ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް

އަލީ އަޝްފާގު (ދަގަނޑޭ) ގެ ހަތަރު ގޯލާ އެކު ފ. ނިލަންދޫ އަތުން މިއަދު ހަވީރު 7-0 އިން މޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޓީސީ ސްޕޯޓްސް ކްލަބުން ޖެހިލައިފި އެވެ.


މިއަދުގެ މެޗަށް ނުކުތްއިރު ލީގުގައި ރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން މާޒިޔާ މޮޅުވުމުން ވަނީ އެއް ވަނައިގައި ޓީސީގެ ލީޑު ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. މި މެޗުން ޓީސީ މޮޅުވުމުން ވަނީ އެ ޓީމަށް އަލުން ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ޓީސީ އެއް ވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާގެ އޮތީ 34 ޕޮއިންޓެވެ.

ލީގުގައި ދެން އޮތް މެޗުން މާޒިޔާއާ އެއްވަރުކޮށްލައިގެން ޓީސީ އަށް ލީގު ކަށަވަރުކުރެވޭނެ އެވެ. އެ މެޗުން ބަލިވިޔަސް ފަހު މެޗުން އީގަލްސް އަތުން މޮޅުވެގެން ޓީސީ އަށް ލީގު ހޯދޭނެ އެވެ. މާޒިޔާ އަށް ލީގު ލިބެން އޮތީ ޓީސީ އަށް ދެން އޮތް ދެ މެޗުން ވެސް މޮޅެއް ނުލިބި މާޒިޔާ ކުޅޭ މެޗުތަކުން ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެގެންނެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އަދިވެސް ލީގު އެއްކޮށް ޔަގީންނުކުރާނެ ކަމަށާއި އަމާޒަކީ ދެން އޮތް ދެ މެޗުން ވެސް މޮޅުވުން ކަމަށެވެ.

"ކުރިއަށް އޮތް މެޗަށް ދާއިރު މި މެޗުން ތިން ޕޮއިންޓް ލިބުނީމަ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ކޮންމެ ގޮތެއް ވިޔަސް ކުރިއަށް އޮތް ދެ މެޗުން މޮޅުވުން ވެސް މުހިއްމު. މި ރަން ގައި ކުރިއަށްދާން ބޭނުންވަނީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ލީގު ކާމިޔާބު ކުރިޔަސް އަންނަ އަހަރު އޭއެފްސީ ކަޕްގައި ނުކުޅެވޭނެ ކަމާ މެދު މި ވަގުތު ވާހަކަ ދެއްކުމަށް ވުރެ އިސްކަމެއްދެނީ ކުރިމަތީގައި އޮތް މެޗުތަކުން މޮޅުވެ މި މުބާރާތުގެ ތަށި އުފުލާލަން ކަމަށެވެ.

އުމުރުން 33 އަހަރުގެ ދަގަނޑޭ ވަނީ މިއަދުގެ ގޯލުތަކާ އެކު މި ސީޒަނުގައި މިހާތަނަށް 40 ލަނޑު ޖަހައިފަ އެވެ. ސީޒަނުގެ ކުރީކޮޅުގައި ނިއު އަށް 20 ލަނޑު ކާމިޔާބު ކޮށްދިންއިރު، ޓީސީއާ ގުޅުނު ފަހުން ވަނީ އެ ޓީމަށް ވެސް 20 ލަނޑު ހަމަކޮށްފަ އެވެ. މި ފަހަރުގެ ރަން ބޫޓު ރޭހުގައި އެންމެ ކުރީގައި އުޅެނީ ވެސް ދަަގަނޑޭ އެވެ.

މިއަދުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ދަގަނޑޭ (ކ) އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗު ފަށައިގެން 20 ސިކުންތު ތެރޭ ޓީސީގެ ފޯވާޑް ދަގަނޑޭ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ނިލަންދޫގެ ކީޕަރު އަލީ ސޮބާހު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ ފަސް ވަނަ މިނިޓްގައި ދަގަނޑޭ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ކީޕަރު ސޮބާހު އަތުގައި ޖެހިފައި މުހައްމަދު އައްޒާމަށް ލިބުނު ބޯޅަ ފޮނުވާލުމުން ވެސް ކީޕަރު ސޮބާހު ވަނީ ހުއްޓުވައިފަ އެވެ.

ޓީސީ އަށް ލީޑުނަގައިދިނީ މެޗުގެ 23 ވަނަ މިނިޓްގައި އައްޒާމް އަބްދުﷲ (އެޑޫ) އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް އެޑޫ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ކައުންޓަ އެޓޭކުގައި ނިލަންދޫގެ ބިދޭސީ ކުޅުންތެރިއާ ލޫކަސް އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލުން ލަސްކޮށްލުމުން ވަނީ ބޭނުން ނުހިފިފަ އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި ޓީސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ކީޕަރު ސޮބާހު ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ދަގަނޑޭ ވަނީ ޓީސީ އަށް ލީޑުފުޅާކޮށްދީފަ އެވެ. އޭރިއާ ތެރެއަށް ކޯނަރަކުން ހުރަސްވި ބޯޅައެއް ދަގަނޑޭ އަށް ލިބުމުން އޭނާ ވަނީ ވެއްޓިގެންފައި ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޓިސީގެ ތިން ވަނަ ލަނޑު މެޗުގެ 33 ވަނަ މިނިޓްގައި ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ސައްޓު މި ލަނޑު ޖެހީ ދަގަނޑޭ ފޮނުވާލި ހަމަލާއެއް ކީޕަރު ސޮބާހު އަތުގައި ޖެހިފައި ލިބުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ޓިސީން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ފޭދޫ އިއްބެ އާއި ދަގަނޑޭ ފޮނުވާލި ބޯޅަތައް ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ 58 ވަނަ މިނިޓްގައި ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފު ކުޅެން އެރި ނަޝާހު އަހުމަދު (ނައްޓު) ހުސްކޮށްލާފައި ދަގަނޑޭ އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީގެ ފަސް ވަނަ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓްގައި އޭރިއާތެރެއިން ފޭދޫ އިއްބެ އެވެ. އޭގެ 14 މިނިޓް ފަހުން ދަގަނޑޭ ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި ދަގަނޑޭ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ކީޕަރު ސޮބާހު ބޯމަތިން ގޯލުގެ ދުރު ކަނަށް އޮއްސާލައިފަ އެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން މިނިޓެއް ފަހުން ދަގަނޑޭ ވަނީ ޓީސީގެ ހަތް ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗަށް ފަހު ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ޓީސީ ކަހަލަ މޮޅު ޓީމަކާ ދެކޮޅަށް ނިލަންދޫ އިން ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރިކަމަށާއި ތަފާތު އެހާ ބޮޑުވީ ޓީސީގައި ތިބި ދަގަނޑޭ ފަދަ އިންޑިވިޖުއަލީ މޮޅެތި ކުޅުންތެރިން ދެއްކި މޮޅު ކުޅުން ކަމަށެވެ. އަދި ބާކީ އޮތް ދެ މެޗުން ތިން ޕޮއިންޓް ހޯދައި ށ. ފޯކައިދޫ އަށް ވުރެން މަތިން ނިންމަށް ބޭނުންވާ ކަމަށް ބުންޏެވެ.

ލީގުގައި މިރޭ ކުޅޭނީ ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސް އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.