މާޒިޔާ އިން ޓީސީ ބުރަކި ޖައްސުވައިފި

ޓީސީ ސްޕޯޓްސް ކްލަބުން ދެ ލަނޑު ޖަހައި، ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ދާދި ގާތުގައި އޮއްވާ މާޒިޔާ އިން ފަހަތުން އަރައި ހަތަރު ގޯލް ޖަހައި 4-2 އިން އެ ޓީމު ބަލިކޮށް، ލީގު ކާމިޔާބުކުރުމުގެ އުއްމީދު އާކޮށްފި އެވެ.


މިއަދުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ޓީސީ އަށް ލީގު ލިބެން އޮތްއިރު އެ ޓީމަށް ދެން އޮންނާނީ މާޒިޔާ އާއި ނިއު ރޭޑިއަންޓް ބުރާސްފަތި ދުވަހު ކުޅޭ މެޗުން މާޒިޔާ ޕޮއިންޓެއް ގެއްލުވާލާތޯ އިންތިޒާރުކުރުމެވެ. އެހެންވެއްޖެ ނަމަ ޓީސީ އަށް ލީގު ކާމިޔާބުކުރެވޭނެ އެވެ. އެ މެޗުން މާޒިޔާ މޮޅުވިޔަސް، ފަހު މެޗުގައި ހުކުރު ދުވަހުގެރޭ އީގަލްސް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ޓީސީ އަށް ލީގު ކާމިޔާބުކުރެވޭނެ އެވެ.

މާޒިޔާ އަށް އޮތީ ނިއު އަތުން މޮޅުވެ، އަދި ފަހު މެޗުން އީގަލްސް އަތުން ޓީސީ ބަލިވޭތޯ ތިބުމެވެ. ޓީސީ އެއް ވަނައިގައި 39 ޕޮއިންޓާ އެކު އަދިވެސް އޮތްއިރު މާޒިޔާ މިވަނީ 37 ޕޮއިންޓް ހަމަކޮށް ޓީސީއާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީމުގެ ގިނަ ކުޅުންތެރިން މިފަދަ ހާލަތްތަކަށް ތަންކޮޅެއް އާ ކަމަށާއި އެކަމަކު މި މެޗުން ބަލިވި ނަމަވެސް އޭނާ އެކަން ނަގާނީ ޕޮޒިޓިވްކޮށް ކަމަށެވެ.

"މިހާރު މިއޮތީ ލީގު އޭގެ ބިއުޓީގައި، ފަހު މެޗުން އަމިއްލަ ބާރުގައި މޮޅުވެ ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފައި،" ނިޒާމްބެ ބުންޏެވެ.

ޓީސީގެ ފޭދޫ އިއްބެ (ކ) އާއި ސައްޓު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުގައި ޕްރެޝަރާ ކުރިމަތިލާން ޖެހުނުއިރު ފަހު މެޗުގައި އަމުދުން ޕްރެޝަރު އޮންނާނެ ނޫންތޯ އެހުމުން ނިޒާމްބެ ބުނީ އޭނާ އަށް ވިސްނެނީ އެއަށް ވުރެ ޕޮޒިޓިވްކޮށް ކަމަށެވެ.

"އެއީ ޓީސީ އަކީ ބަލިވީމާ ޖެހިގެން އަންނަ މެޗުގައި ގައިގައި ނެތް ހިތްވަރު ނެރެ މޮޅުވާނެ ޓީމަކަށް ވާތީ. އެހެންވީމާ އަޅުގަނޑު ނަގާނީ ޕޮޒިޓިވްކޮށް މިކަން،" ނިޒާމްބެ ބުންޏެވެ. "އަނެއްކާ ޓީސީ އަކީ ޑިފެންސް ކޮށްގެން ކުޅެން އުނދަގޫ ޓީމެއް. ދެން މެޗުގައި އަމިއްލަ ބާރުގައި ސީދާ މޮޅުވެގެން ވިން ކުރެވޭނެ ކަމުގެ ގެރެންޓީ އޮންނާނެ. އެހެންވީމާ އުއްމީދު އެބައޮތް."

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އޭނާގެ ޓީމުން މެޗަށް ނުކުތީ، އޮތް ހަމައެކަނި ފުރުސަތަކީ މިއީކަން ދަނެގެން ކަމަށާއި ކާމިޔާބީގެ ސިއްރަކީ އެއީ ކަމަށެވެ. އަދި ޓީސީ ފަދަ ވަރުގަދަ ޓީމެއްގެ އަތުން ފަހަތުން އަރައި މޮޅުވި މޮޅުވުމަކީ ކުޅުންތެރިންގެ މެންޓާލިޓީ ވަރުގަދަކަން ހާމަވާކަމެއް ކަމަށް އިންމަ ބުންޏެވެ.

"އަދިވެސް އަޅުގަނޑުމެންގެ މަސައްކަތަކަށް ބަދަލެއް ނާދޭ. ކުރިން ވެސް ފާހަގަކުރިން ހެން ފުރުސަތު އޮތީމާ ފަހު ވަގުތާ ހަމަޔަށް ވެސް މަސައްކަތްކުރާނަން،" އިންމަ ބުންޏެވެ.

މިއަދުގެ މެޗު ފަށައިގެން މާޒިޔާ އިން ނުރައްކާތެރި ދެ ހަމަލާ އުފައްދާފައިވަނިކޮށް 15 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ޓީސީ އަށް ކުރި ހޯދައިދީފަ އެވެ. މާޒިޔާގެ ޑިފެންޑަރު ސަމޫހޫ އަލީ (ސަމުއްޓެ) ފައިގައި ޖެހިފައި އޭރިއާ ތެރެއިން އިއްބެ އަށް ލިބުނު ބޯޅަ އޭނާ ޖެހުމުން ގޯލަށް ވަނީ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފުގެ ފައި ދޭތެރެއިންނެވެ. އެ ލަނޑަށް ފަހު މާޒިޔާ އަށް ހަމަޔަކަށް ނޭޅެނީސް 23 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ޓީސީގެ ލީޑު ފުޅާކޮށްދީފަ އެވެ. ސާދު ނިޒާރު ހުރަސްކުރި ބޯޅަ ދަގަނޑޭ ވަނީ މާޒިޔާގެ ޑިފެންޑަރެއްގެ ފަހަތުގައި ހުރެ މަޑުމަޑުން ގޯލުގެ އެތެރެއަށް ވައްދާލައިފަ އެވެ.

ޓީސީގެ ދަގަނޑޭ (ވ) އަތުން ބޯޅަ ހޯދަން މާޒިޔާގެ ސަމުއްޓެ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ބޮޑު ލީޑާ އެކު މާޒިޔާ އަށް އެ ޓީމު އަތުނުވާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް ވައްދާލީ ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުންނެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސްޓެވާޓް ނެގި ހުރަހަކުން ދާދު ވަނީ ބޮލުން ގޯލް ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ޓީސީން ކުރިއަށް ޖެހިގެން ކުޅުނުއިރު އޭގެ ފައިދާ މާޒިޔާ އިން ނެގީ ކައުންޓާ އެޓޭކުގަ އެވެ. އެގޮތުން އެ ޓީމުން ފުރަތަމަ ފަހަރަށް ލީޑު ނެހީ 60 ވަނަ މިނެޓުގައި މޫސާ ޔާމީން (ޔާންބެ) ޖެހި ގޯލުންނެވެ. ޓީސީ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި ބޯޅަ ފެނު ޖެހިފައި މައްޗަށް އެރި ވަގުތު ޔާންބެ ވަނީ ބާރު ޝޮޓަކުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މާޒިޔާ އިން ތަފާތު ބޮޑުކުރީ 79 ވަނަ މިނެޓުގައި ދާދި ޖެހި ގޯލުންނެވެ. ކައުންޓާގައި ސްޓެވާޓް އަރައި މާޒިޔާގެ ދެ ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ ފޮނުވާލި ޝޮޓް ގޯލް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ދާދު ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މާޒިޔާގެ ތިން ލަނޑުގައި ވެސް ދާދު އާއި ސްޓެވާޓްގެ ހިއްސާ އޮތްއިރު މި ދެ ކުޅުންތެރިންނަކީ މިދިޔަ އަހަރު ޓީސީގައި ވިދާލި ދެ ކުޅުންތެރިންނެވެ.