ސިފައިން އަތުން ބަދަލުހިފައި ޕޮލިހުން ގައުމީ ތަށި އުފުލާލައިފި

އެސޯސިއޭޝަން ކަޕުގެ ފައިނަލުން ބަލިވުމުގެ ބަދަލުހިފައި، ސީދާ ތިން ސެޓުން ވާދަވެރި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ މުބާރާތުގެ ތަށި ރޭ އުފުލާލައިފި އެވެ.


މިއީ ހަތަރު އަހަރަށް ފަހު ޕޮލިހަށް ގައުމީ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ރޭގެ ފައިނަލަށް ނުކުތްއިރު ސިފައިންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަތަކެވެ. ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ކަކުލަށް އަނިޔާވެފައިވާއިރު، ޕާކިސްތާނުގެ ކުޅުންތެރިޔާ މުހައްމަދު ވަސީމް ހުރީ ހުން އައިސްފަ އެވެ. އަދި ޓީމުގެ އަހުމަދު އަނިލް އާއި ހުސެއިން ޝާހިދު (ޝާޑު) ވެސް ހުރީ އަނިޔާގަ އެވެ. އަނިޔާގައި ތިބި ނަމަވެސް އެ ކުޅުންތެރިން ރޭގެ މެޗުގައި ކުޅުނެވެ. އެކަމަކު އިދިކޮޅަށް އޮތް ޕޮލިސް އޮތީ ތަފާތު ރޫހެއްގަ އެވެެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗު ފަށައިގެން ޕޮލިހުން އޮތީ ރަނގަޅު ލީޑެއްގަ އެވެ. ރަނގަޅު ފޯމެއްގައި ހުރި އަލީ ހުޒާމް (ހުޒާންޓެ) އާއި ޕާކިސްތާނުގެ ކުޅުންތެރިޔާ މުރާދު ޖީހާންގެ ބާރު ޝޮޓްތަކާ އެކު ޕޮލިހުން ދިޔައީ ބޮޑު ލީޑެއް ދަމަހަައްޓަމުންނެވެ. ސިފައިންގެ ޓީމުގެ ޑިފެންސުން ގިނަ މައްސަލަތަކެއް ފެނުނުއިރު، ޕޮލިސް އޮތީ މާ ފޯމުގަ އެވެ. އެގޮތަށް ކުޅެގެން ފުރަތަމަ ސެޓު ގެންދިޔައީ 25-16 އިންނެވެ.

ފުރަތަމަ ސެޓު ގެއްލުމުން ސިފައިން ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ދެ ވަނަ ސެޓުގައި ކުރިއަށް ވުރެ ރަނގަޅަށް ކުޅެން ފެށި އެވެ. އަދި މި ސެޓުގެ ބޮޑުބައިގައި ލީޑުގައި ވެސް އޮތީ ސިފައިންނެވެ. އެކަމަކު ޕޮލިސް އޮތީ އަބަދުވެސް ސިފައިން ފަހަތުގައި ވިއްދާފަ އެވެ. ސިފައިންނަށް ގޯސްތައް ހެދެން ފެެށީ ސެޓުގެ އެންމެ ފަހު ކޮޅުގަ އެވެ. ދެ ފަހަރެއްގެ މަތިން ރިސީވްކުރުމުގައި ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި ޕޮލިހުން ދެ ވަނަ ސެޓު ވެސް ގެންދިޔަ އެވެ. އެ ޓީމުން ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.

މިރޭގެ ފައިނަލުގެ ތެރެއިން ޕޮލިހުގެ މުރާދު ބޯޅައެއް ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ސެޓު އަމިއްލަ އަތުގައި އޮވެ، ނިންމަން ވެސް ލިބިފައި ގެއްލުމުން ތިން ވަނަ ސެޓަށް ނުކުތްއިރު ސިފައިންގެ ޓީމުން ކުރީގެ ހިތްވަރެއް ނުފެނެ އެވެ. ތިން ވަނަ ސެޓުގެ ކުރީކޮޅުގައި ގިނަ ގޯސްތަކެއް ސިފައިންނަށް ހެދުނުއިރު، ޕޮލިހުން ދިޔައީ ޕޮއިންޓަކަށް ފަހު ޕޮއިންޓެއް ހޯދަމުންނެވެ. މި ސެޓުގައި ޕޮލިހުގެ ހަސަން ނިލާމް (ޕާޓޭ) ރަނގަޅު ކުޅުމެއް ދެއްކި އެވެ. ސިފައިންނަށް ކުޅުން ރަނގަޅު ނުކުރެވުނުއިރު ޕޮލިހުން ވަނީ ފަސޭހަކަމާ އެކު މި ސެޓު 25-14 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މިއީ މި ފަހަރު ސިފައިން އަތުން ޕޮލިހަށް ހޯދުނު ދެ ވަނަ މޮޅެވެ. އެސޯސިއޭޝަން ކަޕް ފުރަތަމަ ސެމީގައި ސިފައިންގެ މައްޗަށް ކުރިހޯދުނު ނަމަވެސް އެ މުބާރާތުގެ ފައިނަލާއި ގައުމީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުން ސިފައިން އަތުން ޕޮލިސް ބަލިވީ އެވެ. މިރޭގެ މޮޅާ އެކު ޕޮލިހުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މެޗަށް ފަހު ޕޮލިހުގެ ކޯޗު ހާލިދު މުހައްމަދު ބުނީ ތިން ސެޓުން މެޗު ލިބޭނެ ކަމަށް ހީނުކުރާ ކަމަށާއި އެކަމަކު މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ފައިނަލް މެޗުން މޮޅުވުމަށް ފަހު ހުޒާންޓެ އެ ޓީމުގެ ސަޕޯޓަރުންނަށް ޖޯޒީ ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތިން ސެޓުން މޮޅުވާނެއޭ ހިއެއް ނުކުރަން. އެކަމަކު ހުޒާމް، ނިލާމް، ވިޝާމް ދެން މުރާދު ފަދަ ކުޅުންތެރިން މޮޅަށް ކުޅޭނެތީ އޮތް މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން. ފުރަތަމަ ސެމީން ސިފައިންނާ ދެކޮޅަށް އެހާ ވަރުގަދަ އަށް ނުޖެއްސީ ފައިނަލުގައި މި ހިތްވަރު ނެރެން،" މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ހޯދި ހާލިދު ބުންޏެވެ.

ސިފައިންގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނީ ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ކަންތައްތައް ކަމަށާއި އަދި ޓީމުގެ ފަރާތުން ރިސީވިން ފެނުނީ ވަރަށް ދަށްކޮށް ކަމަށެވެ.

"އަނިޔާގެ މައްސަލަ އެންމެ ބޮޑަށް ދިމާވީ. ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި. ދެން ބަދަލުކުރަން ނެތް އެ ފެންވަރުގެ ކުޅުންތެރިންތަކެއް. ދެ ވަނަ ސެޓުގައި އެހާ ވާދަވެރިކޮށް ގޮސްފައި ރެފްރީގެ މިސްޓޭކުން ވެސް ދެ ޕޮއިންޓެއް ގެއްލި އަޅުގަނޑުމެންނަށް ސެޓު ވެސް ގެއްލުނީމަ ވަރަށް އުނދަގޫވި. އެއީ ސެޓެއް ގެއްލިފައި އޮތް ޓީމަކަށް މިހެއް ދިމާވީމަ އަދި މާ އުނދަގޫވާނެ. ދެން ރިސީވިން ވެސް ވަރަށް ގޯސްކޮށް ދިޔަ ދުވަހެއް މިއީ،" މުންތޭ ބުންޏެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ހުޒާންޓެ އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިހުގެ ހުޒާންޓެ، ޕާޓޭ، ހުސެއިން ވިޝާމް (ބުޅިކެ)، އާދަމް ފައިރޫޒް، މުހައްމަދު ނައީމް އަދި ސިފައިންގެ ހުސެއިން ސައީދު (ސޭންޑީ) އަދި އާދަމް ނަސީމް އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ އާއީ ސްޕޯޓްސް ކްލަބްގެ އަރިޒް މުހައްމަދު އެވެ.