މިދިޔަ ސީޒަނުގައި ވިކްޓަރީ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މިހާރު
26 ޖެނުއަރީ 2019 - 23:22
ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ، އެފްއޭއެމުން އެޅީ ތާކުންތާކު ނުޖެހޭ ޒާތީ ފިޔަވަޅެއް ކަމަށް ނިއު ރޭޑިއަންޓުން މިރޭ ބުނެފި އެވެ.
ނިއު ރޭޑިއަންޓުން އެހެން ބުނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިއަދާ ހަމައަށް އެ ކްލަބުން 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ދިނުމަށް އެފްއޭއެމުން ތަކުރާރުކޮށް އެންގުމުން ވެސް އެ އަށް އަމަލު ކޮށްފައި ނުވާ ކަމަށް ބުނެ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި މައްސަލައިގައި ނެރުނު ބަޔާނެއްގަ އެވެ.
ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރިކަން އާންމުކޮށް އިއުލާން ކުރުމަށްޓަކައި އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއް ގައި ބުނީ، އެ ކްލަބުން 10 ކުޅުންތެރިއަކާ އެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރުމެއް ނެތި ކަންތައް ކުރީ އެ މީހުންގެ ހައްގު ގެއްލޭ ގޮތަށް ކަމަށެވެ. އެހެންވެ، އެފްއޭއެމުން ރާވާ އެއްވެސް މުބާރާތެއްގައި ނިއު ރޭޑިއަންޓަށް ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އެ ފިޔަވަޅަށް ލުޔެއް ލިބޭނީ ދައްކަން ޖެހޭ ފައިސާތައް ހަލާސް ކުރުމުން ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެ އެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ ނިންމުމަށް ރައްދު ދީ، ނިއު އިން ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމުން ކަންތައް ކޮށްފައި ވަނީ ތާކުންތާކު ނުޖެހޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ފުޓްބޯޅަ ކްލަބްތަކެއް ފަދައިން ނިއު ވެސް އޮތީ މާލީ ގޮތުން އަޑިއަޅާލާފައި ކަމަށާއި ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބެއްގައި މުސާރައިގެ މައްސަލަތަކެއް ހުއްޓާ ހަމައެކަނި ނިއުއާ ދޭތެރޭ ފިޔަވަޅު އެޅުން ގަބޫލު ނުކުރެވޭ ކަމަށެވެ.
"އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް 23 ޖެނުއަރީ 2019 ވަނަ ދުވަހު މި ކްލަބުން ހާޒިރުވުމުން، އެ ކޮމިޓީން އެދިފައި ވަނީ ކުޅުންތެރިންގެ މުސާރަ ދިނުމަށް ކްލަބުން ޕްލޭން ކޮށްފައިވާ ގޮތާއި އަދި އޭގެ ތަފްސީލް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެފްއޭއެމަށް ލިޔުމަކުން އެންގުމަށެވެ. އަދި އެ ދުވަހުގެ ބައްދަލުވުމުގައި ކޮމިޓީގެ އޮފިޝަލުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި މި ކްލަބަށް (ނިއު) ވުރެން މުސާރައިގެ މައްސަލަ ގިނަ ދުވަސްވީ ކްލަބްތައް ހުރިކަމަށް ބުނެފަ އެވެ." ނިއު ރޭޑިއަންޓުގެ ބަޔާނުގައި ވެ އެވެ.
އެ ކްލަބުން ބުނިގޮތުގައި، އެފްއޭއެމްގެ ފަރާތުން ލިބެން ޖެހޭ ފައިސާ 2016 ވަނަ އަހަރުން ފެށިގެން ނުލިބެ އެވެ. އަދި އެހެން އެކަން އޮއްވައި މިފަދަ ގޮތަކަށް އެ ކްލަބަށް އިންޒާރެއް ދިނުމެއް ނެތި ސަސްޕެންޑް ކުރުމަކީ އުސޫލުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ނިއު ރޭޑިއަންޓުން ބުނެ އެވެ.
ނިއު އިން ބޮޑު ޚަރަދުތަކާ އެކު މިދިޔަ ސީޒަނާ ކުރިމަތިލިއިރު، އެ ޓީމަށް މާލީ މައްސަލަތައް ދިމާވީ އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ފުރުސަތު ނުލިބުމުންނެވެ. އޭގެ ފަހުން، އެކި ސަބަބުތަކާ ހުރެ އެ ޓީމު ދޫކޮށް ގިނަ ކުޅުންތެރިންތަކެއް ދިޔައިރު، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
މިދިޔަ އަހަރު އެންމެ ބޮޑަށް މުސާރައިގެ މައްސަލަ ދިމާވީ ވިކްޓަރީ އަށެވެ. އެ ކްލަބުން މުސާރަ ނުދޭތީ ދެ މެޗަކަށް ކުޅުންތެރިން ހާޒިރު ވެފައި ނުވާއިރު، އެފްއޭއެމުން ވަނީ ވިކްޓަރީގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ލޯނެއް ވެސް ދީފަ އެވެ. ވިކްޓަރީން އެންމެ ފަހުން ބުނެފައި ވަނީ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ. މިދިޔަ ސީޒަނުގައި ވިކްޓަރީން މެޗަށް ހާޒިރު ނުވުމުން ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ބުނި ނަމަވެސް އެ ކްލަބާ ދޭތެރޭ އެޅި ފިޔަވަޅެއް މިހާތަނަށް މީޑިއާ އަށް ހިއްސާ ކޮށްފައެއް ނުވެ އެވެ.
އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ޚިލާފަށް ކަންކަން ކޮށްފައިވާތީ ވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އެ އިދާރާގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތް ކުރާ ކަމުގެ ވަރުގަދަ ސިގްނަލެއް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އިއްޔެ ވަނީ ދެއްވައިފަ އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ވޯޓުލުމުގެ އިހުތިޔާރު ލިބިފައިވާ ކްލަބުތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ މަތީ އަދަދަކަށް ކްލަބުތަކުން ތާއީދުކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފި ނަމަ، ދައުރުގެ މެދުތެރެއިން އެ ކޮންގްރެސް ބޭއްވޭނެ އެވެ. އެނގިފައިވާ ގޮތުގައި، ނިއު އިން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވޭ ވަރަށް ކްލަބްތަކުގެ ސޮއި ހޯދައިފަ އެވެ.
ނިއުގެ ސަސްޕެންޝަން އައިސްފައި ވަނީ އެ ކޮންގްރެސް ބާއްވަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނާތީ ކަމަށް ނިއު އިން ބުނެ އެވެ. އެ ކްލަބުން ބުނިގޮތުގައި، ނިއު އިސްވެ އޮވެ ފުރަތަމަ ޑިވިޝަނުގެ އެންމެ ކްލަބެއް ފިޔަވައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން އަންނަނީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
ނިއު އިން ވަނީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް އެ ކްލަބުން އިސް ނަގައިގެން މަސައްކަތް ކުރާ ސަބަބު ވެސް އާންމު ކޮށްފަ އެވެ. އަދި މިއީ ފުޓްބޯޅައާ މެދު ގިނަ ކްލަބްތަކާއި ސަޕޯޓަރުންގެ މެދުގައި ވެސް އޮތް ކަންބޮޑުވުންތަކެއް ކަމަށް ނިއު އިން ބުނެ އެވެ.
- އެފްއޭއެމްގެ ހިންގާ ގަަވައިދާ ޚިލާފަށް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން ވަކިކޮށް، އިތުރު މެމްބަރުން އެ ކޮމިޓީ އަށް އައްޔަން ކުރުން.
- އެފްއޭއެމްގެ ހިންގާ ގަވައިދުގައި ބަޔާން ކޮށްފައިވާ ގޮތަށް އެގްޒެކްޓިވް ކޮމިޓީގެ ޖަލްސާތައް ބާއްވަމުން ނުދިއުން.
- އެފްއޭއެމްގެ ހިންގާ ގަވައިދު ބުނާ އެސޯސިއޭޝަންތައް، ބަޔާން ކޮށްފައިވާ ގޮތަށް އުފަން ކޮށްފައި ނެތުން.
- ރާއްޖޭގެ ފުޓްބޯޅައިގެ ދިގު ތާރީޚު ގައި މެދުކެނޑުމެއް ނެތި ހިންގަމުން ގެންދިޔަ ފުޓްބޯޅަ މުބާރާތްތައް ނުބާއްވައި ދޫކޮށްލުން.
- ކްލަބްތަކާއި އެފްއޭއެމްގެ ހިންގާ ކޮމިޓީ ގައި މަޝްވަރާ ކުރުމެއް ނެތި ފުޓްބޯޅަ ސީޒަން ބަދަލުކުރުން.
- އޭއެފްސީ ކަޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމުތަކަށް ލިބިފައިވާ ފުރުސަތު ގެއްލިގެން ދިއުމުގައި އެފްއޭއެމްގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރެވުން.
- އެފްއޭއެމުން ފުޓްބޯޅައާ ގުޅުން ހުރި ބޮޑެތި ކަންކަމުގައި ކްލަބްތަކާއި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަންކަން ކުރަމުން ގެންދިއުން.
- ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ވައްދައި، އެފްއޭއެމް އޮފީސް ތެރޭގައި ސިޔާސީ އޮފީހެއް ހެދުން.
ނިއުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އެފްއޭއެމްގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގާ ކަމަށް ބުނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ޖުލައި 2017 ން ފެށިގެން އެފްއޭއެމްގެ އިމާރާތުގައި އައީ ހިންގަމުންނެވެ. އެހެންވެ، އެ ތަނުގައި ސިޔާސީ ހަރަކާތްތައް ހިންގާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އެފްއޭއެމަށް އޭރު އަމާޒުވި އެވެ.
ފާތުންގެ އެ އޮފީހަކީ، ޔާމީންގެ ކެމްޕެއިންގެ ބައެއް މަސައްކަތްތަކާއި ޕީޕީއެމަށް މީހުން އިތުުރުކުރުމުގެ ބައެއް ކަންކަން ވެސް ކޮށްފައިވާ ތަނެކެވެ.
އެކަމަކު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވެފައި ވަނީ އެފްއޭއެމްގެ އިމާރާތުގެ އެއްވެސް ތަނެއް ފަސްޓް ލޭޑީ ފާތުންގެ "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.
ބައްސާމް ވަނީ މި މަހު ނުވަ ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ފުޓްބޯޅަ ކްލަބްތަކަށް ސަރުކާރުގެ ފަރާތުން މި އަހަރު ވެސް އެހީ ލިބޭނެކަން ޔަގީން ކުރައްވައިފަ އެވެ. އެ ހިސާބުން މައްސަލަތަކަށް ހައްލެއް ލިބިފައި އޮތް ކަމަށް ބެލެވިފައި ވަނިކޮށް. އެފްއޭއެމްގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ތުހުމަތު ކުރީ، އެ ފައިސާ ނުލިބޭނެ ކަމުގެ ބިރު ދައްކަވައި އެ އިދާރާގެ ލީޑާޝިޕް ބަދަލު ކުރެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފު މަސައްކަތް ކުރައްވާ ކަމަށެވެ.
ނިއު އިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމުން އެ ކްލަބާ މެދު އެޅި ފިޔަވަޅަށް ބެލުމެއް ނެތި ދިވެހި ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ކުރަމުން އަންނަ މަސައްކަތުގައި ކުރިއަށް ދާނެ ކަމަށެވެ.
އެފްއޭއެމުން ނިއު ސަސްޕެންޑް ކުރިއިރު، އެ ޓީމު އަންނަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ފަށާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ފަރިތަ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
27 January 2019
ކޮބާ ބަޖެޓް؟؟ ޕްރޮޖެކްޓް ކުރެވުނު ބަޖެޓް ލިބުނުތަ؟؟ ފުރަތަމަ ވެސް ކުޅުންތެރިންގެ ހައްގު ހިމާޔަތްކުރަންޖެހޭ.މިހާލަތުގަ އެކަނި ކްލަބަށްވުރެ ކުޅުންތެރިން ބޮޑުވަނީ.ޕްލީޒް ޕެެއި ދެމް.އަދި އެފްއޭއެމުން ކްލަބްތަކަށް ދޭންޖެހޭ ފައިސާވެސް އަވަހަށް ދިނުމަށް ގޮވާލަން.މިކަމާއި އެންމެ އުފާވާނީ ހުރިހާކަމެއް ދަންނަ ސުޒޭން.ވ.ވެދުން
ސަނީ
27 January 2019
މުސާރަ ބަރާބަރައް ދީފަ ހުއްޓާތަ ފިޔަވަޅު އެޅީ؟؟ އެހެންވިއްޔާ އެވީ ޒާތީ.. އެކަމް އަހަންނައް އެނގޭ ނުދޭކަން ހަމަ ގޯހީ ކަލޭމެން،
ރާއްޖެ
27 January 2019
ދަނގޭ އިމްރާން ދިޔައީ މުސާރަ ނުދީގެން. ޢެކަހަލަ ކިތައް މީހުންނަށް މުސާރަ ނުދީ އެބަހުރިތަ؟ ފުރަތަމަ ކުޅުންތެރިންނަށް އުޖޫރަ ދީފަ ދެން އެފްއޭގެ ވާހަކަ ދައްކަބަލަ.
އަލީޔ
27 January 2019
ބަލަ ފުރަތަމަ މުސާރަ ދީފަ ދެން އަނގަ ތަޅާބަލަ! މުސާރަ ނުދީ އަދި މިއުޅެނީ ސިޔާސީ ކުޅިވަރު ކުޅެން. ލަދުން ބޯހަލާކު!
މުސާރަ
27 January 2019
ނިއުއާ ނުކުޅޭތި. ތިއީ އަހަރުމެންގެ ލޭ. އަމިއްލަ ޖީބުންވެސް މުސާރަ ދެއްކުމުގައި އެހީތެރިވުމަށް މިހުރީ ތައްޔާރަށް. ބައްސާމް ކަލޭ ބާލާނަން އިންޝާ ﷲ.
ދަރަނި
27 January 2019
ކޮމެންޓުނުކޮށް ތި ޖީބުންނަގާ ކްލަބުގެ ދަރަނި އަދާކުރަންވީނު. ލަދުގަންނަން ޖެހޭނެ ތިކްލަބު އޮތް ހާލަތުފެނި
ދަރަނި
27 January 2019
އެހެންމީހުނަށް އަދާކުރަންޖެހޭ ދަރަނިތައް އަދާކުރޭ. މުސާރައިގެ އެއްބަސްވުމުގައި އެފް.އޭ.އެމުން ފައިސާދިނުމާ މުސާރަދިނުމާ ގުޅުވާފައެއް ނޯންނާނެ. ނުވަންޏާ ހުއްޓާލާފަ ޒިޔާދު ތިތަނުން ބޭރުކުރޭ. މިތާ ކޮމެންޓު ކުރާ ކުދިންނަށް: ނިއުރޭޑިއަންޓަކީ ދިވެހިންގެ ލެއެއްނޫން. ލެޔާ ކައިރިވެސް ނުކުރޭ.
7865
27 January 2019
ބައްސާމް އައްތި ކުޅެވެނީ ދިވެހިންގެ ލެޔާ.ޔާމީން އުޅުނުހެން ގަދަނުދައްކާ ރީތިގޮތުގަ އިސްތިއުފާ ދީ އެހެންނޫނީ ކަންފަތުގަ ހިފާފަ ބޭރުކުރާނީ
މެސީ
27 January 2019
ކުޅުންތެރިންނައް ފުރަތަމަ މުސާރަދީ... އަލީ އާޒިމް ކުރީގަވެސް އެފް އޭ އެމް ހި.ްގަން އުޅުނު.. ވީކަމެއް ހަރާން.. ފްޓްބޯޅައިގެ މުސްތަގުބަލް އުޖާލާވަމުންދާ ދުވަސް ކޮޅެއްގަ މަހުލޫފް ތިކުޅޭ ސިޔާސީ ކުޅިގަނޑު ހުއްޓާލާފަ ފުރުސަތުދީ އެފްއޭ ހިންގަން..