ހާލަތު ރަނގަޅެއް ނޫން، ހިތްވަރަކީ ކުޅުންތެރިން: މޯހަން

މާލީގޮތުން ޓީމަށް އެންމެ ބޮޑު މައްސަލަތަކެއް ދިމާވެފައި އޮތް ވަގުތު ޓީމަށް ހިތްވަރު ލިބުނީ ކުޅުންތެރިންގެ ފަރާތުން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.


ސާފް ސުޒުކީ ކަޕަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު ލީގުގެ ކުޅުން އަލުން ފެށުނީ 70 ދުވަހަށް ފަހު އެވެ. އެހާ މުއްދަތަށް ލީގު މެދުކަނޑާލަން ޖެހުނު އެއް ސަބަބަކީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުން ވުމުންނެވެ.

ލީގުގެ ކުޅުން އަލުން ފެށިއިރު، މާލީ ހާލަތު ދަށްވެ ގިނަ ޓީމުތައް އޮތީ އަނދަވަޅަކަށް ވެއްޓިފަ އެވެ. މުސާރަ މައްސަލަޖެހި ބައެއް ޓީމުތަކުން ލީގުގެ މެޗުތަކަށް ނުކުތީ ޕްރެކްޓިހެއް ނުކޮށެވެ. އެ ފަދަ ހާލަތެއްގައި ބައެއް ޓީމު އޮއްވައި އީގަލްސް އިން ވަނީ ޓީމުގެ މާލީ ހާލަތަށް ވިސްނާފައި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ޑެނީ ޑިކްސަން އާއި ލުއިޒް އެޑުއާޑޯ ދޫކޮށްލައިފަ އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ވެސް މާލީ ހާލަތު ރަނގަޅެއް ނޫން. އެހެން ނަމަވެސް ކުޅުންތެރިންނަށް މި ހުރިހާ ކްރެޑިޓެއް ދޭން ޖެހެނީ. ކުޅުންތެރިން ޕްރެކްޓިހަށް އައިސް ބުނާގޮތަށް އެ މަސައްކަތްކުރުމާއި މި ކަންތައްތައް ވަރަށް ރަނގަޅު. ދެކޮޅުން (ކުޅުންތެރިންނާއި މެނޭޖްމަންޓް) މި އަންނަ ރެސްޕެކްޓާ އެކު ކުރިއަށް މި ދަނީ. މިއީ ކްލަބަށް އެހީވުމުގެ މަސައްކަތް،" ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު މޯހަން ބުންޏެވެ.

ފަހަކަށް އައިސް އީގަލްސް އޮތީ ތަފާތު ފޯމެއްގަ އެވެ. ލީގުގައި އެންމެ ގިނަ ލަނޑު ޖެހީ ވެސް އެ ޓީމުންނެވެ. އެކަމުގެ ހާއްސަ ޝުކުރެއް ހައްގުވަނީ ލީގުގައި މިހާތަނަށް ހަތް ހެޓްރިކް ހަދާފައިވާ އަހުމަދު ރިޒުވާން (ރިޒޭ) އަށެވެ. އޭނާ ވަނީ އަށް މެޗުން 23 ލަނޑު ޖަހައިފަ އެވެ. ސީޒަނުގައި ޖުމްލަ އެކު އޭނާ ވަނީ 30 ގޯލު ހަމަކޮށްފަ އެވެ.

މޯހަން ބުނީ ރިޒޭ އަށް އެކަން ހާސިލްކުރެވެނީ މުޅި ޓިމު ކުރާ މަސައްކަތުން ކަމަށާއި މިއީ ޓީމުން ދައްކާ ތަފާތުގެ ނަތީޖާ ކަމަށެވެ.

"ވަރަށް ބޮޑަށް ޓީމުގެ ކޮމްބިނޭޝަން ކުޅުމެއް މި ފެންނަނީ. އަޅުގަނޑުމެންގެ މި ބުރުގައި މި ފެންނަ ހުރިހާ ގޯލެއްގައި ވެސް އެކަން އެ ފެންނަނީ. ރިޒޭ ވަރަށް މޮޅެތި ގޯލުތަކެއް ވެސް ޖަހާފައި އެބަހުރި. އެކަމަކު އިންޑިވިޖުއަލް ގިނަ ގޯލުތަކެއް ނުހުންނާނެ. ވަރަށް ގިނަ ޓީމު ގޯލުތަކެއް ފެނިފައިހުރީ. ރިޒޭގެ ތަފާތަކީ އޭނާ ވަރަށް ގިނަ ފުރުސަތުތަކެއް ބުރަކޮށް މަސައްކަތްކޮށްގެން ހޯދާތީ،" މޯހަން ބުންޏެވެ.

އީގަލްސް އަކީ ވަރަށް އެޓޭކިން ގޭމަކަށް ވިސްނައިގެން ކުޅޭ ޓީމަކަށްވާއިރު މޮޅު ގޯލްކީޕަރެއް ހުރުން މުހިއްމު ކަމަށް މޯހަން ދެކެ އެވެ. އަދި އެ ޓީމުގެ ކާމިޔާބީގައި ގޯލުގައި ހުންނަ ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ދައުރު ބޮޑުކަން މޯހަން ފާހަގަކުރި އެވެ.

"އިދިކޮޅު ޓީމަށް އަޅުގަނޑުމެން މި ކުޅޭ ސްޓައިލުގެ ސަބަބުން ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ލިބޭނެކަން އެނގޭ. އެ ލިބޭ އެއްޗެހީގައި ސުޖަންގެ މޮޅު ކުޅުންވެސް އެބަފޭނެ. ސުޖަން ހުރީމަ ވަރަށް ފައިދާވޭ." ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި އަދި. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ އަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.

ސީޒަން ދިގުލައިދާތީވެ، ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު އެކި ސަބަބުތަކާ މި ފަހަރުގެ އެފްއޭ ކަޕް ނުބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ގައުމީ މުބާރާތް ވެސް އަންނަ އަހަރު ކުރީކޮޅަށް ފަސްކުރުމުން ސީޒަނުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ ތިން މެޗެވެ.

ކޮންމެ ޓީމެއް ވެސް 13 މެޗު ކުޅުނުއިރު ޓީސީ އެއް ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާގެ 31 ޕޮއިންޓް އޮތްއިރު، އީގަލްސް ތިން ވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ނިއު އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

އީގަލްސް އަކީ މި ފަހަރުގެ މާލޭ ލީގުގެ ވެސް ދެ ވަނަ އެވެ. މޯހަން ބުނީ ޕްރިމިއާ ލީގުގެ ދެ ވަނަ އަކީ އެ ޓީމުގެ ޓާގެޓް ކަމަށެވެ.

"މިހާ ހިސާބުގައި އިނީމަ އަޅުގަނޑުމެން ވެސް ދެ ވަނަ ހޯދަން މި މަސައްކަތްކުރަނީ. އުއްމީދުކުރަނީ އެ މަގާމު ލިބޭނަކަމަށް. އެކަމު އަޅުގަނޑުމެން އަތުގައި ބާރެއް ނެތް. ބާރު އޮތީ މާޒިޔާ އަތުގައި. އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަކީ ހުރި މެޗެއް ވިއްޔާ ކާމިޔާބުކުރުން،" އޭނާ ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ރައްޔިތުންގެ މަޖިލީހުން ރަސްމީ ބޯޅަ ދަނޑު ނެގުމުން ލީގުގެ ދެ މެޗެއް ވަނީ ފަސްކޮށްފަ އެވެ. ލީގުގެ ކުޅުން އަލުން ފަށަން ނިންމާފައިވަނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު އީގަލްސް ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.