްދަލުކޮށް ޓީމުގެ ކުޅުންތެރިން އަންގާރަ ދުވަހުގެރޭ ބުނީ އެއްވެސް އުއްމީދެއް ނެތް ފަހަރެއްގައި ގޮސް ހޯދި ކާމިޔާބީ ދިވެހި ރައްޔިތުން ބަލައިގަނެ ޝުކުރުއަދާކޮށްފައިވާ ކަމަށާއި އެކަން ހެޔޮ ހިތުން ގަބޫލުކުރާ ކަމަށެވެ. އެކަމަކު ކަމާބެހޭ އެއްވެސް އިދާރާއެއްގެ ފަރާތުން އެކަން ބަލައިގަން ކަމުގެ ނިޝާނެއް ނުފެންނަ ކަމަށް އެ ކުޅުންތެރިން ބުންޏެވެ.
ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮންމެ ކުޅުންތެރިޔަކަށް 200،000ރ. ބޯނަހެއް ސަރުކާރުގެ ފަރާތުން ދެއްވަން ނިންމެވި އެވެ. އަދި އެ ފައިސާގެ ޗެކް ކުޅުންތެރިންގެ ފައި އެއާޕޯޓުގައި ޖެހުމާ އެކު ހަވާލުކުރި އެވެ. މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ދިން އެހީއާ އެކު ކޮންމެ ކުޅުންތެރިޔަކަށް ޖުމްލަ 308،000ރ. ގެ ބޯނަހެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއާޒު
11 October 2018
ރަންތަށި ހޯދި ޓީމުގެ ދިފާއުގަ ނުކުންނަން ތައްޔާރުތޯ؟
ހުސޭނުބެ
11 October 2018
ތިޖޫރީ އިންތާ އިނީ ވަޅުގަނޑެވެ. ކެމްޕޭންކޮށް ނިމުނުއިރު ހުސްވީއެވެ.
ސަލާހު
11 October 2018
އަންހެން ޓީމްގެ މުސާރަ ނުލިބޭތާ 6 މަސް !!!!!
ޖަންޖަބީލު
11 October 2018
ބަލަ ސަލާހު ރަގަޅަށް މައުލޫމާތު އޮޅުން ފިލުވައިގެން ކޮމެންޓް ކޮއްބަލަ !!!!
ފަދުވާ
11 October 2018
ސަލާހައް މާ އިނގެނީ
ހެއްވާަ
11 October 2018
އިބޫ ވެރި ކަމަށް އައިމަ.
ބާބާ
11 October 2018
މުޅިތަން އޮތީ ގަޑުބަޑުވެފަ. އެފްއޭއެމް އިން ކިއާ އެއްޗަކާ ސްޕޯޓްސް މިނިސްޓަރީން ކިއާ އެއްޗަކާ ދުމަލެއްނުވޭ. ހުރިހާ ދުއްތުރާލެއް ކުޅުންތެރިންނަށް، އެވެސް ތަށިހިފައިގެން އައިމަ ވީވަރު. އަނެއްކާ ތަށި ނުލިބޭނެ ކަމަށް ޔަގީންކޮށް ފައިސާ ކޮޅު ތަޅާ ބުރުއްސާލީތަ؟
ކަނދިކަމަނާ
11 October 2018
ފައިސާ ނެތީމަ
ފުންއަސަރު
11 October 2018
ދެވޭވަރަށް ފައިސާ ނެތީ. ކުރިން ތަށިހިފައިގެން އައިމަ ކުޅުންތެރިޔަކަށް 200000 ދިނަސް މިހާރު އެވަރަށް ދެވޭކަށްނެތް. މިފަހަރު ދޭންޖެހެނީ 35000 ރުފިޔާއޭ ވެސް ކިޔާއަޑު އެހިން. އެވަރުވެސް އެއުޅެނީ ނުދެވިގެން. ހުރިނަމަ ދޯ ދެވޭނީ. ކައި ކައި ހުސްކޮށްލާފަ މިހާރު އޮތީ ހުސް ތޮށިގަނޑު. އުންމީދުކުރަން އެކުދިންނަށް ދޭންވާ ފައިސާ ލަސްތަކެއްނުވެ ލިބޭނޭކަމަށް.